އިދިކޮޅުން 'އިންޑިއާ އައުޓް'ގެ ނަމުގައި ރޭ ބޭއްވި މުޒާހަރާގައި ފުލުހަކު އެ މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެދިއްޖެއެވެ.

އެމްއެމްސީން ބުނީ ރޭ މާލޭ މަގުމަތީގައި ކުރިއަށް ގެންދިޔަ އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް "ސޯލިހް" ނަމަކަށް ކިޔާ ފުލުހަކު އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަލައި، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާކޮށްދިނުމަށް އެދި ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އެމްއެމްސީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް އެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ދެ އިދާރާ ގުޅިގެން ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ.

"ނޫސްވެރިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުމަށާއި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލަން،" ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

ރޭގެ މުޒާހަރާ ބޭއްވީ "އިންޑިއާ އައުޓް" ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި އިތުރު މީހަކު ހައްޔަރުކުރުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެ މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވިއެވެ. އެއީ މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ކުރިމަތިން ފެށިގެން ގޮސް މަޖީދީ މަގުގައި ތިއްބައެވެ.

ރޭގެ މުޒާހަރާއިން ތިން މީހަކު ހައްޔަރު ކޮށްފައިވާރު ރޭގެ ވަގުތެއްގައި އެ ތިން މީހުންވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.