26 May 2022, 09:18
"މުސީބާތްތައް ގިނަވުމުން ގިނަގިނައިން އިސްތިޣުފާރުކުރާށެވެ. މުސީބާތްތައް އައުމުގެ ސަބަބަކީ ފާފަ ކުރެވުމެވެ. އިސްތިޣުފާރުކުރުމުން ﷲ ސުބުހާނަހޫ ވަތައާލާ ހިތާމަތަކާއި މުސީބާތްތައް އުފުއްލަވާނެތެވެ."
***
ބަސްސްޓޮޕްގައި އަލްވާ މެހެކްގެ އިންތިޒާރުގައި ހުރެ ޚަބަރެއްނުވިއެވެ. ފޮތް ފިހާރައިގާ އީދު ޕާޓީއެއް އޮތްކަން މެހެކް ހަނދާން ނައްތައިލީ ހެއްޔެވެ؟ ބަސް މަޑުކޮށްލުމުން އޭނަ ގަސްތުކުރީ މެހެކް ނެތަސް ބަހަށް އަރާށެވެ. މެހެކް ނެތަސް އޭނަ މަރުވާނީއެއް ނޫންވިއްޔާއެވެ. މިއީ އީދު ދުވަހެވެ. އަދި ދުވާލުގެ ވަގުތެވެ. އެހެންވީމަ ނުރައްކަލެއް ނާންނާނެކަން ޔަގީނެވެ. އަލްވާ ބަހުގައި އިށީދެގެން އިންއިރު ހިތުގެ ވިންދު ތަންކޮޅެއް ބާރުވެލައިފިއެވެ. ސުފިޔާންއަށް ހަދިޔާ ދޭހިތުން ކެތްކުރެވެނީއެއް ނޫނެވެ.
ބަސް ހުއްޓުމާއެކު އަލްވާ އަވަސްވެލާފައި ބަހުން ފޭބީ އެ ހަދިޔާތައް މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރެއެވެ. އެންމެ ފަހަރަކުވެސް އޭނަގެ މޫނު ދޫކޮށް ނުދާނެފަދަ ހިނިތުންވުމެއް ތުންފަތުގައިވިއެވެ.
ފޮތްފިހާރައާއި ދިމާލަށް އަލްވާ ދަނިކޮށް ނަވޫދުއާއި އޭނަގެ އެކުވެރިޔާއާއި ދިމާވިއެވެ. ތަބީއަތުގައި ހުރި އުފާވެރިކަމެއްގެ ސަބަބުން އެމީހުންނަށްވެސް އޭނަ އީދު ސަލާމްކުރިއެވެ.
"އީދު މުބާރަކް..." އަލްވާގެ ހިނިތުންވުން ފުޅާކަމުން ހުރިހާ ދަތްތަކެއް ފެނުނެވެ. ނަވޫދު އަޖައިބުވެފައި އަލްވާއަށް ބަލައިލިއެވެ. މިއީ ކޮންފާޑަކަށް ކޮށްފައި ހުރި މޭކަޕެއްހެއްޔެވެ؟ ކާޓޫނޫ ޝަޚުސިއްޔަތެއްގެ ބައި ކުޅެން ތައްޔާރުވެގެން ހުރި ކުއްޖެއްހެއްޔެވެ؟
"ކާކު......"ލައިލްއަށް ފުރަތަމަ އަލްވާ ވަކިކުރާކަށް ނޭގުނެވެ. އެކަމަކު އިރުގަނޑަކުން ރޭކާލުމުން ހުނުންގަނޑު މަތައެއް ނުކުރެވުނެވެ.
އަލްވާ އެ ފޮތް ފިހާރައަށް ނަޒަރު ހުއްޓާލުމާއެކު ހިތް ގެނބުނެވެ. ހިނިތުންވުންވެސް ފޭދުނެވެ. އެތަން އޮތީ ހުހަށެވެ." އެކަމަކު ސުފިޔާން ބުނި މިތާ އީދު ހަފްލާއެއް އޮންނާނެއޭ.." ފޮތްފިހާރައިގެ ކުޑަދޮރުގައި ތަތްކޮށްފައި ހުރި ޕޯސްޓަރެއް ފެނިގެން ގޮސް ބަލައިލިއިރު އެއީ އާދައިގެ ޗާޓެކެވެ. ކައިރީގައި ހުރި ޕާކެއްގައި އީދުގެ ހަފްލާއޮތްކަން އަންގައިދޭން ލިޔުންކޮޅެއްވެސް ވިއެވެ. ތިރީސް މިނިޓްގެ ހިނގާލުމެކެވެ.
