18 May 2022, 15:35
ޕެންޝަން ފައިސާ އޭގެ ޙައްގުވެރިންނަށް ލިބެމުން ނުދާކަމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒެވެ.
މެންބަރުގެ ހުށަހެޅުމުގައި ބުނެފައިވަނީ، މޯލްޑިވްސް ނެޝެނަލް ޕާޓީގެ ފަރާތުން ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނާ ގުޅޭގޮތުން ކުރި ދިރާސާއަކުން ދައްކާގޮތުގައި މިއަދާ ހަމަޔަށް އެ ޤާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ޕެންޝަންގެ ޙައްގުވެރިންނަށް ލިބިދެމުން ނުދާކަމަށެވެ.
"ދިރާސާގައި މައިގަނޑުގޮތެއްގައި ބަލާފައިވާނީ މިޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން" އެދެވޭގޮތެއްގައި ތަންފީޒުކުރެވެމުންދާކަން ނުވަތަ ނޫންކަމާއި، 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ރިޓަޔަމަންޓް ޕެންޝަން ސްކީމް" އެދެވޭ ގޮތެއްގައި ތަންފީޒުކުރެވެމުންދާކަމާއި ނުވަތަ ނޫންކަމުގެ މައްޗަށް،" މައްސަލައިގައިވެއެވެ.
މެންބަރު ވިދާޅުވީ ޕެންޝަނާ ބެހޭ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު އަސާސީ ޕެންޝަނުގެ ގޮތުގައި ލިބެންޖެހޭ 5000 ރުފިޔާ، ޕެންޝަންގެ ހައްގުވެރިންނަށް ފުރިހަމައަށް ލިބުމަށް ހުރަސްއެޅިފައިވާކަމަށެވެ.
މީގެ އިތުރުން އެ ގާނޫނުގެ މަގްސަދަކީ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ދަށުންނާއި އުމުރުން ދުވަސްވުމުން ލިބިދޭ ޕެންޝަން ހަމަޔަށް ލިބޭނެގޮތެއް ހޯދުމަށް މަސައްކަތް ކުރުން ނަމަވެސް ފަހުން ގެނެވުނު އިސްލާހުތަކުގެ ސަބަބުން މަގްސަދުތައް ހާސިލްނުވާ ކަމަށެވެ.
މި ކަންކަމުގެ ސަބަބުން ޤާނޫނު އަލުން މުރާޖާ ކުރުމަށް މެންބަރު ވަނީ ގޮވާލައްވާފައެވެ.
އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ ތެރެއިން 19 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިގަތުމަށް ފަސް މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.