18 May 2022, 13:27
މާލޭ ސިޓީ ކައުންސިލުން ބުނެފިނަމަ މިހާރުވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން އޮތީ އަމީނީ މަގުގައި ތާރު އަޅަން ތައްޔާރަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން މޫކޭ ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް އެކުންފުނިން ވެފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލުން މަސައްކަތް ފެށުމަށް އިރުޝާދު ދިނުމާއެކު އެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީނީ މަގު: ވެހިކަލް ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން ޖެހޭ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"އަޅުގަނޑުމެންނާއި ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފަ އޮތީ. ހުރިހާ ކަމެއް ހުއްޓިފަ އޮތީ ކައުންސިލާ ހިސާބުގައި. އަޅުގަނޑުމެން އަދާކުރަން ޖެހޭ ޒިންމާއެއް އަދާ ނުކުރެވިގެނެއް ނޫން މަސައްކަތް ހުއްޓިފަ އޮތީ،" މޫކޭ ވިދާޅުވިއެވެ.
މޫކޭ މިހެން ވިދާޅުވެފައިވާއިރު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢުތަކަށް ދޭންވާ އެއްބާރުލުން ނުދޭކަމަށެވެ.
"އެނގިވަޑައިގެންނަވާނެ މިއަދު ވެސް މީ ވަރަށް ވިއްސާރަ ދުވަހެއް. އަޅުގަނޑުމެންނަށް މި ފެނުނީ މިސާލަކަށް އަމީނީ މަގަށް ބަލާނަމަ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެ އޮތީ. އެހެންނަމަވެސް މިދިޔަ ނޮވެންބަރު މަހުން ފެށިގެން ސަރުކާރުން ބަޖެޓު ނުހިފަހައްޓާ ބަޖެޓު ދޫކޮށްދެއްވި ނަމަ މިއަދު އޮންނާނީ އެ އަމީނީ މަގުގައި ތާރު އެޅިފައި،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޖުމްލަ 15 މަގެއްގައި ތާރު އެޅުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި އަމީނީ މަގު، ޗާންދަނީ މަގު، ކަނބާ އައިސާ ރަނި ހިނގުން، ޝަހީދު ޢަލީ ހިނގުން، ޢިއްޒުދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހަވީރީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ރައްދެބައި ހިނގުން، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގު ހިމެނެއެވެ.

އަމީނީ މަގު: ވެހިކަލް ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން ޖެހޭ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް "މާލެ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި ހާއްސަ މަޝްރޫއުއެއް ފަށާފައި ވަނީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ޕްރޮޖެކްޓުގެ ދަށުން މާލޭގެ އިތުރު މަގުތަކެއް ތަރައްގީކުރުމަށް މަޝްރޫއުގެ ދެވަނަ އާރުޑީސީއާ އެކު ސޮއިކޮށްފައިވަނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދައުރުގައެވެ.
ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.