"ސީރިޔަސްކޮށް ތިރީސްމިނިޓް ހިނގައިލުމެއް މި ލައިގެން ވާނެގޮތެއް ނޭގޭ...."ލައިގެން ހުރި ފުންނާބުއުސް ފައިވާނަށް ބަލައިލަމުން އަލްވާ އަޑުހަރުކޮށް ކިޔާލައިފިއެވެ. އެއީ އޭނަ ފަހުން އަނބުރާ ދޭގޮތަށް މެހެކް އަތުން އަތުލި ފައިވާނެކެވެ. އެއަށް އެރުމުން އިސްކޮޅުން ދިގުކަމަށް ދެއްކިޔަސް ހިނގުން ވީ އަޒާބަކަށެވެ. ނަވޫދު ކުއްލިއަކަށް ސިއްސައިގެން ދިޔައީ އޭނަގެ ބައިސްކަލުގެ ހުންގާނުގައި އަލްވާ ހިފެހެއްޓުމުންނެވެ. އޭރު ނަވޫދުވެސް ގެއަށް ނައްޓައިލަންވެގެން ތައްޔާރުވަނީއެވެ.
"ކޮބާ މައްސަލައަކީ؟"
"ތި ބައިސްކަލް ގަޑިއެއްހާއިރަށް ކުއްޔަށް ދީފާނަންތަ؟ ޕްލީޒް..."އަލްވާގެ އެންމެ ފޮނި ހިނިތުންވުން ދައްކައިލިއެވެ. އެކަމުން އަދި ނަވޫދު ބޮޑަށް އަލްވާގެ ފަރާތުން ރެކެން ބޭނުންވިއެވެ.
"އަހަންނަށް ތިއީ ކާކުކަމެއްވެސް އަނެއްހެން ނޭގޭ." ނަވޫދު ހަށަން ބަދެލއެވެ.
"ހޭއި. ދެން ތި ވައްތަރަށް ނޫޅޭ. އެތައްފަހަރު ދިމާވެއްޖެ. އެހެންވީމަ މިއީ ބޭސިކަލީ ހަމަ ފްރެންޑްސް.." އަލްވާ އަވަހަށް ތަފްސީލް ކިޔާދިނެވެ. އާދޭހުގެ ނަޒަރަކުން ބަލަން ހުއްޓެވެ. ނަވޫދު ފިހާރައަށް ނަޒަރު ހުއްޓައިލިއެވެ." އެ އިވެންޓަށް ޕާކަށް ދާން ބޭނުމިއްޔާ ބާރަށް ހިނގާފައި ދިޔުމުން ފަނަރަ މިނިޓްވާއިރު އެތާ ހުރެވޭނެ."
އަލްވާ އޭނަގެ ޝާހީ ފައިވާނަށް އިޝާރަތްކޮށްލިއެވެ."މި ލައިގެނެއް ނުވާނެ. އެހެންވީމައޭ ތަންކޮޅެއް އޯގާތެރިވެ ތި ބައިސްކަލް....."
ނަވޫދު ފުން ނޭވާއެއް ދޫކޮށްލިއެވެ. މިއުދަގޫ ބޮޑު ކުއްޖާ އަބަދުހެން އޭނައާއި ދިމާވާންވީ ކީއްވެހެއްޔެވެ؟ މިކުއްޖާ ފެނުމުގެ ކުރިން ދިރިއުޅުން ހާދަ އަމާނެވެ.
"މިތާ މަޑުކުރޭ." ނަވޫދު ބައިސްކަލުން ފޭބިއެވެ. އަދި ފަހަތަށް ބަލައިލަމުން އަމުރުގެ ރާގަކަށް ބުނެލިއެވެ."އަދި ބައިސްކަލްގައި އަތްނުލާތި..."
އަލްވާ އަވަހަށް އަތް ދަމައިގަތެވެ.
އިރުކޮޅަކުން އަލްވާ އެ ބައިސްކަލަށް އަރައިގެން ދުއްވާލަން ޚިޔާލުކޮށްލިތަނާ ނަވޫދު ދައްކައިލިއެވެ. އޭނަ އެތަނުން ނުކުތީ ދަވާދުން ކަޅިވެފައިވާ ފާޑެއްގެ ފައިވާންގަނޑެއް ހިފައިގެންނެވެ. އަދި އަލްވާއާއި އަމާޒުކޮށް އެއްލައިލުމުން ޖެހުނީ އޭނަގެ ފައި ކައިރީގައެވެ."އެހެންވިއްޔާ މި ލާންވީނު..."
