27 May 2022, 10:13
"ހުކުރު ދުވަހި ގިނަގިނައިން ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ސަލަވާތް ކިޔަވައިގެން ބަރަކާތް ލިބިގަންނާށެވެ."
***
ކެތްރީން މަސްޖިދު ބައިތުލް އަހަދު ހުންނަ މަގުން ލާފައި ދިޔައިރު އިސްތަށިގަނޑު ފޮރުވާފައި އޮތީ ފްލޯރަލް ސްކާފަކުންނެވެ. ދަރިފުޅު ހާރިސްދެކޭހިތުން މިހާ ބޮޑަށް ހިތް ބޭގަރާރުވީ ދުވަހެއް ނާދެއެވެ. އެ ދަރިފުޅު މޭގައި ޖައްސައިލަން ބޭނުންވިއެވެ. ސިއާރާގެ ޚަބަރު އޮޅުން ފިލުވަން އައިކަމުގައި ވިޔަސް ހާރިސްއަށްޓަކާވެސް މިއަދު އެހިތުގައި ބުނަން ނޭގޭފަދަ އިހުސާސްތަކެއް އުފެދިއްޖެއެވެ. ނަމަވެސް މިއަދު ދަރިފުޅު ފެނުމުގެ ނަސީބެއް ނުލިބުނެވެ.
"މަންމާ..."ކަންފަތުގައި ޖެހުނީ އެރިކްގެ އަޑެވެ.
"ހީޒް އައުޓް އޮފް ސިޓީ. ކޮންތަނަކަށް ކަމަށް ދިޔައީ ނުވެސް ބުނޭ....." އެރިކް އިތުރަށް ބުނެދިނެވެ.
"އެރިކް ބުނާ އެއްޗެއް ގަބޫލެއްނުކުރޭ ދޯ. މަންމައާއި މީޓްކުރަން އެއްބަހެއް ނުވާނެތަ؟"
"ލެޓްސް ސީ....." އެރިކް އޭނަގެ މަންމައާއި ވާހަކަދައްކަމުންގޮސް ވަނީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. ދެމީހުން އިށީދެލީ މޭޒުގައި ތިބިއިރު ބޭރުގެ މަންޒަރުތައް ނިކަން ރީއްޗަށް ފެންނަގޮތަށެވެ. ސްނޯތައް ވިރިފައިވާއިރު މަގުގެ ދެފަރާތުގައި ފުޅިމަދުތައްހެން އުކިފައި ހުއްޓެވެ. އެރިކް ހާރިސްއަށް މެސެޖެއްކޮށްލުމަށްފަހު މަންމައަށް ފްރޮސްޓީއަކަށް އޯޑަރުކުރުމަށްފަހު ހާރިސްގެ އިންތިޒާރުގައި އިންދާ މާ ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނުޖެހުނެވެ. އެރިކް ގާތު މަންމަ އިނުމުން ކުޑަކޮށް ހައިރާންކަމެއްލިބުމާއެކު ފިޔަވަޅުތަކަށް ހުއްޓުމެއް އެރިއެވެ. އެނބުރި ދާން އުޅުނުފަދައެވެ. އެކަމަކު ދެވަނަ ސިކުންތުކޮޅުގައި އޭނަ އައިސް ކެތްރީންގެ ކުރިމަތީގައި ހުރި ގޮނޑީގައި ޖައްސައިލިއެވެ.
"ހާރިސް. އައި އާސްކްޑް ހިމް ޓު ކޯލް ޔޫ....."
"ކީއްވެ؟" ހާރިސް އިނީ ބިއްލޫރިގަނޑުން ބޭރަށް ބަލާށެވެ.
"މަންމަގެ ހުރީ އެންމެ އަންހެންދަރިއެއް. އެކުއްޖާ ވީނުވީއެއް ނޭގޭ. އެކަމަކު ހާރިސްއާއި އެދަރިފުޅުގެ ގުޅުމެއް އޮންނަކަން އެނގޭ. އެހެންވެ.."
"ސިއާރާ ރިވާޓަކަށްވުމަށްފަހު ކްރިސްޓިއަނަކާއި ކައިވެނިކުރަން ބޭނުން ނުވީ. އެހެންވެ އޭނައަށް ރަގަޅު ބައިވެރިޔަކު ހޯދަދިނީ......" ހާރިސް ބުނެލިއެވެ.
