ރ. އަލިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން މިއަދު 'ސަން'އަށް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު 08:30ގައި ފަށާފައިވާ ކަމަށެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

އެ މަޝްރޫއުގެ ދަށުން އަލިފުށީގައި 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކޭ ބިމެވެ.

ބާކީ 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނީ ރަށުގެ ތަރައްގީ އާއި ގެދޮރުވެެރިކަމުގެ ބޭނުމަށެވެ. އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް އަޅާނެއެވެ.

މީގެ އިތުރުން، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 480 މީޓަރުގެ ގްރޮއިންއެއް ގާއިމު ކުރާނެއެވެ.

އެއީ 750 ދުވަސްތެރޭގައި ނިންމަން ހަމަޖައްސާފައިވާ، 451 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.