މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ 8 ޖަމާއަތަކަށް ދީފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި 16 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި ކަމަށާއި ހުއްދަ ދީފައިވާ 8 ޖަމާއަތަކީ އެންމެ ރަނގަޅު ކަމަށް ފާހަގަކުރެވުނު ޖަމާއަތްތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހުއްދަދީފައިވާ ޖަމާއަތަކަށް މުޅިއެކު 990 ކޯޓާ މިއަހަރު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ހުއްދަދިން ޖަމާއަތްތަކުގެ ތެރެއިން އަލްޙައިރު ހައްޖު އެންޑް އުމްރާ ގުރޫޕަށް 135 މީހުން ހައްޖަށް ގެންދިއުމުގެ ކޯޓާ ދީފައިވާއިރު އަތަމާ ހައްޖު ގުރޫޕަށް 128 ކޯޓާ އަދި ޔޫ. އެސް ހައްޖު އެންޑް އުމްރާ ގުރޫޕަށް 124 މީހުންގެ ކޯޓާ ދޫކޮށްފައިވެ އެވެ.

އަދި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕަށާއި ޖަމާއަތު ޒައީ ގުރޫޕާއި އަލްމަނާސިކް އަދި އައްޞަފާ އެންޑް އުމްރާއަށް 122 މީހުންގެ ކޯޓާ ދޫކޮށްފައިވާއިރު އަލްފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕަށް 115 ކޯޓާދީފައި ވެއެވެ.

ހައްޖުވެރިންގެ އަތުން މިއަހަރު 71000 ރ. ނަގަނީ ހަތަރު ޖަމާއަތަކުންނެވެ. ހައްޖުވެރިއެއްގެ އަތުން 67000ރ. ނަގަނީ ތިން ޖަމާއަތަކުންނެވެ. އެއް ޖަމާއަތަކުން ނަގަނީ 69000ރ. އެވެ.