ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވަން ޖެހޭ އިނާޔަތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމާމެދު ބަންޑާރަނައިބުގެ ލަފަޔަކަށް އެދިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށްޓަކައި ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި މިހާރު ވެސް ބަންޑާރަ ނައިބު އެކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.

"ފުރަތަމަކަމަކީ ކުރީގެ ރައީސް [މުހައްމަދު ނަޝީދަށް] އިނާޔާތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށް ދެއްވާނަމަ ގާނޫނު އިސްލާހުކުރަންޖެހޭ އިސްލާހުކުރުންތަކެއް އެބަހުރި. އަޅުގަނޑުމެން ވަނީ އެކަން އޭޖީއަށް ހުށައަޅާފައި. އޭޖީ އެކަމާ އަދި ރަސްމީ ލަފައެއް ނުދެއްވަ،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެއްވަން ޖެހޭކަމަށް ގާނޫނުގައި ބުނެފައި އޮންނާނީ ފަސް އަހަރުގެ ދައުރެއް ހަމަކުރުމުން ކަމަށާއި ނަމަވެސް ކުރީގެ ރައީސް ނަޝީދު ފަސްއަހަރުގެ ދައުރެއް ހަމަކުރައްވާފައި ނުވާތީ އެބޭފުޅާއަށް އިނާޔަތް ދިނުމުގައި ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
ނަމަވެސް ރައީސުލް ޖުމުހުރިއްޔާ ކަން ކޮށްފައިވާ ބޭފުޅަކަށްވާތީ ކުރީގެ ރައީސް ނަޝީދަށް ސެކިއުރިޓީގެ ކަންކަން ރައީސް ވަހީދުގެ އެންގެވުމުގެ މަތިން ހަމަޖައްސަވާ ދެއްވާފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.

"ރައީސުލްޖުމުހުރިއްޔާ ވަހީދަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުގެ ދަށުން ކުރީގެ ރައީސް ނަޝީދަށް ވަނީ ސެކިއުރިޓީ ހަމަޖައްސަވާދެއްވާފައި. ނަމަވެސް މާލީ އިނާޔަތަށް ގާނޫނޫގެ ދަށުން އެކަން ސާފުވެގެން ނޫނިއްޔާ އަދިއެއް ނުދެވޭނެ،" އައްބާސް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް ދެއްވަން ޖެހޭ އިނާޔަތް ދިނުމާއި ގުޅޭގޮތުން މިހާރު އެކަން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށާއި ދިރާސާކޮށް ނިމުނުހާ އަވަހަކަށް އެކަމާ ގުޅޭ މައުލޫމާތު މީޑިޔާއަށް ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި އެކަމުގެ ލަފަޔަށް އެދިފައި ވަނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.

ރައީސުލްޖުމުހުރިއްޔާ ކަން ކުރައްވާފައިވާ ފަރާތަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއިބެހޭ ގާނޫނުގެ ތިން ވަނަ މާއްދަގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމުހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50000ރ. ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި ރައީސުލް ޖުމުހުރިއްޔާކަން އެއް ދައުރަށް ވުރެ ގިނަ ދައުރު ކޮށްފައިވާ މީހަކަށް 75000 ރުފިޔާ ދައުލަތުން ދޭންވާނެ ކަމަށެވެ.

ގާނޫނޫ އަސާސީގެ 107 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރައީސުލުޖުމުހުރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