މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އެއް އަހަރު ފުރުނު ދުވަހު، މާލޭ ސިޓީ ކައުންސިލްގެ 'އެއްލައްކަ ގަސް ޕްރޮގްރާމް'ގެ ދަށުން ކަނބާ އައިސާރަނި ހިނގުމުގައި 10 އަނބުގަސް އިންދައިފިއެވެ.

އަނބުގަސްތައް އިންދާފައިވަނީ ތާޖުއްދީން ސްކޫލު ހުންނަ ސަރަހައްދުގައެވެ. އެ 10 ގަހުގެ ތެރެއިން ފުރަތަމަ ގަސް އިންދާދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ. މީގެ އިތުރުން ބައެއް ކައުންސިލަރުން ވެސް ވަނީ ގަސް އިންދާފައެވެ.

މޭޔަރު ވިދާޅުވީ އެ ހަރަކާތަކީ މާލެ ފެހިކޮށް ޗާލު ތަނަކަށް ހެދުމަށްޓަކައި ސިޓީ ކައުންސިލުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

ކަނބާ އައިސާރަނި ހިނގުމުގައި ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން

އަދި އަމާޒަކީ މާލޭގެ އެކި މަގުތަކާއި މައިދާން ތަކުގައި ގަސް އިންދުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މޭޔަރު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮގްރާމެކެވެ.

މާލޭ ސިޓީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިދިނީ މާލޭ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ، މާލޭ ސިޓީ ކައުންސިލްގެ ސީނިއާ އެކައުންޓްސް އޮފިސަރު ޢަބްދުﷲ ރަމީޒުއެވެ.

ނިމިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޢިއްޒު ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ހަ މަސް ދުވަސް ތެރޭ ގަސް އިންދުމަށް ވާންޖެހޭ ތައްޔާރީތައް ނިންމުމަށް ފަހު، ޖެނުއަރީ 1، 2022ގައި ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގައި އެއްލައްކަ ގަސް އިންދާ ނިންމޭނެ ކަމަށެވެ.