މޮސްކޯ (19 މޭ 2022): ރަޝިއާއިން ހަމަލާދިނުމަށް ބޭނުންކުރާނެ ހަތިޔާރެއްގެ ގޮތުގައި ލޭޒާ އަލި އީޖާދުކޮށް ތަޖުރިބާކޮށްފި ކަމަށް އެގައުމުން ބުނެފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ވަރަށް ބާރުގަދަ ލޭޒާ އައްޔެކެވެ. ލޭޒާ ހަތިޔާރު ބޭނުންކުރަނީ ރަޝިއާ ސިފައިންނާ ދެކޮޅަށް ޔުކްރޭނުން ބޭނުންކުރާ ޑްރޯން ވައްޓާލުމަށާއި އާމެޑް ވެހިކަލްފަދަ އުޅަނދުތައް ގޮއްވާލުމަށާއި ބައެއް ބާވަތުގެ މިސައިލާއި ރޮކެޓް މަތަކޮށް އެތަކެތި ވައްޓާލުމަށެވެ. މި ހަތިޔާރު ޔުކްރޭން ހަނގުރާމައިގާ ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ކަމަށްވެސް އެބަޔާން ބުނެއެވެ.

މީގެއިތުރުން ޖައްވުގެ އޯބިޓް ތަކުގައި ބިމުގެ ވަށައިގެން ދަތުރުކުރާ ސެޓަލައިޓްތައް ގޮއްވާލުމަށާއި އެތަކެތި ވައްޓާލުމަށްވެސް މި ލޭޒާ ހަތިޔާރުގެ ބޭނުންކުރެވޭނެ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާގެ ބަޔާން ބުނެއެވެ.

ރަޝިއާގެ މީޑިއާ ބުނާގޮތުން މިއީ ޔުކްރޭނާ ދެކޮޅަށް ރަޝިއާ އަސްކަރީ އޮޕަރޭޝަން ފެށިފަހުން ރަޝިއާގެ ސައެންސްވެރިންނާއި އިންޖިނޭރުން އުފެއްދި ހަތިޔާރެކެވެ. ހަތިޔާރެއްގެ ގޮތުގައި ރަޝިއާއިން އީޖާދުކުރި ލޭޒާ އައްޔަކީ ދުނިޔޭގެ ބިމުގެ އެއްހާސް ކިލޯމީޓަރު ދުރުގެ އޮބިޓްތަކުގައި ޖައްވުގައި ދުނިޔެ ވަށައިގެން އެނބުރޭ ސެޓަލައިޓްތަކާއި ފަސް ކިލޯމީޓަރު ދުރުން އުދުހޭ ޑުރޯންތައް ވަރަށް ފަސޭހައިން ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ އައްޔެއްކަމަށް އެގައުމުގެ މިޑީއާ ބުނެއެވެ.

ލޭޒަރ ހަތިޔާރު ބޭނުންކުރާގޮތުގެ އިމޭޖެއް

ރަޝިއާއަކީ އަސްކަރީ ސިނާއަތުގައި އެމެރިކާއާ ދާދި އެއްފެންވަރެއްގައި އުޅޭ ގައުމެކެވެ. އަސްކަރީ ބާރުވެރިކަމާއި ގާބިލްކަމަށް ބަލާއިރު ރަޝިއާއަކީ ދުނިޔޭގެ ދެވަނައެވެ. އެއްވަނައަކީ އެމެރިކާ ކަމަށްވިޔަސް ބައެއް ބާވަތްތަކުގެ ސިނާއަތްތަކުގައި އަދި ޚާއްސަކޮށް މިސައިލް ޓެންކޮލޮޖީއާއި ނިއުކްލިޔާ ޓެކްނޮލޮޖީގައި ރަޝިއާއަކީ އެމެރިކާއަށްވުރެވެސް ބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ.