"ފިލައިގެން ދާން ޖެހުނީ ކީއްވެ؟ މަންމަ ގެ ދަރިއަކަށް ނުބަޔެއްނުވާނަމޭ.އެ ދަރިފުޅު ހުރިތަނެއް އެނގޭނަމަ ބުނެދީބަލަ......" ކެތްރީންއަށް ހާރިސްގެ އަތުގައި ހިފައިލެވުނެވެ. ހާރިސް މަޑުމަޑުން އަތް ދަމައިގަތެވެ.
"މިވަގުތު ހާލަތު ތަންދޭގޮތުން އެވާހަކަ ބުނުމަކީ ސިއާރާއަށް ރައްކާތެރިކަމަކަށް ނުވާނެ. ސިއާރާ ބޭނުންއިރަކުން އޭނަގެ އާއިލާއަށް ގުޅާނެ."
"އައި ބެގް ޔޫ........"
ހާރިސް އޭނަގެ މަންމައާއި ހަތަރުކަޅި ހަމަކުރަން ބޭނުމެއްނުވިއެވެ. މަންމަގެ ކުރިމަތީގައިވެސް ބަލިކަށިވާނީ ލޮލަށް ބަލައިލެވުނީމައެވެ. މީހާގެ އިހުސާސްތަކާއި ހުރިހާ އެއްޗެއް އެންމެ ބޮޑަށް ފަހުމްވާނީ ލޮލުންނެވެ. ޖަޒުބާތުގެ އޮއިވަރުގައި ޖެހިގެން ދާކަށް ހާރިސް ބޭނުމެއްނުވިއެވެ.
"އައި ކާންޓް...ސޮރީ...."
"ހާރިސް. ކީއްވެ ތިހާ ހަރުކަށީ؟ މަންމައަކަށްވުރެ ބޮޑަށް ދަރިއަކަށް ކުލުނު ހުންނާނެ މީހެއް ލޯބިވާނެ މީހެއް އަދި ހެޔޮއެދޭނެ މީހެއް ހުންނާނެހެން ހީވޭތަ؟ މަންމަ ސިއާރާއަށް ދެރަވާނެކަމެއް ގެއްލުވާނެ އެއްވެސް ކަމެއްނުކުރާނެ. ޓްރަސްޓް ހާރ ހާރިސް. ދެން ހުރީ އަހަރެން. އަހަރެންނަށް އެއީ ކޮއްކޮއެއްކަން އެނގުނީ އަދި އިހަށް ދުވަހު. އެކަމަކު އަހަރެންވެސް މަންމަ ދެރަވާނެކަމެއް ގަސްތުގައި ނުކުރާނަން... ޕޭރެންޓުންނަށް ހެޔޮކޮށް ހިތަށް މާތްﷲ އަންގަވާފައިވޭ........." އެރިކް ހާރިސްއަށް ވިސްނައިދޭން މަސައްކަތްކުރަމުން ދިޔައިރު ހާރިސްގެ އެސްފިޔަތައް ކުޑަކޮށް ތުރުތުރުލިއެވެ. ހަމަ ދެންމެ ދެންމެ ފެންކަޅިވެގެން ހިނގައިދާނެހެން ހީވި އިރެއްވެސް ދިޔައެވެ. ނަމަވެސް އިރުގަނޑެއްފަހުން ހާރިސް އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވާފައި އެރިކްއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ.
"އެރިކް ތިހާ މައިންބަފައިންނަށް ހެޔޮ އެދެންޏާ މައިންބަފައިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކޮށްބަލަ...."
