20 May 2022, 21:56
ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުކުރި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުރެއް އެކަމުގައި ނުވާ ކަމަށާއި އެމަނިކުފާނާމެދު ހިތުގައި ބުރަކަމެއް ނެތް ކަމަށް ރިޟްވާންގެ ބައްޕަ ޢަބްދުﷲ މޫސާ ބުނެފިއެވެ.
'ޗެނަލް13' އަށް ދިން އިންޓަވިއުއެއްގައި ރިޟްވާންގެ ބައްޕަ ބުނީ ރިޟްވާން ރަހީނުކޮށް ގެއްލުވައި އަދި މަރާލުމުގައި ރައީސް ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވުމާއެކު އެކަމުގައި ރައީސް ޔާމީނުގެ އަތެއް ނުވާކަން ގަބޫލު ކުރެވުނު ކަމަށެވެ.
"ސުއޫދު ބުނިފަހުން އަޅުގަނޑު ގަބޫލު ކޮށްފިން އޭނާގެ އަތެއް ނުވާކަމަށް. ސުއޫދު ބުނީ ޔާމީނުގެ އަތެއް ނުވެއޭ. އަދި ވިޔަސް ނުވިޔަސް އޭނާ ބުނީ ޔާމީނުގެ އަތެއް ނުވޭ. އެހެން ވީމަ އެހިސާބުން އަޅުގަނޑު ހުއްޓާލައިފިން،" ޢަބްދުﷲ ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި ކުރީގެ ރައީސް ޔާމީނުގެ ދައުރެއް ވާކަމަށް ބުނެ ބަހުގެ ހަމަލާތައް ރައްދުކޮށްފައިވަނީ އޭރު ހުރި އޮޅުންތަކެއްގެ ސަބަބުންނެވެ. އަދި ސުއޫދު އެގޮތަށް ވިދާޅުނުވިނަމަ މިއަދު ވެސް ރައީސް ޔާމީނާމެދު ހިތުގައި ކިލަނބުކަމެއް އޮންނާނެ ކަން ފާހަގަކުރިއެވެ.
"ސުއޫދު އެހެން ނުބުނާހާ ހިނދަކު މަގޭވެސް ހިތުގަ އޮންނާނީ ބަރެއް. މިހާރު އިނގޭ އޭނާ ނޫންކަން އެކަން ކުރީ. އޭނާއަށް އެނގިގެންވާ ކަމެއް ނޫން،" ޢަބްދުﷲ ބުނެފައިވެއެވެ.
ޢަބްދުﷲ ބުނީ މިހާރު އޮތް ސަރުކާރަށް ރިޟްވާނަށް އިންސާފެއް ހޯދައެއް ނުދެވޭނެ ކަމަށެވެ. އަދި ދެން އެކަން ކޮށްދެވޭނީ ކުރީގެ ރައީސް ޔާމީނަށް ކަމަށް އޭނާ ދެކެއެވެ. މި ސަރުކާރަށް ރިޟްވާނުގެ މައްޗަށް ކަށުނަމާދު ކުރެވޭނެ އިންތިޒާމެއް ވެސް ހަމަޖައްސައި ނުދެވުނު ކަމަށާއި އެކަން ވެސް ކުރެވޭނީ ރައީސް ޔާމީނު ވެރިކަމަށް އައިސްގެން ކަމަށް ޢަބްދުﷲ ބުންޏެވެ.
"ރިޟްވާނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ދެން ކޮށްދެވޭނީ ޔާމީނަށް. އޭނާގެ މައްޗަށް ކަށުނަމާދު ކުރެވޭނެ ގޮތް ހެއްދެވޭނީ ޔާމީނަށް. ޔާމީނާ އެކީގަ މަސައްކަތް ކުރާނީ. އޭނައަށް މިކަން ކުރެވޭނީ. އަޅުގަނޑު ބޭނުން އޭނައަށް ވެރިކަން ލިބޭތޯ މަސައްކަތް ކުރަންވެސް،" ޢަބްދުﷲ ބުންޏެވެ.
ރިޟްވާން ރަހީނުކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ރޭގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.
އެ މައްސަލާގައި ތިން މީހަކަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރިއެވެ. އެއީ ހ. ހިލްޓަން، އަޙްމަދު އާލިފް ރައޫފް އާއި ސ. ހުޅުދޫ، އަތިރީއާގޭ، މުޙައްމަދު ސުއައިދު އާއި ގދ. ވާދޫ، ކަރަންކާގެ، މުޙައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މީހުންގެ ތެރެއިން ސުއައިދު ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
އެހެންކަމުން ޝަރީއަތް ކުރިއަށްގެންދިޔައީ އާލިފް އާއި ނޫރައްދީނުގެ އެކަންޏެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ކުރެވިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.