03 Mar 2010, 11:50
14:30
ސިއްހީ ދާއިރާއާ ބެހޭ ގާނޫނަކާ ނުލާ ހެލްތް ސެކްޓަރ ކޯޕްރަޓައިޒް ކުރުމުން ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރު ޑީއާރުޕީން ދީފި އެވެ.
ބޭރު ފަރާތްތަކާ ގުޅިގެން ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމުގެ އުސޫލެއް ސަރުކާރުން ގެންގުޅޭތީ އެކަމާ ޑީއާރުޕީން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވީ ގާނޫނީ އޮނިގަނޑެއް ނެތި ސިއްހީ ހިދުމަތްދޭ ތަންތަން ކޯޕްރަޓައިޒް އުސޫލުން ހިންގަން ހަވާލުކުރުމުން އެ ތަންތަނުގެ މުވައްޒަފުންގެ ވަޒީފާތައް ގެއްލި، މުސާރާގެ މައްސަލައް ކުރިމަތިވެ، އެ ތަންތަނުގެ ހިދުމަތުގެ ފެންވަރު ދަށްވެގެންދާނެ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ސިއްހީ ދާއިރާގެ މުވައްޒަފުން ކަމަށްވާއިރު، އެ މުވައްޒަފުންގެ ހައްގުތައް ގެއްލި، ރައްޔިތުން އަތްނުފޯރާ ފަށަށް ހިދުމަތުގެ އަގުތައް އުފުލިގެންދާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ މަޝްވަރާގެ އުސޫލު ސަރުކާރަށް ބޭނުންވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ ހިޔާލާނުލައި ކަންކޮށް ނިންމާލުމީ ސަރުކާރުގެ ގެންގުޅޭ ސިޔާސަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުގެ ބިލް މަޖިލީހުގެ ތަޅުމުގައި ވަނިކޮށް، އުސޫލީ ހަމަތަކެއް ނެތި ވަކި ބަޔަކަށް ބާރުތަކެއް ދޫކޮށްލުމީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.