ނަވޫދު އަނެއްކާ ބައިސްކަލް މަޑިމަތީ ހަމަޖެހިލިއެވެ. އަލްވާ ފައިވާނާއި ދިމާލަށް މޫނު ހަދާލާފައި ގޮތްހުސްވެފައިވާފަދަ ނޭވާއެއް ދޫކޮށްލާފައި ފުންނާބު އުސް ފައިވާން އެއްލާލާފައި ނަވޫދު ދިން ފައިވާނަށް އެރިއެވެ. އެންމެފަހުން ފަޔަށް އަރާމު ލިބުމާއެކު ހުރިހާ ރުޅިއެއްވެސް ފިނިވެގެން ދިޔައެވެ. ޝުކުރުން ހިތް ފުރުނެވެ. ނަވޫދު ބައިސްކަލް ދުއްވާލި ދަނޑިވަޅު މިފަހަރުވެސް ނަވޫދުގެ ބައިސްކަލްގައި ހިފެހެއްޓުމުގައި އަލްވާ ކާމިޔާބުކުރިއެވެ.
"މިހާރު ކިހިނެއްވީ؟" ނަވޫދު އެނބުރި ބަލައިލިއެވެ.
"ހަގީގަތުގައި....އެކަނި ދާން ކުޑަކޮށް ބިރުގަނޭ. ޔޫ ސީ.....އަހަރެންގެ އެކުވެރިޔާ.. އެކުވެރިޔާ މަތިން ހަނދާން އެބަހުރިދޯ. އެއީ އެއްކަލަ އެ ރީތި އަންހެންކުއްޖާ.އިސްކޮޅުން ވަރަށް ދިގުވެފައި އަދި.............."
"ދެން ތި ބުނަން އުޅެނީ ކީކޭ؟ އެކުވެރިޔާ ނެތީމަ އަހަރެން ވީ ތިކުއްޖާއާއިއެކު ދާން؟" ނަވޫދު ހައިރާންކަމާއެކު އަލްވާއަށް ބަލަންފެށިއެވެ. ތަނަކުން ބީރައްޓެއްސެއް ފެނުނަސް އެމީހަކަށް އިތުބާރުކުރަން މިކުއްޖާ ހާދަ ބިރުކުޑައެވެ.
"ވެލް...ތިއީ މުސްލިމެއް...ނޫންތަ؟ތިއީ ރަގަޅުމީހެއްކަމަށް އަހަންނަށް ގަބޫލުކުރެވޭ. ލައިލް ބުނިގޮތުން ފުރޮޅުލީގޮނޑީގައި އިނީ ތީނަގެ ކޮއްކޮ. އޭގެ މާނައަކީ ތިއީ ހިތްހެޔޮ ރަގަޅު ބޭބެއެކޭ...."އަލްވާ އޭނަ ބުނި ސަބަބުތަކުގެ ބުރަދަން އިތުރުކޮށްދޭނެ ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.
" އަޑުއަހާބަލަ. ތިގޮތަށް މުސްލިމަކަށް ވީމަ އަދި ބޭރުފުށުން ހިތްހެޔޮކަމަށް ދައްކާތީ އެމީހަކަށް އިތުބާރުކުރަމުން އުޅެންޏާ ކޮންމެވެސް ދުވަހަކުން ތިކުއްޖާ ކޮންމެވެސް ކަހަލަ އުދަގޫތަކަކަށް ވެއްޓިދާނެ. ކޮންމެ މުސްލިމަކީ ރަގަޅު މީހެއްނޫން. އަދި ކޮއްކޮއާއި އަޅާލާ ބޭބެއަކު ހަމަ ޖެހިގެން އައި ދުވަހު މީހަކު މަރާލަފާނެ. އެހެން ވީމަ އެގޮތަށް ކޮން ޔަގީންކަމެއް އޮންނާނީ......." އަލްވާގެ މޮޔަކަމާއިމެދު ނަވޫދުގެ ޚިޔާލަށް އައި އެއްޗެހި ހިތުގައި ބަހައްޓަން ނަވޫދަށްވެސް އުދަގޫވިއެވެ. އަށާރަ އަހަރުވިޔަސް މިކުއްޖާ ފުދޭވަރަކަށް މައުސޫމްވެފައި ދުނިޔޭގެ ކަންތައްތަކުގެ ތަޖުރިބާ މަދެވެ.