"ހާރިސް. އަހަންނަކީ ނަރަކަވެރިއެއް ކަމަށް ނިންމީތަ؟"
ހާރިސް ފެށީ ގުރުއާނުގެ އާޔަތަކުންނެވެ. ﷲގެ އެއްކައުވަންތަކަން ގަބޫލުނުކުރާ މީހުންނަށް ހުރި ވޭންދެނިވި އަޒާބުގެ ވާހަކައިންނެވެ. އީސާއީދީންގައި ތިބީ މުޝްރިކުންކަމަށާއި ޝަރީކުރާ މީހުންނަށް ފާފަ ނުފުއްސަވާނެކަމަށް ގުރުއާނުގައިވާ އާޔަތްތައް ކިޔާދިނެވެ. އަދި އާޔަތުގެ މާނަވެސް ކިޔާދިނުމަށްފަހު އީސާއީން ﷲގެ ރަސޫލެއްކަމަށްވާ އީސާގެ ފާނު ދަރިކަލެއްކަމަށް ބުނެ ޝަރީކުކުރާ ކަމުގައި ބުނެދިނެވެ. ކެތްރީން ކެތްތެރިކަމާއެކު އަޑުއަހަން އިނެވެ. ދަރިފުޅުގެ އަޑުގައި ހުރި ސާބިތުކަމާއި ޔަގީންކަމެއްގެ ސަބަބުން ކެތްރީންގެ ކަދުރާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ގުރުއާނުގެ މޫރިތި އާޔަތްތައް ކިޔެވުމުން ކާފަރުންނަށް އަސަރުކުރާ ފަދައިން ކެތްރީންއަށްވެސް ތަފާތު އަސަރެއްކުރުވިއެވެ. ހާރިސް ގެ އަޑުން ގުރުއާންގެ އާޔަތްތައް ކިޔެވީ ބަޔާން ނުކުރެވޭހާ ފުރިހަމައަށެވެ.
"އެހެންވީމަ އީސާއީ ދީނުގައި ހުރެ މަރުވެގެން ދާ މީހަކީ ކިތަންމެ ރަގަޅު މީހަކަށްވިޔަސް ޝަރީކުކޮށްގެން ހުރެ އެމީހަކު މަރުވީ. އީސާ އަލައިހިއްސަލާމްއަކީ މާތްރަސްކަލާގެ ދަރިކަލެކޭ އެކިޔަނީ އެކަލޭގެފާނަކީ ބައްޕައަކާއި ނުލާ ދުނިޔެއަށް ފޮނުއްވި އިންސާނަކަށްވީމަ. ދެން އާދަމް އަލައިހިއްސަލާމްގެ ވެސް ބައްޕައެއްނެތް. ދެން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލެކޭ ނުކިޔަނީ ކީއްވެތަ؟" ހާރިސް ވާހަކަތައް ކުރިއަށް ގެންދާން ފެށުމުން ކައިރީގައި ހުރި މޭޒުގައި ތިބި މީހުންނަށް ނުތިބެވިގެން އެވާހަކައިގެ ތެރެއަށް ވަދެ ޖަދަލުކުރާން ފެށިއެވެ.
ހާރިސް އެއިން ކޮންމެ ސުވާލަކަށް ޖަވާބުދެމުން ދިޔައީ ނިކަން ފުރިހަމައަށެވެ.
"ނަމާދުގެ ވަގުތު ޖެހެނީ. ދާންވެއްޖެ.." ހާރިސް އެންމެފަހުން ކޮޅަށް ތެދުވުނެވެ.
"ހާރިސް. މާދަން އަދި ވާހަކަދައްކާލަން ބޭނުން....މިތާ އިންތިޒާރުކުރާނަން.." ކެތްރީން ހިނިތުންވެލިއެވެ. ހާރިސް ނިތް އަރުވާލާފައި ދާން ހިނގައިގެންފަ އައިސް އެރިކްގައިގާ ކުޑަކޮށް ބައްދާލާފައި ސަލާމްކޮށްލައިފިއެވެ."ލަވް ޔޫ ބްރަދަރ. ފީ އަމާނިﷲ.........."
"ލަވް ޔޫ ޓޫ..." އެރިކް މަޑުމަޑުން ބުނެލިއެވެ.
***
ޚައިރާ ގެ ވިޔަފާރި ފުޅާކޮށްލުމަށްފަހު މިހާރު އިތުރު މުވައްޒަފުން ގެންގުޅެންފެށީ ފަސޭހައަކަށެވެ. އެކުދިންނަށް ރީތިކޮށް ބުކޭތައް ހަދަން ދަސްކޮށްދީ އެކި މުނާސަބާއާއި ގުޅުވައިގެން މާތައް ތައްޔާރުކުރަންވީގޮތް ކިޔައިދީ އެކުދިން ފަރިތަކުރުވިއެވެ. ވެލެންޓައިން އަންނަންވާއިރަށް އޭނަ ތަފާތު ބާވަތްބާވަތުގެ މާތައް ގެނުވިއެވެ.ލޯބިވެރިންގެ އެ ދުވަހަކީ އެންމެ ގިނައިން މާ ވިކޭ އެއް ދުވަހެވެ. ކައިވެންޏާއި އެނިވާސަރީ އުފަންދުވަސް ކްރިސްމަސް އަދިޖަނާޒާތަކަށްވެސް އޯޑަރުތައް އަންނަލެއް މަދެއް ނޫނެވެ.
