21 Mar 2012, 22:35
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އާންމުންނާ ބައްދަލުކުރުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައި ބާއްވާގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިރޭ ވިދާޅުވީ މުލިއާގޭގައި ރައީސް ރައްޔިތުންނާއި ބައްދަލުކުރައްވާނީ ހެނދުނު 10-11 އަށް ކަމަށެވެ. އަދި ވިދާޅުވީ ރައީސްއާ ބައްދަލުކުރަން ބޭނުން ކޮންމެ މީހަކަށްވެސް މުލިއާގޭގެ ރަސްމީ ގޭޓޫ ހުންނާނީ މާދަމާ ހުޅުވިފައި ކަމަށެވެ.
"ރައީސް ބޭނުން ފުޅުވޭ އާންމުންނާއި ގިނައިން ބައްދަލުކުރައްވަން. އަދި ވަކިން މީހުންގެ ހުށަހެޅުންތަކާއި ހިޔާލުތަށް އަޑުއައްސަވަން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަށް ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ކުރިއަށް އޮތް ތަނުގައި އާންމުންނާ ބައްދަލުކުރުމުގެ ބައްދަލުވުންތައް ބާއްވަވާނެ ކަމަށެވެ.
މުލިއާގެއަކީ ރައީސްގެ ރަސްމީގެކޮޅު ކަމަށް ވިޔަސް ސަން އަށް އެގިފައިވާ ގޮތުގައި ރައީސް އަދިވެސް ދިރިއުޅުއްވަމުން ގެންދަވަނީ ނައިބު ރައީސްކަމުގައި ހުންނެވި އިރުވެސް ދިރިއުޅުއްވަމުން ގެންދެވި ހިލާލީގޭގަ އެވެ.