ފުލުހަކަށް ހަމަލާ ދިނުމަށްފަހު ފިލަން އުޅުނު މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 10:00 ޖަހާއެހާކަންހާއިރު ފުލުހަކަށް ހަމަލާ ދީފައިވަނީ މަޖީދީ މަގު ކެމްޕަސް ގޯޅިތެރޭގައި ފުލުސް މީހާ ދިރިއުޅޭ ގޭގެ ތެރެއިން ކަމަށާއި އެ ހަމަލާދިނުމަށްފަހު އެމީހާ ފިލަން އުޅެނިކޮށް ފުލުހުން ގޮސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމަލާ ދިން މީހާ ވެސް އުޅެނީ ފުލުސް މީހާއާ އެއް ގެއެއްގަ އެވެ. ނަމަވެސް އެ ހަމަލާގައި ފުލުސް މީހާ އަށް މާބޮޑު ޒަޚަމްތަކެއް ލިބިފައެއް ނުވެ އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ ފުލުހުންނަށް ހަމަލާދޭ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެ މައްސަލަތައް ބަލައި އެކަން ކުރި މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށެވެ.

ފަހަކަށް އައިސް ތަކުރާރުކޮށް ކޮންމެ ރެއަކު ފުލުހުންނަށް އެކިވަރުގެ ހަމަލާތައް ދިނުން ވަނީ އާންމުވެފަ އެވެ.