22 Mar 2012, 09:34
އދ. މަޖިލިސް (މާޗް 22) : ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވައި އެޤައުމުގެ މައްސަލަ ސިޔާސީގޮތުން މައްސަލަ ޙައްލުކުރުމަށް އދ. ގެ ޚާއްސަމަންދޫބު ކޯފީ އަނާން އެކުލަވާލެއްވި ސުލްޙައިގެ ޕްލޭނަށް އދ. ގެ ސަލާމަތީ މަޖިލިސް ތާއީދުކޮށްފިއެވެ.
މިޕްލޭން ޤަބޫލުކުރުމާބެހޭގޮތުން ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ރިޔާސީ ބަޔާން ގޮވާލަނީ ކޯފީއަނާން އެކުލަވާލައްވާފައިވާ ސުލްޙައިގެ ޕްލޭން އަވަހަށް ތަންފީޒުކުރުމަށެވެ. އަންނާގެ ޕްލޭން ސަލާމަތީ މަޖިލީހުން ބަލައިގަތުމުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކުންވަނީ އެކަމަށް މަރްޙަބާކިޔާފައެވެ.
ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށް އދ. ން ކަނޑައަޅާފައިވާ މަންދޫބު ކޯފީއަނާންއަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަނާން ސޫރިޔާގެ މަސްއޫލުވެރިންނާ އަދި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވުމަށްފަހު އެކުލަވާލެއްވި މިޕްލޭން ބިނާކޮށްފައިވަނީ މައިގަނޑު 6 ނުކުތާގެ މައްޗަށެވެ.
މިނުކުތާތަކުގެ ތެރޭގައި ސޫރިޔާގެ މައްސަލަ ސިޔާސީގޮތުން ޙައްލުކުރުމާއި ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެ އެކަން ތަންފީޒުކުރުން ހިމެނެއެވެ. އަދި ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާދެމެދު ސުލްޙައިގެ ވާހަކަ ދައްކައިގެން ސޫރިޔާއަށް މަލްޓިޕާޓީ ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރުމާއި ދެފަރާތުން ހައްޔަރުކޮށްފައިވާ މީހުން އަވަހަށް ދޫކޮށްލުންވެސްހިމެނެއެވެ. މީގެއިތުރުން ސުލްޙަވެރިކަމާއެކު އިޙްތިޖާޖް ކުރުމުގެ ފުރްސަތު ރައްޔިތުންނަށް ދިނުންވެސް އަނާންގެ ޕްލޭންގައި ހިމެނެއެވެ.
ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ޢަމަލުތަކާއި ލޭއޮހޮރުވުންތަކުގައި ސަރުކާރު ސިފައިންދިން ޙަމަލާތަކުގައި އިއްޔެވެސް 80 އެއްހާ މީހުން މަރުވިކަމަށް އިދިކޮޅު ފަރާތްތަކުންބުނެއެވެ. -- އަލްޖަޒީރާ