"އަހަރެން އަދި ދުވަހަކުވެސް މިތާ ޕާކަށް ނުދަން....އަދި..." އަލްވާ ވާހަކަ ފެށިތަނާ ފެނުނީ ނަވޫދު ބައިސްކަލް ދުއްވައިލި މަންޒަރެވެ. އަލްވާ މޫނު ހަދައިލިއެވެ. ހާދަ ނުލަފައެވެ. ތަންކޮޅަކަށް ދުއްވާލާފައި ކޮނޑުމަތިން ބޯ ދިއްކޮށްލަމުން ނަވޫދު އެހިއެވެ." ނާންނަނީތަ؟"
އަލްވާގެ މޫނު ދިއްލިގެން ދިޔުމާއެކު އޭނަ ނަވޫދުގެ ފަހަތުން ދުއްވައިގަތެވެ. އޭނަ ކުޑަކޮށް ނުރުހުންވިއެވެ. ސަބަބަކީ އޭނަ ހިނގަން ޖެހުމާއި ނަވޫދު ބައިސްކަލްގައިި އިނުމެވެ. އެކަމަކުވެސް އެންމެ ކުޑަވެގެން އޭނަ އެކަނިވެރި ނުވިތާއެވެ. އެވަރުގެ އެހީތެރިކަމެއްވެދިނީތީ އޭނަ ޝުކުރުވެރިވާން ޖެހޭނެއެވެ.
"މިއޮތީ ތެންކިއު ގިފްޓެއް. އަހަރެން މި ބްރައުނީޒް ހެދީ އަމިއްލައަށް. ކޮއްކޮއާއެކު ކާލައްޗޭ....." އަލްވާ ބްރައުނީޒް ޕެކެޓެއް ދިއްކޮށްލުމުން ނުހިފާނެހެން ހީވި އިރުގަނޑެއްފަހުން ނަވޫދު އޭގައި ހިފިއެވެ. ނަމްރާ ބްރައުނީޒްއާއިހެދި މޮޔަވެއެވެ.
އުޑުމަތި ނޫކުލައިގެ ނީލަމެއްހެން ދުރުދުރަށް ދާންދެން ފެންނާންއޮތްއިރު ދޭތެރެއިން ވިލާކޮޅުތައް އެކި ސިފަސިފައިގާ ދަތުރުކޮށްލައެވެ. އަވިދިނަސް ދިއްލާލާފައި އޮތަސް ވައިގާ ފިނިކަން އެކުލެވެއެވެ. ހޫނު މޫސުމްވެސް ނިމެނީއެވެ. އަލްވާ ގަސްތަކަށް ނަޒަރު ހިންގައިލީ އެންމެ ފަތެއްގެ ކުލަވެސް މުށިކުލައަކަށް ބަދަލުވާތޯއެވެ. ނަސީބަކުން ހުރިހާތަނެއް ފެންނަނީ ފެހިކުލައިގާ އަދި ގަސްތަކުގެ ސިއްހަތު އެންމެ ބަރާބަރެވެ. ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ހޫނުމޫސުމާއި ބަހާރަކީ އޭނަ އެންމެ ލޯބިކުރާ ދެ މޫސުމެވެ. ފިނިކަމަކީ ދެން ވަރަށް މަރުހަބާ ނުކިޔޭ ޝައުގުވެރިކަން ކުޑަ އެއްޗެކެވެ. އެހެންވެ އޭނަ ޚަރީފާއި ފިނިމޫސުމާއި އެހާ ގަޔާވާގޮތެއްނުވެއެވެ. ނަމަވެސް އެދެ މޫސުމް ކަޅުވިޔަސް ތަފާތު ރީތިކަމެއް ލިބިގެންވާ ކަމަށް އޭނަވެސް ގަބޫލުކުރެއެވެ. އޮހޭ ރަންމުށި ފަތްތަކާއި ސްނޯއަކީ ދުނިޔެއިން ފެންނާނެ އަޖައިބުކުރުވަނިވި އާޝޯޚުކުރުވާ މަންޒަރެކެވެ. ލުއި ވައިރޯޅިތަކާއެކު ނަށަމުން ދިޔަ ގަސްތަކަށް ބަލަން ހުރެ ޚިޔާލީ ހުވަފެންތަކުގެ ތެރެއަށް ގެނބުމުން އޭނަގެ ފިޔަވަޅުތައްވެސް ލަސްވެއްޖެއެވެ. ދިގު ވިނަތައްވެސް ހެލެމުން ދިޔައީ ހިތްގައިމު ގޮތަކަށެވެ. އޭނަ ދުރަށް ބަލައިލިއިރު އޭނަގެ އިންތިޒާރުގައި ބައިސްކަލް މަޑުކޮށްލައިގެން ނަވޫދު ތަންކޮޅެއް ދުރުގައި ހުރިތަން ފެނުނެވެ. އޭނައާއި ދާދި ކައިރިން ވައި އަޅުވާފައި ބާރަށް ދިޔަ ކާރެއްގެ ސަބަބުން އޭނަ ނުވެއްޓުނީ ހަމަކިރިޔާއެވެ. އޭގައި ތިބި ފިރިހެނުންތައް ހީފައި އޭނައާއި ދިމާކުރަން އެއްޗެއް ކިޔައިލިޔަސް ކާރު މަޑުކޮށްލުމެއްނެތި ދިޔައީ ނަވޫދު ދުރުގައި އިންތިޒާރުގައި ހުރިތަން ފެނިފައިކަން ނޭގެއެވެ. އަލްވާ ފިޔަވަޅުތައް އަވަސްކޮށްލިއެވެ.