ޚައިރާ ރަތް ފިނިފެންމާ ބޮނޑިއެއް ހިފައިގެން ބޭރަށް ނުކުތީ ކުއްލިއަކަށް ސްނޯވެހެން ފެށުމުންނެވެ.
"ހާރިސް އަންނާނެނަމަ....ކޮންފަދަ ރީތި. އަހަރެން ބޭނުން މި މާތަކުގެ މައްޗަށް ސްނޯ ވެހިފައި ހުއްޓާ އޭނައަށް ހަދިޔާކުރަން...." ކިތަންމެ ވަރަށް އިންތިޒާރުގައި ހުރެ ލޯ ދިގުވިޔަސް ހާރިސް ނާންނާނެކަން އެނގުނީ ދިގު އިންތިޒާރު ބޭކާރުވުމުންނެވެ. މަގުގެ ދެކޮޅު ބަލަބަލާ ހުރެފައި އެތެރެއަށްވަދެ ހީފިލުވައިލަން ހޫނު ޗޮކްލެޓެއްވެސް ބޯލިއެވެ. އަނެއްކާވެސް މަގަށް ނުކުމެވުނެވެ. މަގު އޮތީ ފަޅަށެވެ.
"ހޭއި......ބެލް. އަހަރެން ވަރަށް އަވަހަށް އަންނާނަން އިނގޭ...." ޚައިރާ އެތެރެއަށް ވަދެ އޭނަގެ މުވައްޒަފެއްގެ ގާތު ބުނެލާފައި ޖެކެޓް ހިފައިގެން ހިނގައިގަތެވެ.
***
އަސްލަން ސިއާރާ ހޯދަންވެގެން އެކި މީހުންނަށް ގުޅައިގެން މަސައްކަތްފެށިއެވެ. އޭނަ ހުރީ އެކަމަށްޓަކާ ފެންފަދައިން ފައިސާ ޚަރަދުކުރަން ތައްޔާރަށެވެ. ސިއާރާ ގެއްލުމުން ލިބުނު ނާކާމިޔާބާއެކު ހިތަށް ކުރާ ބާރު އެނގޭނީ އޭނައަށް އެކަނި ނޫންހެއްޔެވެ؟އެހެން އިންސާނުން އުފަލުގައި އުޅޭތަން ފެނުމުން އޭނަގެ ހިތް ކުދިކުދިވެއެވެ.
ޕާކްގެ ބެންޗެއްގައި އެކަނިމާ އެކަނި އިންއިރު ދެމަފިރިން ކުޑަކުއްޖަކާއެކު ސަކަރާތްޖަހާ މަންޒަރު ބަލަން އިނދެވުނެވެ.
"އަހަންނާއި ސިއާރާއަށް ވިނަމަ ކޮންފަދަ އުފާވާނެ..ކީއްވެ ސިއާރާ އެހެން ހެދީ؟ ޑޭމް................"
އަސްލަން ޕާކުން ތެދުވެގެން ހިނގައިގަތެވެ. ކޮންމެ މީހަކު ކުޑަކުއްޖަކާއިގެން އުޅޭތަން ފެނުނަސް ހިތުގައި ހަސަދައިގެ އޮއިވަރު ހިނގައިގަނެއެވެ. އެނަސީބު ލިބުނީ ކޮން އިންސާނަކަށް ބާވައޭ ހިތަށް އަރައެވެ. އޭނަގެ މަދީ ކޮންކަމެއްހެއްޔެވެ؟ އޭނަ މިހާ ނާކާމިޔާބުވެ މާޔޫސީކަމުގެ ތެރެއަށް ވެއްޓުނީ ކީއްވެހެއްޔެވެ؟ ހުރިހާ ނިއުމަތެއްލިބުމާއެކު ހިތް ހުސްވެފައިވާ ސަބަބެއް ނޭގުނެވެ. ޑިޕްރެޝަންގެ ވަކިތައް އޭނަ ހިސާރުކޮށް ފިތަމުންދާހެން ހީވިއެވެ.
