18 May 2022, 15:03
ބްރަސަލްސް (18 މޭ 2022): ނޭޓޯގެ މެމްބަރުކަމަށް އެދި ފިންލޭންޑާއި ސްވިޑްން ރަސްމީކޮށް މިއަދު ހުށަހެޅި ނަމަވެސް ތުރުކީ އެކަމާ ދެކޮޅުހަދާތީ އެދެގައުމަށް ނޭޓޯގެ މެންބަރުކަން ލިބުމަށް ހުރަސްއެޅިއްޖެއެވެ.
ނޭޓޯގެ އަސާސީ ގަވައިދު ބުނާގޮތުން ނޭޓޯގެ މެންބަރުކަން އެހެން ގައުމަކަށް ދެވޭނީ އެޖަމާއަތުގައި ހިމެނޭ އެއްވެސް ގައުމަކުން އެކަމާ ދެކޮޅު ނުހަދާ ނަމައެވެ. ތުރުކީއަކީ އެމެރިކާ ފިޔަަވައި ނޭޓޯގައި ހިމެނޭ އެންމެބޮޑު ކޮންވެންޝަނަލް ބާރެވެ. އެމެރިކާ ފިޔަވައި ނޭޓޯގައި ނިއުކްލިޔާ ނޫން އެންމެ ބޮޑު އަސްކަރީ ބާރު އޮންނަނީ ތުުރުކީގައެވެ.
ފިންލޭންޑާއި ސްވިޑްންއަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީ ދެކޮޅު ހަދަނީ އެދެގައުމަކީ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ދެގައުމު ކަމަށްވާތީއެވެ. ތުރުކީން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރާ ކުރުދީންގެ ޕީކޭކޭ ޖަމާއަތަކީ ފިންލޭންޑާއި ސްވިޑްން އިން ވަރަށް ބޮޑަށް އެހީތެރިވާ ޖަމާއަތެކެވެ.

ފިންލެންޑްގެ ރައީސް ސައުލީ ނިނިސްޓޯ
ޕީކޭކޭ އަކީ ތުރުކީގެ ދެކުނުގައި ކުރުދީ ދައުލަތެއް އުފެއްދުމަށްޓަކައި ތުރުކީގެ ދައުލަތާ ދެކޮޅަށް ބަޣާވާތްކޮށް އަދި ތުރުކީ ސިފައިންނާ ހަނގުރާމަ ކުރަމުންގެންދާތާ ގާތްގަނޑަކަށް 35 އަހަރުވެފައިވާ އަސްކަރީ ޖަމާއަތެކެވެ. ތުރުކީން އެޖަމާއަތް ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.
ފިންލޭންޑާއި ސްވިޑްންއަކީ ޕީކޭކޭއަށް މާލީގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެހީތެރިވާ ދެގައުމެވެ. އެދެގައުމު ގެންދަނީ ޕީކޭކޭގެ އިސްވެރިންނާއި ތުރުކީގެ ދެކުނުގައި ކުރުދީ ދައުލަތެއް އުފެއްދުމަށް ތާއީދުކުރާ ކުރުދީ ސިޔާސީ ފަރާތްތަކަށް ސިޔާސީ ހިމާޔަތާއި ރައްކާތެރިކަން ދެމުންނެވެ. މީގެ އިތުރުން ފިންލޭންޑާއި ސްވިޑްން ވަނީ ޕީކޭކޭއާ ދެކޮޅަށް ތުރުކީ ސިފައިން ހަނގުރާމަ ކުރާތީ އެދެގައުމުގައި އުފައްދާ ހަތިޔާރާއި އަސްކަރީ ޓެކްނޮލޮޖީ ތުރުކީއަށް ފޯރުކޮށްދިނުން ވަރަށް ކުރީއްސުރެ މަނާކޮށްފައެވެ.
ތުރުކީއަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމެއްކަމަށް ބުނެ ފިންލޭންޑާއި ސްވިޑްން އިން ވަރަށް ގިނައިން ތުރުކީ ކުށްވެރިކޮށް ބަޔާންތައް ނެރެއެވެ. މިކަންކަމުގެ ސަބަބުން ވަރަށް ކުރީއްސުރެ އެދެގައުމާއި ތުރުކީގެ ގުޅުންތައް އޮންނަނީ ގޯސްވެފައެވެ.
ނޭޓޯގެ މެމްބަރުކަމަށް އެދި ފިންލޭންޑާއި ސްވިޑްންއިން ރަސްމީކޮށް ބްރަސަލްސްގައި ހުންނަ ނޭޓޯގެ ހެޑްކުއާޓާސް އަށް މިއަދު ހުށަހެޅުމުން ތުރުކީ ސަރުކާރުން ބުނެފައިވަނީ އެދެގައުމު ނޭޓޯއަށް ވަނުމަށް ތުރުކީ ހުރަސްއަޅާނެ ކަމުގައެވެ. ތުރުކީ ސަރުކާރާ ހަވާލާދީ އެގައުމުގެ މަޝްހޫރު ނޫހެއްކަމަށްވާ "ސަބާހު" ބުނާގޮތުގައި ފިންލޭންޑާއި ސްވިޑްން އިން ތުރުކީ އެދޭ ދިހަ ޝަރުތެއް ފުރިހަމަ ކުރަންދެން އެދެގައުމު ނޭޓޯއަށް ވަނުމަށް ތުރުކީ ހުރަސް އަޅާނެއެވެ.