" ހޭއި....ކޮއްކޮއާއި ބެހޭގޮތުން....ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނީ ކީއްވެ؟"
"އެކްސިޑެންޓެއް."ނަވޫދު ބުނެލީ ކުރުކޮށެވެ.
"ކޮންއިރަކު؟"
"ހަތް އަހަރުކުރިން..."
"އޯ.....އެހެންވިއްޔާ އޭރު ވަރަށް ކުޑަވާނެއްނު. ޔޯ ފްރެންޑް ލައިލް ބުނި އެއީ ކޮއްކޮއޭ. ޖަޖްކުރެވުނީތީ މާފަށް އެދެން....އެނގޭތަ؟ އަހަރެމެންގެ ހޮޓަލުގައި މެހުމާނަކު އުޅޭ. އޭނަ ކުރިން ހީކޮށްގެން ހުރީ ކެންސަރު ޖެހިފައިވާކަމަށް. އެކަމަކު ކެންސަރެއް ނޫން ޖެހުނީ. ރޭގައި ޔަގީންވީ ހަގީގަތުގައި އޭނަ ޕްރެގްކަން. ޚިޔާލުކޮށްބަލަ ތިމާ އެހާ ބަލިކަމަށް ހީކޮށް ހުއްޓާ ބްލެސިންއެއް ކެރީކުރުން..." އަލްވާ އަނގަ ތަޅަމުން ދިޔައީ އޭނައަކީ އަނގަގަދަ ކުއްޖެއްކަމުންނެވެ. ނަވޫދު ޖަވާބުނުދިނަސް އަޑު އަހާކަން އެނގުމުން އިތުރަށް ހިތްވަރު ލިބުނެވެ.
"މިހެން ވެދާނެތަ؟ ކޮންމެވެސް ދުވަހެއްގެ ހެނދުނު ހޭލިތަނާ ހިނގެން ފަށައިފިއްޔާ ކިހާ ލޯބިކަމަކަށް ވާނެ....." ބުނަން ނުޖެހޭ އެއްޗެއް ބުނެވިއްޖެ ކަމުގައި ހީކޮށް ކަންބޮޑުވެފައި އަލްވާއަށް ނަވޫދުގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ. އެމޫނުން ފެނުނީ ހަމަޖެހިފައިވާ ކަމުގެ ކުލަވަރެވެ. އެފަދަ އުއްމީދެއް ދިނުމަކީ ހަގީގަތުގައިވެސް އެފަދަ ބަލި ހާލުގައި އިން ކުއްޖަކަށް އެހީއަކަށް ވާނެއެވެ.
"އަބަދުވެސް ތިހާ މަޑުން ހުންނަނީ؟" ނަވޫދުއާއި އެއްވަރަށް ހިނގަން ހަދައިގެން އޭނަ ނޭވާ އުފުރިއަރާގޮތްވިއެވެ. އެހާ ބާރަށް ހިނގުމުން ލޮޑުވެއްޖެއެވެ. އޭނަގެ މޫނުމަތިން ތިކިތަޅަން ފެށި ދާތައް އަތުން ފޮހެލުމާއެކު ކުއްލިއަކަށް ހަޅޭއްލަވައިގަނެވިއްޖެއެވެ."އޯ ނޯ....މޭކަޕް މަތިންވެސް ހަނދާނެއްނެތް. މަގޭ ފްރެކްލްސް ފެންނާން އެބަހުރިތަ؟"
އަލްވާ އެވަގުތު އަވަސްވެފައި ހުރިވަރުން އޭނަ ވާހަކަދައްކަނީ ބީރައްޓެއްސެއް އަދި ނުވީތާކަށް ފިރިހެނަކާއި ކަމެއްވެސް ހަދާނެއް ނެތެވެ. އޭނަ ވާހަކަދައްކަނީ މެހެކްއާއި ނޫންކަމެއް އެވަގުތުކޮޅު ހަނދާނުން ކައްސައިލީއެވެ.
