ދިވެހި ޓީމުތަކަށް އޭއެފްސީ ކަޕުގައި ކާމިޔާބު ލިބުން ވަރަށް ދުރު ކަމަށް ވީބީގެ ކޯޗު ޖޭން ވަންލީ ބުނެފި އެވެ.

އެންމެ ފަހުގެ ރަނަރަޕް، ކުވޭތު އެފްސީ އަތުން ރޭ 2-2 އިން އެއްވަރުވި މެޗަށް ފަހު ކޯޗު ބުނީ އޭނާގެ ޓީމުން ފުރަތަމަ ދެ ގޯލު ޖެހި ނަމަވެސް މޮޅުނުވެވުނީ ފަހު 10 މިނިޓްގައި ހިފަހައްޓާނުލެވުމުން ކަމަށެވެ. ސަބަބެއް ކަމަށް ފާއިތުވެދިޔަ ދެ އަހަރު ވީބީ އަށް ކޯޗުކޮށްދިން ވަންލީ ބުނީ ޓީމުގެ ތަޖުރިބާ މަދުވުން ކަމަށެވެ.

"ބަލިވީމަ އަހަރެން އެއްގޮތަކަށް ވެސް ބަހަނާ ދައްކަނީ ނޫން. ކިހިނެއް ސިފައިންގެ ޓީމާ، ފަޔާފައިޓިން ޓީމާއެކު ކުޅެގެން މެޗު ތަޖުރިބާ ހޯދާނީ. ފަހު 10 މިނިޓްގައި ހިފަހައްޓާ ނުލެވުނީ ކުޅުންތެރިން ވެސް އާވުމުން،" މި ސީޒަނުގައި ވީބީ ކުޅުނު ދެ ވަނަ މެޗަށް ފަހު ރޭ ވަންލީ ބުންޏެވެ.

މެޗުގެ ފަހު ވަގުތުތަކުގައި ކުޅުންތެރިން ހިނގާފައި އުޅުނު ނަމަވެސް ކޯޗު ބުނީ އޭނާގެ ޓީމުގެ ފިޓްނަސް ދަށް ނޫން ކަމަށެވެ.

"މިއީ ފިޓްނަސް މައްސަލައެއްނޫން. ކުޅުންތެރިންގެ ތަޖުރިބާ މަދީ. ބައެއް ކުޅުންތެރިން ބާލަން ޖެހުނީ. [ލައިބީރިއާ ފޯވަޑް] ޗާލްސް ވެސް ބާލަން ޖެހުނީ އޭނާގެ ހާލަތު ހުރި ގޮތުން. މުޅިން ފިޓްނޫންވީމަ،" ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕުގައި ވީބީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވެ ރޭގެ މެޗު އެއްވަރުވުމުން ލިބިފައިވަނީ މިހާތަނަށް އެންމެ ޕޮއިންޓެކެވެ.