***
ޚައިރާ އެ ރަތްފިނިފެންމާތައް ވާސްގައި ޖަހައިލިއިރު ލޮލުން ވެއްޓުނު ކަރުނަތިއްކެއް ފިޔައެއްގެ މަތީގައި ހަރުލިއެވެ. އެރިކްއަށް އެ މަންޒަރު ފެނިގެން ކައިރިއަށް އައެވެ. ޚައިރާގެ ހިތުގައިވަނީ ކޮންކަމެއްކަން އޭނައަށް އިހުސާސްކުރެވުނީއެވެ. އެވަގުތު ގެއަށް ވަން އަސްލަންވެސް އަނގައިން ބުނުމެއްނެތި ސޯފާގައި ހަށިގަނޑު ދަމާލައިފިއެވެ. އަދި ބޯދަށަށް އަތްލެއްވިއެވެ.
"ޚައި......އަހަންނަށްވެެސް ބުކޭއެއް ހަދާދީފާނަންތަ. ކާނޭޝަން މަލުން......."
"ކޮން އޮކޭޝަނެއްތަ؟" ޚައިރާ އެހިއެވެ.
"ރެންޑަމްކޮށް. ހަމަ ޒޯޔާއަށް ދޭންވެގެން...."
"މާދަން...." ޚައިރާ މަލުގެ ފިޔަތަކާއި ކުޅެން ހުރީ ހިމޭނުންނެވެ. އެހާވަރުން ހާރިސްދެކޭހިތުން ދިޔުމުން ވީކަމެއް ނެތެވެ.
"ތެންކިއު.....ރޭ ބައްޕަ ގުޅި. ވަރަށް ހައިރާންވާކަހަލަ ވާހަކައެއް ބުނީ. އަހަރެން ހީކުރީ ހާރިސްއާއި ހެދި އަންހެންކުދިން މޮޔަވެފައި ތިބޭކަމަށް. އެހާ ރީތިކޮށް ގުރުއާން ކިޔަވާ ސަޅިކޮށް ލެކްޗާސް ދޭތީ. ފިރިހެނުންވެސް އެހާވަރަށް ކޮމެންޓް ކުރޭވިއްޔަ. ހާހުން...ވަރަށް ލޯބިވެއޭ ފިރިހެނުންވެސް ބުނޭ.." އެރިކް ހިނިގަނޑެއް ޖަހައިލަމުން އަސްލަންގެ މޫނުގެ ކުލަވަރަށްވެސް ބަލައިލިއެވެ. އަސްލަން އަޑުނީވޭކަމަށް ހެދިގެން އޮތަސް ކުޑަކޮށް ބުމަ ކައިރިވެލިއެވެ.
"އެކަމަކު ބައްޕަ ބުނީ ހާރިސް ކައިވެނި ކުރަން ހަމަޖެހުނު ކުއްޖާ އެހެން ކުއްޖަކާއި މެރީކޮށްގެން ސީރިޔާއަށް ހިޖުރަކޮށްފިއޭ......"
"ސީރިޔަސްކޮށް...." ޚައިރާގެ ލޯ ދިއްލުނެވެ. ވަގުތުން އަނގަމަތީ އަތް އެޅުނެވެ. އުފަލުންގޮސް އުޅެވުނުގޮތުން ފިނީގެ ސަބަބުން ފިޔާތޮށިކުލަ ވެރިވެފައި ހުރި ކޮލުގެ ކުލަ އިތުރަށް ގަދަވިއެވެ.
"ޔެސް........ހީޒް އެވެއިލަބްލް...." އެރިކް އެއް ލޯ މަރައިލިއެވެ.