މިފަދަ އަޖައިބެއްހެން އުޅޭއަންހެންކުއްޖެއްގެ ކަންތައްތަކުގެ ތެރެއަށް ވަދެވުނު ގޮތާއިމެދު ނަވޫދު ވިސްނިއެވެ. މުޅި އުމުރު އޭނަ ހޭދަކުރީ އިދިކޮޅު ޖިންސާއި ދުރުން އަމިއްލަ ކަންތައްތަކާއި ގެންނެވެ.އަންހެންކުދިންނާއި ވާހަކަދައްކަން އޭނަގެ ޝައުގެއް ނުހުރެއެވެ. އަވި އައިނު އަޅައިގެން ހުރުމުން ރަގަޅަށް ނުފެންނާތީ އަލްވާ އައިނުނެގިއެވެ. ރަންމުށިކުލައިގެ މާކްތަކެއްހުރިހެން ތިކިތައް އައިސް ނޫކަމުގެ ތެރެއަށް ފޭދިފައިވާ ކަޅިއެކެވެ. ހެޓެރޯކްރޯމިއާ ލޮލެވެ. ނަވޫދު އެފަދަ ލޮލެއް ދެކުނީ ކޮންތަނަކުންހެއްޔެވެ؟އެވަގުތު އެހެންލާފައި އައި ފުލުހުންގެ ޖިޕެއް ނަވޫދުގެ މަގު ބަންދުކުރިއެވެ. ދެ ފުލުސް އޮފިސަރުން ބިޑި ހިފައިގެން ނަވޫދުއާއި ދިމާލަށް ހިނގައިގަތުމުން އަލްވާ ހުއްޓުން އެރިއެވެ.
"މިސްޓަރ ނަވޫދު. މިސް ސިލްވާ މަރައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރަން. ހިމޭނުން ހުރުމުގެ ހައްގު އެބައޮތް....."
"މާރޑަރ.؟"އަލްވާ އަށް އަޑެއް ލައްވައިލެވުނެވެ. މިހުރިހާ އިރުވާންދެން އޭނަ ހިނގާފައި މިއައީ ގާތިލަކާއި އެކީގައި ހެއްޔެވެ؟ ނަވޫދު ފުލުސް އޮފިސަރުން ގާތު ކޮންމެވެސް އެއްޗެކޭ ބުނުމުން އެމީހުން ބޯ ޖަހައިލިއެވެ. ނަވޫދު އަލްވާއާއި ދިމާލަށް ހިނގައިގަތުމުން އަލްވާއަށް ފަހަތަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ. ނަވޫދު ޖީބުން ނޯޓުފޮތެއް ނަގާފައި ކޮންމެވެސް އެއްޗެއް ލިޔެލުމަށްފަހު އަލްވާގެ އަތަށް ދިނެވެ." ލައިލް ގާތު އަހަރެންގެ ކޮއްކޮ އުޅޭގޮތެއް ބަލައިލަދޭން ބުނެދީފާނަންތަ؟" ނަވޫދު އޭނައަށް ބަލައިލީ ނަޒަރުގައި ގާތިލެއްގެ ސިފައެއްނެތެވެ. އަލްވާ އޭރުވެސް ހުރީ ޝޮކުން އަރައިނުގަނެވިފައެވެ. އޭނަ ލަސްލަހުން ބޯ ޖަހައިލިއެވެ.
" މިމަގުގެ ކަނައަތްފަރާތުގައި ޕާކް އޮންނާނީ....ކަންމަތީގައި...." ނަވޫދު އިނގިލިން އިޝާރަތްކޮށްލުމަށްފަހު ފުލުހުންގެ އުޅަދާއި ދިމާލަށް ހިނގައިގަތެވެ. އަލްވާ އެ ނޯޓްފޮތް ޖީބަށް ޖަހައިލުމަށްފަހު އަވަސްފިޔަވަޅުތަކެއްގައި ޕާކާއި ދިމާލަށް ހިނގައިގަތެވެ. ކޮންފަދަ އެހެން ކަހަލަ ހާލަތެއްހެއްޔެވެ؟ މީހަކު ހައްޔަރުކުރިތަނެއް މި ނޫނީ އޭނަ ދެކެފައެއްނުވެއެވެ. މަސްހުނި ޚިޔާލުތައް އޭނަގެ ސިކުނޑި ފުރާލައިފިއެވެ.
