އެެއްވެސް މީހަކު ހީނުކުރާ ކަހަލަ ގޮތަކަށް ފަހަތުން އަރައި ލިވަޕޫލްގެ މައްޗަށް ކުއީންސް ޕާކް ރޭންޖާސް 3-2 އިން ކުރި ހޯދުމުން ލިވަޕޫލްގެ ކުޅުންތެރިން ތިބީ ބަސްހުއްޓިފައި ކަމަށް ކޯޗު ކެނީ ޑަގްލިޝް ބުނެފި އެވެ.

"ޗޭންޖިން ރޫމުގައި އެކަކު ވެސް އަނގައިން ނުބުނޭ. އެންމެވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައި. މިއީ އަހަރުމެންނަށް ނުކުޅެވިގެން ނުކުތް ނަތީޖާއެއްނޫން. ކޮންސަންޓްރޭޝަން ދަށަވެގެނެއް ވެސް ނޫން. ބަލިވި ސަބަބު އެބަޖެހޭ ހޯދަން. ކުއީންސް ޕާކް ރޭންޖާސް އަށް ތައުރީފް ވެސް ކުރަން ޖެހޭ،" ޑަގްލިޝް މެޗަށް ފަހު ބުންޏެވެ.

"ނޫސްވެރިންގެ ސުވާލުތަކަށް ދޭނެ މާ ގިނަ ޖަވާބެއްނެތް. އަހަރުމެން މޮޅަށް ކުޅޭ ކޮންމެ މެޗެއްގައި ވެސް. ޗާންސްތައް ކްރިއޭޓް ވެސް ކުރޭ. އެކަމަކު ބަލިވަނީ. މީގެ ސަބަބު ޖެހޭނީ ހޯދަން،" މި ސީޒަނުގެ ކާލިން ކަޕް ލިވަޕޫލަށް ހޯދައިދީ އެފްއޭކަޕް ފައިނަލަށް ގެންގޮސްދިން ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި އުރުގުއޭގެ ޑިފެންޑަރު ކޯޓެސް އާއި ހޮލެންޑް ފޯވަޑް ކޮއިޓްގެ ގޯލުތަކުން ލިވަޕޫލް މޮޅުވަނިކޮށް މާކް ހިއުސްގެ ޓީމުން ނަތީޖާ އަނބުރާލީ ފަހު 13 މިނިޓްގަ އެވެ. ޑެރީ އާއި ސިސޭގެ ލަނޑުތަކުން މެޗު އެއްވަރުވި ފަހުން ލިވަޕޫލް ބަލިވީ ފަހު މިނިޓްގައި މަކާއި ޖަހައިދިން ލަނޑުންނެވެ.

މި ބައްޔާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަތް ވަނާފައި 42 ޕޮއިންޓާއެކުގަ އެވެ. މިއީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ލިބޭ ހަތަރު ވަނަ މަގާމަށްވުރެ 12 ޕޮއިންޓް މަދު އަދަދެކެވެ. ނަމަވެސް ކޯޗު ބުނީ އަދިވެސް އުއްމީދު ދޫކޮށްނުލާ ކަމަށެވެ.
މެޗަށް ފަހު ކުއީންސް ޕާކް ރޭންޖާސްގެ ކޯޗު މާކް ހިއުސް ބުނީ އޭނާގެ ކޯޗިން ހަޔާތުގައި އެންމެ ފާހަގަ ކުރެވޭނީ މި މެޗު ކަމަށާއި އެންމެވެސް ނިންމައިގެން ތިބީ އޭނާގެ ޓީމަށް ސީޒަނުގައި ކާމިޔާބުތަކެއް ނުހޯދޭނެ ކަމަށެވެ.

މި މޮޅާއެކު ކުއީންސް ޕާކް ރޭންޖާސް ވަނީ 20 ޓީމު ވާދަކުރާ ލީގު ތާވަލުގެ 17 ވަނާގަ އެވެ. ފަހަތުން ހަތަރު ވަނަ އެ ޓީމަށް ލިބެނީ 25 ޕޮއިންޓާއެކުގަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ތޯމަސް ވަމާލަންގެ ލަނޑުން އެވަޓަން ބަލިކޮށް އާސެނަލް ވަނީ ތިން ވަނާގަ އެވެ. އެ ޓީމުގެ ފަހަތުން ހަތަރުވަނާގައި ވަނީ ޓޮޓެންހަމެވެ. އެ ޓީމު ރޭ ކުޅުނު މެޗުހައި ސްޓޯކް ސިޓީއާ ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.