ސްވިޑެންގެ ބޮޑުވަޒީރު މަގްޑެލޭނާ އެންޑްރެސަން
މިދިހަ ޝަރުތުތަކުގެ ތެރެއިން ފުރަތަމަ ޝަރުތަކީ ޕީކޭކޭ އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެދެގައުމުން ރަސްމީ ސިފައެއްގައި ކަނޑައަޅައި އެކަން އިއުލާނު ކުރުމެވެ. ދެވަނަ ޝަރުތަކީ ޕީކޭކޭއަށް ސިޔާސީ ގޮތުން ކުރާ ތާއީދު ހުއްޓާލުމާއި އެދެގައުމުގައި ދިރިއުޅޭ ތުރުކީއާ ދެކޮޅަށް މަސައްކަތްކުރާ ކުރުދީ ސިޔާސީ ލީޑަރުން ބޭރުކޮށްލުމާއި އެފަރާތްތަކަށް އެއްވެސް ހިމާޔަތެއް ނުދިނުމެވެ.
ތިންވަނަ ޝަރުތަކީ ޕީކޭކޭއާ ގުޅިފައިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ފިންލޭންޑާއި ސްވިޑްން އިން ދޭ މާލީއެހީއާއި ސިޔާސީ ތާއީދު ނިމުމަކަށް ގެނައުމެވެ. ހަތަރުވަނަ ޝަރުތަކީ އިރާގާއި ސޫރިޔާގެ އުތުރުގައި ދިރިއިޅޭ ޕީކޭކޭގެ އެގްޒެކެޓިވް ލީޑާޝިޕްއާ އެދެގައުމުން ގުޅުންތައް ކަނޑާލުމެވެ.
ފަސްވަނަ ޝަރުތަކީ ތުރުކީގެ އިދިކޮޅު ލީޑަރެއްކަމަށްވާ ފަތުހުﷲ ގުލެންގެ ޖަމާއަތާއެކު ފިންލޭންޑާއި ސްވިޑްން އިން ބާއްވާ ގުޅުންތައް ނިމުމަކަށް ގެނައުމެވެ. ހަވަނަ ޝަރުތަކީ ތުރުކީގައި ހަރުކަށި އަމަލުތައް ހިންގުމަށްފަހު ފިންލޭންޑާއި ސްވިޑްން ގައި ހިމާޔަތް ހޯދައިގެން އުޅޭ ކުރުދީ އެކްޓިވިސްޓުންނާއި ފަތުހުﷲ ގުލެން ޖަމާއަތުގެ އެކްޓިވިސްޓުން ހައްޔަރުކޮށް އެމީހުން ތުރުކީއާ ހަވާލުކުރުމެވެ.
ހަތްވަނަ ޝަރުތަކީ ތުރުކީގެ އަމަނާއި ސަލާމަތަށް ނުރައްކާވާކަމަށް ތުރުކީ ކަނޑައަޅާ އެއްވެސް ފަރާތަކާއެކު ފިންލޭންޑާއި ސްވިޑްން އިން އެއްވެސް ބާވަތެއްގެ ގުޅުމެއް ނުބޭއްވުމާއި މުއާމަލާތްވެސް ނުކުރުމެވެ. އަށްވަނަ ޝަރުތަކީ ތުރުކީސަރުކާރުން ޓެރަރިޒަމް ކަމަށް ކަނޑައަޅާ ކަންކަމުގައި އެދެގައުމުން ތުރުކީއަށް އެއްބާރުލުން ދިނުމެވެ.
ނުވަވަނަ ޝަރުތަކީ ތުރުކީން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ކަނަޑައަޅާ ޖަމާއަތްތަކުގެ އެކައުންޓްތައް ބަންދުކޮށް ފިންލެންޑާއި ސްވިޑްންގައިވާ އެފަދަ ޖަމާއަތްތަކުގެ އެސެޓްތައް ފްރީޒް ކުރުމެވެ. ދިހަވަނަ ޝަރުތަކީ ތުރުކީން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ކަނަޑައަޅާ އެއްވެސް ޖަމާއަތަކަށް ފަންޑް ރައިޒް ކުރުންފަދަ ހަރަކާތެއް ފިންލެންޑާއި ސްވިޑްންގައި ހިންގުން މަނާކުރުމަށް އެދެގައުމު އެއްބަސްވުމެވެ.
ތުރުކީ އެދޭ މިޝަރުތުތައް ފިންލެންޑާއި ސްވިޑްން އިން ފުރިހަމަކޮށްފިނަމަ އެދެގައުމު ނޭޓޯއަށް ވަނުމަށް ތުރުކީ ހުރަސްނާޅާނެކަމަށްވެސް ތުރުކީ ސަރުކާރާ ހަވާލާދީ އެގައުމުގެ "ސަބާހު" ނޫސް ބުނެއެވެ.
މިޝަރުތުތައް ފުރިހަމަ ކުރުމަކީ ފިންލެންޑާއި ސްވިޑްންގެ ސިޔާސަތުގެ އިތުރުން އެދެގައުމުގެ ވިސްނުމާއި ސިޔާސީ ފިކުރަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަކަށްވާއިރު މިއީ އެދެގައުމަށް ކުރަން ފަސޭހަ ކަމެއްނޫނެވެ. އަދި މިކަންކަން ކުރާނެކަމަށްވެސް ނުބެލެވެއެވެ. ޚާއްސަކޮށް ސްވިޑްން އިން މިޝަރުތުތަކަށް ފާޅުގައި އިންކާރުކުރާނެކަމަށްވަނީ ބެލެވިފައެވެ.
"ސަބާހު" ނޫސް ބުނާގޮތުން އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ތުރުކީން މިޝަރުތުތައް ކޮންމެވެސް ވަރަކަށް ލުއިކުރިނަމަވެސް ތުރުކީގެ ޕާލަމެންޓް އޮތީ މިކަމުގައި އެއްވެސް ވަރަކަށް ފިންލެންޑާއި ސްވިޑްން އަށް ދޫދޭގޮތަކަށް ނޫނެވެ.