ޕާކް ފެނުމާއެކުހެން އޭނަގެ ނަޒަރުގައި އަޅައިގަތީ ސުފިޔާންއެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް އެ ފަރާތަށް ހުއްޓި ނަވޫދު ހައްޔަރުކުރި ކުރުން އެއްކޮށް ސިކުނޑިން ފޮހެވިގެން ދިޔައެވެ. ވަގުތުން ލޮލުގައި އަވި އައިނު ޖަހައިލުމަށްފަހު ސްވެޓަރު އޮމާންކޮށްލައިފިއެވެ. އަދި ތުންފަތް މައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިކުރަމުން އޭނަ އެދިމާލަށް ހިނގައިގަތްތަން ފެނި ސުފިޔާންވެސް ރައްދުގައި ހީލިއެވެ. އަދި އަތް ކުޑަކޮށް އުފުލައިލިއެވެ. އޭނަ އެހެރީ އަލްވާގެ އިންތިޒާރުގައި ހެއްޔެވެ؟ އަލްވާގެ ހިތް އަވަސްވެލައިފިއެވެ. އަދި މޫނަށްވެސް ހޫނުވެލިއެވެ. އޭނަ ވިރިގެން ބިމަށް ފައިބާން ބޭނުންވިއެވެ. އޭނަ މިހާ ހާސްވާންވީ ކީއްވެހެއްޔެވެ؟ އެހެން ދުވަސްފަދައިން އުޅެން ހިތް އޭނައަށް އެންގިއެވެ. އަލްވާ އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ.
"އީދު މުބާރަކް އަލްވާ..." ސުފިޔާން ހީލިއެވެ. "ރޯޒްކްލިފް ޓީމް" ހުދުކުލައިގެ ގަމީހަކާއިއެކު އެ ރަތްމުށިކުލައިގެ އިސްތަށިގަނޑު ހުދު ތޮތްޕަކުން ފޮރުވާލައިގެން ހުރިއިރުވެސް އޭނަ ފެންނަލެއް ހާދަ ރީއްޗެވެ. އަދި ތުނިކޮށް ފަޅާފައި ހުރި ތުނބުޅީގެ ސަބަބުން ވަކިން ފިރިހެންވަންތައެވެ. ހިތުގައި އުފެދެމުން ދިޔަ އިހުސާސްތަކާއެކު ހާސްވެފައި ހުރުމުގެ ސަބަބުން ސުފިޔާންގެ ސަލާމްގެ ރައްދުގައި އެއްޗެއް ބުނަންވެސް ހަނދާނެއްނެތެވެ.
"އިވެންޓްގެ ލޮކޭޝަން ބަދަލުވުމުން އަންގާނުލެވުނީތީ މާފަށް އެދެން. ހީރާ ބުނާނެކަމަށް ހީކުރީ...."ސުފިޔާން މާފަށް އެދުނެވެ."ކިހިނެއް މިތަނަށް އައީ؟"
"ހިނގާލާފައި.. އެއީ މާ ބޮޑުކަމެއްނޫން އަނެއްހެން. ހަގީގަތުގައި. ހަމަ ކުޑަ ކުޑަ ހިނގާލުމެއް...." އަލްވާ "ކޫލް"ވާންވެގެން ބުނެލިއެވެ. ސުފިޔާން ހީލީ އަލްވާގެ އަޑުގައި ހުރި ތުރުތުރުލުން ފާހަގަވެފައެވެ. އަދި ނިތްކުރިން ތިރިއަށް ދެމެންފެށި ދާތިކިތަކާއިއެކު މަސްކާރާވެސް މޫނުމައްޗަށް ފޭދެމުން ދިޔައެވެ. އޭނަ ފަޓުލޫނުގެ ޖީބުން ނެގި ރުމާލެއް އަލްވާގެ އަތަށް ދިއްކޮށްލިއެވެ." ހީވަނީ މެރެތަންއެއްގައި ދުވެފައި އައިހެން. ވެލް. އެންޖޯއި ދި އިވެންޓް އަލްވާ. ވަރަށް މަޖާ ކުޅިވަރުތައްވެސް ހުންނާނެ. އެކުވެރިޔާވެސް ގެނައިނަމަ މާ މަޖާކުރެވުނީސް.." ސުފިޔާން އެތަނުން ދާންވެގެން އަނެއް ފަރާތަށް އެނބުރުނެވެ." ހޭވް ފަން އަލްވާ........"