"ޑޭމް އެރިކް. ކަލޭ މޮޔަވީތަ؟ ކިތައްފަހަރު ބުނާނީ އެމީހާގެ ނަން ނުގަންނާށޭ. އަދި މަގޭ ކޮއްކޮގެ ބޮލަށް އެރިގެން މިހާރު މެދުވެރިއަކަށްވެގެން ތިއުޅެނީ ކީއްކުރަން........"އަސްލަން ރުޅި އަންނަން އުޅެފައިވެސް ކުއްލިއަކަށް އެއްޗެއް ވިސްނިގެން ހެމުން އައެވެ." ހުރިހާ އެއްޗަކީ ޑެސްޓިނީ.. އެ ނިގާބީ ރައްކާވީ ހާރިސްއާއި ޚައި ގުޅެން ހުރީމަ ކަމަށްވާނީ. ނަންވެސް ގުޅެއެއްނު. އެރިކް. އަވަހަށް ތިކަމާ އުޅެބަލަ...." އަސްލަން އެރިކްގެ ކަރުގައި އަތް އަޅުވާ ގާތަށް ދަމައިގަތެވެ.
"ހިހި...." ޚައިރާއަށް ހެވުނެވެ. އޭނަގެ ބޭބެދެކެ މިހާ ލޯބިވިި ވަގުތެއް ހަޔާތުގައިވެސް ނާދެއެވެ. ބޭބެ އޭނަދެކެ ލޯބިވާ މިންވަރުވެސް އަންދަޒާ ކުރެވުނެވެ. އޭނައަށްޓަކާ ދުޝްމިނަކަށްވެސް ފުރުސަތު ދޭން ގުރުބާންވަނީ ނޫންހެއްޔެވެ؟ ޚައިރާގެ ލޮލުގައި އެވަގުތު އަސްލަންއަށްޓަކާ ޝުކުރުން ފުރިފައިވީ މިންވަރު އަސްލަންއަށް ދެނެގަނެވުނެވެ. އެލޮލުގައިވީ ލޯތްބާއި ޝުކުރެވެ. އަސްލަން ލަދުވެސް ގަތެވެ. ކޮއްކޮއަށް އޮޅުނީއެވެ. އޭނަ ހާދަ އަމިއްލަ އެދުންބޮޑެވެ. ޚައިރާއަށް އެކަން ނޭގުނީއެވެ. ޚައިރާ ހާރިސްއާއި ގުޅަން އެ އުޅުނީ އަމިއްލަ ބޭނުމަކަށެވެ. ސިއާރާއާއި ހަމަޔަށް ފޯރަންވެގެންނެވެ.
އަސްލަންއަށް ތިރިއަށް ބަލައިލެވުނެވެ.
"އެކަމަކު ޚައި މުސްލިމަކަށްވީމަ ނޫނީ ހާރިސް މެރީ ނުކުރާނެކަން ޔަގީން...ހާރިސް ވަރަށް ސްޓަބްން. އަހަރެން ބުނާގޮތަށް ނަހަދާނެ. އޭނައަށް އަހަންނަށްވުރެ ދީން މުހިއްމުވާނެ....." އެރިކް ފުން ނޭވާއެއްލިއެވެ.
"އެކަމަކު ތީ ހަމަ އެކެއްނު. ތުނބުޅިއެއް ނެތްކަން. އަދި އިސްތަށިކޮޅު ކުރުކަން......"
"ސިފަ އެކައްޗެއް. އެކަމަކު ފިކުރު އުޑާއި ބިމާހާ ތަފާތު....... " އެރިކް ބުނެދިނެވެ.
ޚައިރާ ވިސްނަމުން ދިޔައީ މުސްލިމަކަށްވެ އަވަހަށް ހާރިސްގެ އަންބަކަށް ވުމަށެވެ.
***
"ދޮންބެ. އަހަރެން އިސްލާމްވީމަ ބައްޕަ ރުޅިދުރުވާނެތަ؟" ޚައިރާ އެނދުމަތީގައި އަލްބަމް ބަލަން އޮތްއިރު އަސްލަންވެސް އެނދުގައި ހުރަހަށް އޮށޯވެލައިގެން އޮތެވެ.
"އޮފްކޯޒް އެކަން ވާނީ އެގޮތަށް. އެކަމަކު ސިއްރުން ތިކަން ކުރަން ޖެހޭނީ. އެނގޭތަ؟ ސިއާރާވެސް އުޅުނީ އެހެން. ބަސްޓްވީ އެގޮތަށް އޭނައަށް ފާރަލަނިކޮށް. ނިގާބު އަޅައިގެން ބޭރުތެރޭ އުޅެފައި ގެއަށް އަންނަމުން ކާރުތެރޭ ނިގާބު ނަގަނީ...." އަސްލަން ޚައިރާއަށް ދަސްކޮށްދިނެވެ.
