20 May 2022, 10:17
ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކާ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބަލައިގަންނާނީ ބައިބަޔަށް ވަކި ކޮށްފައިވާ ކުނިކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަމާ ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި އަދި މި ދެންނެވުނު ކުނީގެ ބާވަތްތައް ނޫން އެހެން ބާވަތްތަކުގެ ކުނި ވަކިންކަމަށެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުން ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި، މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި މި ދެންނެވުނު ކުނީގެ ބާވަތްތައް ނޫން އެހެން ބާވަތްތަކުގެ ކުނި ވަކިންނެވެ.
"މަތީގައި ބަޔާންކުރެވިފައިވާ ބާވަތްތައް ބަންދުކުރުމުގައި އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނެހެން ވަކި ކޮތަޅެއްގައި ބަންދުކުރުމަށް ސަމާލުވުމަށް ދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ 'ކޯލް އެންޑް ޕިކަޕް' ޚިދުމަތް ފޯރުކޮށްދޭނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި ކުނި އުކާލުމަށް ރަޖިސްޓާކޮށްފައިވާ ފަރާތްތަކުން އެފަދަ ކުނި ކުލީ ޕިކަޕުގައި ސައިޓަށް ގެންގޮސް ވެސް އުކާލެވޭނެއެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ދުރުވެ ކުނި އުކާލާ ފަރާތްތަކުން ބަޔާންކުރެވިފައިވާ ހަތަރު ބަޔަށް ކުނި ވަކިކޮށްގެން އުފުލުމަށް ސަމާލުވުމަށް ދަންނަވަން." އެ ބަޔާނުގައި ވެއެވެ.