"މިހާރު ތިދަނީ؟" އަލްވާއަށް ބުނެވުނެވެ. އޭނަ މިއައީ ސުފިޔާންގެ ދައުވަތަށެވެ. ނޫނީ އިންސާނިއްޔަތުކަމުގެ ގޮތުން ސުފިޔާން ކުރިކަމެއް އަލްވާއަށް މާ ބޮޑުކަމެއްގެ ގޮތުގައި ހީކުރެވުނީހެއްޔެވެ؟ ސުފިޔާން ހަމައެކަނި ކުރިކަމަކީ އެ ހަފްލާ އޮތްވާހަކަ ބުނުމެވެ. އޭނައާއިއެކު އީދު ފާހަގަކުރާކަށް ބުނީއެއް ނޫނެވެ.
"އަހަރެން ކުދިންނަށް އީދު ހަދިޔާތަކެއް ތައްޔާރުކޮށްލަނީ. ފޫހިކަމަކަށް ނުވަންޏާ ބައިވެރިވިޔަސް ހަމަ އޯކޭ....."
"އޮފްކޯޒް...." އަލްވާ އުފަލާއެކު އެއްބަސްވިއެވެ."ވާއު..އެކަމަކު ހާދަ އަގުބޮޑު ހަދިޔާތަކެކޭ..."
އީދު ހަދިޔާ ކޮތަޅުތަކުގައި ހުރީ އަގުބޮޑު ފިލްމު ކެމެރާތަކާއި ފޮތްތަކެވެ. އޭނަ ހީކުރީ ކުޅޭ ތަކެއްޗާއި މެޓާފަދަ ތަކެތި ކަމުގައެވެ. އެކަމަކު މިއީ އަދި އެހެން ލެވެލްއެކެވެ.
"ހޭއި. ރޯޒްކްލިފްގެ ވެރިޔާ މިފަދަ ހަދިޔާތައް މިދެނީ މިއީ މާ ބޮޑުވަރެއް ނޫންތަ؟ މިބުުނީ. މި އެއްޗެހި ވަރަށް އަގުބޮޑު އެކަމަކު ކުޑަކުދިން މެޓާފަދަ ތަކެއްޗާއި މާ ގަޔާވާނެއްނު. އައި މީން. ދެން މި ކެމެރާއިން އެކުދިން ކީއްކުރާނީ؟ މި ބޭނުންކުރަން އެނގޭނެހެނެއްވެސް ހިޔެއްނުވޭ....."
"ސީރިޔަސްކޮށް؟ އަހަރެންގެ އުމުރުން ހަ އަހަރުގައި މިފަދަ ފިލްމު ކެމެރާއެއްއޮތް. އެއީ ވަރަށް މަޖާކަމެއް. ފިލްމުތައް ހިއްކާފައި ދެން އެ އަޅުވާފައި ޑިވެލޮޕްވާތަން ދުށުންވެސް ވަރަށް ލައިކްވޭ......."
"އެކަމަކު އޭނަ ދެން ފައިސާ ޚަރަދުކުރަނީ މާ ބޭކާރުގޮތަކަށް ކަމަށް ހީނުކުރެވޭތަ؟"
"ކާކުތަ؟" ސުފިޔާން ސުވާލުކުރިއެވެ.
"ރޯޒްކްލިފްގެ ވެރިޔާ...." އަލްވާ އަޑުމަޑުކޮށްލިއެވެ. ސުފިޔާން ހުނުން މަތަކުރިއެވެ. މި ކުއްޖާގެ މޫނަށް ބެލިވަރަކަށް އޭނައަށް ހުނުން ހިފަހައްޓަން އުދަގޫވަމުން ދިޔައެވެ. މި ހެއްވާ މޭކަޕާއި ބޮޑު މާސިންގާ އައިނު ހަމަ ހީވަނީ ޖޯކެއްހެންނެވެ. އެކަމަކު ލޯތްބެވެ.
"އަލްވާ އައިނު އަޅަން ހޭނިފައިވާހެނެއް ހިޔެއްނުވޭ. ކީއްވެ އައިނު އަޅަނީ؟ އަލްވާގެ ލޯ ވަރަށް ރީތި...." ހަދިޔާތައް ޕެކްކުރުމުގައި އަވަދިނެތި އިނދެ ސުފިޔާން އާދައިގެ ގޮތަކަށް ބުނެލި ޖުމްލައިން އަލްވާގެ ހިތުގެ ހިނގުންވެސް ހުއްޓުނުފަދައެވެ.
އެއިވެންޓް ނިންމައިލީ މަޖާ ކުޅިވަރުތަކާއި އެންމެ މީރު ކާބޯތަކެތިންނެވެ. އީދު ފާހަގަކޮށް ނިމުމުން އަލްވާ ގެއަށް ގެންގޮސްދޭން ސުފިޔާން ހުށަހެޅިއެވެ.
ނުނިމޭ