މިސައިލް ޓެކްނޮލޮޖީއަށް ބަލާއިރު ރަޝިއާވަނީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލް މިދިޔައަހަރު އުފައްދައި ޓެސްޓްކޮށްފައެވެ. ހައިޕާ ސޮނިކް މިސައިލް އަށް ބަލާއިރު އެމެރިކާއަށް އަދި އުފެއްދިފައިވަނީ އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ މިސައިލްއެވެ. އެމެރިކާއިން މި މި މިސައިލް ތަޖުރިބާކުރީ މިހަފްތާގައެވެ. އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލް އަދި އެމެރިކާއަށް އުފެއްދިފައެއް ނުވެއެވެ.

ނަމަވެސް ރަޝިއާ ވަނީ މީގެ ދެއަހަރުކުރިން އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ މިސައިލް އުފައްދާފައެވެ. އަދި އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ މިސައިލް ރަޝިއާ ވަނީ މިދިޔަ އަހަރު ތަޖުރިބާކޮށްފައެވެ. އެއަށްފަހު ދެފަހަރެއްގެ މަތިން ރަޝިއާވަނީ ޔުކްރޭން ހަނގުރާމައިގާ މިބާވަތުގެ ދެ މިސައިލް ބޭނުންކޮށްފައެވެ.

ފާއިތުވި ދެތިން އަހަރުތެރޭގައި ރަޝިޔާވަނީ އަސްކަރީ ވަރަށް ޒަމާނީ ހަތިޔާރުތައް އީޖާދުކޮށް ތަޖުރިބާކޮށް އެތަކެތި ދައްކާލާފައެވެ. އޭގެތެރޭގައި އެއްބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ ހަތް ހާސް ކިލޯމީޓަރުގެ ރާސްތާގެ ބަލިސްޓިކް މިސައިލާއި އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ޓެކްނޮލޮޖީގެ މިސައިލް އާއި ކަނޑުއަޑީގައި ދަތުރުކުރާ ނިޔުކްލިއާ ޑްރޯންއާއި އަދި ފައިޓާޖެޓް ހިމެނެއެވެ. މިހާރު މިދައްކާލީ ލޭޒާ ހަތިޔާރެވެ.

ރަޝިއާއިން އީޖާދުކޮށްފައިވާ އައު ޓެކްނޮލޮޖީގެ މިޒަމާނީ ހަތިޔާރުތައް ޔޫކްރެއިން ހަނގުރާމައިގާ ރަޝިއާ ސިފައިން ބޭނުމެއް ނުކުރެއެވެ. އެހަނގުރާމައިގާ އާންމުގޮތެއްގައި ރަޝިއާ ސިފައިން ބޭނުންކުރަނީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޓެކްނޮލޮޖީގައި އުފައްދާފައިވާ ބައު ހަތިޔާރެވެ. ނަމަވެސް ތަޖުރިބާ ކުރުމުގެ ގޮތުން ހައިޕާ ޓެކްނޮލޮޖީގެ ދެ މިސައިލް ޔުކްރޭން ހަނގުރާމައިގާ ރަޝިއާ ސިފައިން ވަނީ ބޭނުންކޮށްފައެވެ.

ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމުގެ މަގްސަދުގައި އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ޔޫކްރެއިނަށް ހަތިޔާރު އޮއްސަމުން ގެންދާއިރު ރަޝިއާއިން ލޭޒާ ހަތިޔާރު ދައްކާލާފައިމިވަނީ މުހިއްމު މަގްސަދެއްގައެވެ. މީގެތެރޭގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިއާގެ އަސްކަރީ ޓެކްނޮލޮޖީއަށް ނުކުރާކަމާއި އެމެރިކާއަށް ނުއުފެއްދޭ ވަރުގެ ބާރުގަދަ ޒަމާނީ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ރަޝިއާގެ ކިބައިގާ ހުރިކަން އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް އެންގުން ހިމެނޭކަމަށް ތަޖުރިބާކާރުން ދެކެއެވެ.