ވީބީ ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން އޭ.އެފްސީ ކަޕުގައި ކުވޭތު އެފްސީ ވީބީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ފުރަތަމަ ފަހަރަށް މާލޭގައި ބޮކި އަލީގައި ކުޅުނު މެޗުގައި ވިބީގެ ފުރަތަމަ ގޯލު ޖެހީ ފާއިތުވެދިޔަ ތިން އަހަރު ނިއު އަށް ކުޅުނު ލައިބީރިއާ ފޯވަޑް ރައިޓް ޗާލްސް ގަޔޭ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އޭރިޔާގެ ބޭރުން ވާތުފައިން ވަރަށް ބާރަށް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
މި ދެ ލަނޑުގެ ކުރިން ކުވޭތު އެފްސީ އަށް ލިބުނު ޕެނަލްޓީ ރޮގްރިގޭޒް ސިލްވާ ކޮޓީނޯ ޖެހި ބޯޅަ ޖެހުމުން ދިފާއުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.
ފަހުހާފުގައި ފުލުފުލުގައި ވީބީގެ ގޯލަށް އަމާޒުވަމުންދިޔަ ބޯޅަތަކުގެ ތެރެއިން ފަހުދު އަލް އެނޭޒީ ގޯލު ޖެހީ ކީޕަރު އަބުދުﷲ ޒިޔަޒަންގެ ކުރިއަށް ނުކުތުމުން އޭނާގެ ބޯމަތިން ފޮނުވާލައިގެންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ އަބުދުﷲ ހާމިސް ޖެހީ މެޗު ނިމިނިމިއޮއްވަ އެވެ.
މެޗަށް ފަހު ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ އޭނާގެ ޓީމު ބަލިވީ ފަހު 10 މިނިޓް ހިފަހައްޓާ ނުލެވިގެން ކަމަށެވެ.
ކުވޭތު އެފްސީގެ ކްރޮއޭޝިޔާ ކޯޗު ބުނީ އޭނާގެ ޓީމު މެޗުން ޕޮއިންޓެއް ހޯދީ މޮޅަށް ކުޅެފައި ކަމަށެވެ.
މި މުބާރާތުގައި މި ދެ ޓީމަށް ވެސް މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.