ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކަކީ ވަކި ޕާޓީއެއްގެ ސިޔާސަތުތަކެއް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގައްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙުމަދު ޒާހިރު ޢަލީ ވަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކީއްވެގެންތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ. އަދި ކޯލިޝަން ސަރުކާރަށް އެމްޑީޕީގެ ސީޔާސަތުތައް ތަންފީޒުކުރަން އުނދަގޫވަނީތޯ ވެސް މެންބަރު ވަނީ ސުވާލުކުރައްވާފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމަށްވާ މިނިސްޓަރު ޙުސައިން ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރަމުން ދަނީ ސަރުކާރުގެ ސިޔާސަތުތައް ކަމަށެވެ. އަދި ސަރުކާރުގެ ނަމުގައި ކުރާ ކޮންމެ ކަމަކީ ވެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ހިނގަމުންދާ ކަންކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެމްޑީޕީ ވެސް ހިމެނޭ ގޮތަށް އުފެދިފައިވާ ކޯލިޝަން ސަރުކާރުގެ ސިޔާސަތުތަކެއް ތަންފީޒުކުރަމުން މިދަނީ. ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސް ނިންމާ ގޮތަކަށް މި ދެންނެވި ސަރުކާރުގެ ކަންކަން ހިނގާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ހިނގަމުންދާ ހުރިހާ ކަމެއް އަދި ތަންފީޒުކުރަމުންދާ ހުރިހާ ކަމަކީ ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިޒުނައާއި އިރުޝާދުގެ ދަށުން ކުރަމުންދާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދި، ސަރުކާރު ކޯލިޝަނުން ވަކިވުމަށް ހިތްވަރުދޭ މޭރުމަކުން ވެސް ބައެއް މެންބަރުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މި ސަރުކާރު "ފެތެމުންދާ ކަމަށް" ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު އެންމެ ރަނގަޅު ގޮތަކީ "ފެތެމުން އަންނަ ސަރުކާރާއެކު" ނުފެތުން ކަމަށެވެ. އަދި މި ސަރުކާރުގައި އެ ޕާޓީގެ މެންބަރުން އެދޭ ކަންކަން ނުވަނީ ކޯލިޝަންގެ ސަބަބުން ކަމަށް ވިދާޅުވާ ވާހަކަ ނަޝީދު ވަނީ ތަކުރާރުކުރައްވައިފައެވެ.