19 May 2022, 09:53
ވޯޓާސް އެޖް ސަރަހައްދަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ވަދެވޭގޮތް ހަދާނެ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވޯޓާސް އެޖްގައި ޕިއްޒާމިއާގެ އައުޓްލެޓެއް ހުޅުވީ އިއްޔެއެވެ. އެތަން ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސުހައިލްއެވެ.
އެތަނުގެ ފޮޓޯއާއެކު ސޯޝަލް މީޑިޔާގައި އާއްމުން ފާޅުކުރަން ފެށި ކަންބޮޑުވުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެތަނަށް ވަދެވޭނެ ގޮތެއް ނެތުމެވެ.އެއާއެކު އެކަން އެޗްޑީސީގެ ސަމާލުކަމަށް އައެވެ.
އެކަމާ ގުޅޭގޮތުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، އެކަން ބަލައި ހައްލު ކޮށްދެއްވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޕިއްޒާމިއާ އަކީ ވޯޓާ އެޖްގައި ހުޅުވި ދެވަނަ ރެސްޓޯރެންޓެވެ. އެތަނުގައި ފުރަތަމަ ހުޅުވާފައި ވަނީ މެރީބްރައުންގެ ރެސްޓޯރެންޓެކެވެ.
މާލެ ސަރަހައްދުގެ މަގުތަކާއި އިމާރާތްތައް ހަދާފައިވަނީ، ފުރޮޅުލީ ގޮނޑި ބޭނުންކުރަންޖެހޭ މީހުންނަށް ވަދެ ނިކުމެވޭ ގޮތަށްތޯ ބެލުމަށް މިދިޔަ އަހަރު އެޗްއާރްސީއެމްއިން ކުރި ފަސް ދުވަހުގެ ދިރާސާ ރިޕޯޓަކުން ދައްކާ ގޮތުގައި، މާލޭ ސިޓީގެ 79 ޕަސެންޓް ތަނަށް ފުރޮޅުލީ ގޮނޑީގައި ވަންނަން ހުރަސްތަކެއް ހުއްޓެވެ.
ސާވޭ ރިޕޯޓްގައި ވާގޮތުން، ހުޅުމާލޭގެ 32 ޕަސެންޓް އިމާރާތަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތަކެއް އެބަހުއްޓެވެ.
އެ ސާވޭގެ ނަތީޖާއަށް ބިނާކޮށް އެޗްއާރްސީއެމް އިން 10 ލަފައެއް ދީފައިވެއެވެ. އޭގެ ތެރޭގައި، މީހުން ދިރިއުޅޭ ތަންތަނާއި އާންމު ހިދުމަތްދޭ ތަންތަން ފަރުމާކުރުމުގައި، ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ވަދެ ނިކުމެވޭ ގޮތަށް އެތަންތަން ފަރުމާ ކުރުން ހިމެނެއެވެ.