"ކޫލް....."
"ޑޯންޓް ވޮރީ. ދޮންބެ އެހީވާނަމޭ..." އަސްލަން ހީލިއެވެ.
"ޔޭ.....ތެންކިއު މައި ޑާލިން ދޮންބެ.."ޚައިރާ އަސްލަންގެ ކޯތާފަތަށް ދޮނެއް ދޭން އުޅެފައި ދުރަށް ޖެހިލިއެވެ. އަދިވެސް ޚައިރާ އޯސީޑީއަކުން އަރައިގަނެވޭގޮތެއް ނުވެއެވެ. ކޮޓަރިތެރޭގައި އެއްޗެހި ވަކި ތަރުތީބަކުން ބަހައްޓާފައި ހުރުމާއި އޮފް އަރާވަރުން އަދި އަތް ދޮންނަވަރުން އެކަން އެނގެއެވެ."
"އެރިކްއާއިއެކު ކޮފީއަކަށް ދާންވީނު. ހާރިސްއަށް ވެސް އިންވައިޓްކުރުވާނީ...."އަސްލަން ވިސްނަން އޮވެފައި ޚިޔާލެއްދިނެވެ.
"ސްކާފެއް އަޅައިގެންދާނީ."
"އޭނަ ނުބަލާނެއްނު...." އަސްލަން ކުރީ ޖެއްސުމެކެވެ.
"ދީނުގައި އޮންނަނީ ބެލުން ތިރިކުރަން އަދި އަންހެންކުދިން ވެސް ނިވާވާން. އަހަރެން ގަބޫލުކުރާގޮތް ދޮންބެއަށް އެނގޭތަ؟ ހީޒް އަވާ ކްރިއޭޓާ...އޯލްމައިޓީ. އެހެންވީމަ އެންގެވުންތަކާއި އަހަރެމެންނަށް ސުވާލެއްވެސް ނުކުރެވޭނެ. ފާޑެއްވެސް ނުކިޔޭނެ. އަހަރެމެން ސާވެންޓުން ޖެހެނީ ހެއްދެވި ފަރާތުން އެންގެވި ގޮތަކަށް އުޅެން.ގުރުއާންގައި އަންގަވާފައިވާ ގޮތަކަށް އުޅެން ޖެހެނީ. ހާދަ ރީތި އާޔަތްތަކޭ. ދޮންބެ އެންމެ ފަހަރަކުވެސް ކިޔާބަލަ...ޕްލީޒް" ޚައިރާ ގުރުއާން ނެގިއެވެ.
"މަ މީ ފޮތްތައް ކިޔާ އުޅޭ މީހެއް ނޫންކަން ޚައިއަށް އެނގޭނެ...."
"މިއީ ފޮތެއްނޫން. ﷲގެ ވަހީބަސްފުޅު. އޯލްމައިޓީގެ ބަސްފުޅުތައް ކިޔެވުމުން ހިތަށް ހަމަޖެހުން ލިބޭނެކަމަށް.........."
"ހާރިސް އެހެންބުނީ ދޯ......" އަސްލަން ޖުމްލަ ނިންމައިލުމަށްފަހު ތެދުވުނެވެ."ދޮންބެ ދެން ދަނީ. ޑިއުޓީއަށްވެސް ދާންޖެހޭ..އެހާނިދިވެސް އެބަ އާދޭ...ގުޑް ނައިޓް ޕަމްޕްކިން............................."
***
ހާރިސް ހައިރާންވީ އެރިކްގާތު ނިގާބީ އަންހެންކުއްޖަކު އިނުމުންނެވެ. ލޯވެސް ފެންނާކަށްނެތެވެ. އެރިކްއަށް އެންމެފަހުން ހެޔޮވިސްނުން ލިބި ބައްޕަ އެދިލެއްވި ފަދައިން ސޯލިހު އަންހެން ކުއްޖަކު ޚިޔާރުކުރީހެއްޔެވެ؟ ކުރިމަތީގައި ހުރީ އާވިއަރަ އަރާ ހުރި ކޮފީއެވެ. ހާރިސް ގޮނޑީގައި ހަމަޖެހިލިއެވެ.
"އެރިކް މެރީކުރީތަ؟ އަންގާވެސް ނުލާ..." ހާރިސްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"އަދި ނުކުރަން....."
ނުނިމޭ