21 Mar 2012, 22:20
އެމްޑީޕީން މުޒާހަރާކުރި އިންސާފުގެ މައިދާން ލޮނުޒިޔާރަތް ކޮޅު ސަރަހައްދަށް ފުލުހުން ވަދެ އެތަން ރޫޅާލީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށްކަމަށް ބުނެ އެމްޑީޕީން ދައްކާފައިވާ ވާހަކަތަކަކީ ޝަރީއަތަށް ހަގީގަތް އޮޅުވާލުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ދައުލަތުން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު އެމްޑީޕީން ކޭމްޕް ޖަހައިގެން މުޒާހަރާ ކުރި ލޮނުޒިޔާރަތް ކޮޅަށް ފުލުހުން ވަދެ އެ ރޫޅާލި މައްސަލައާއި ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާއަށް ޖަވާބުދާރީ ވަމުން ބަންޑާރަ ނައިބު އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އިއްޔެވެސް އެމްޑީޕީން ލޮނުޒިޔާރަތްކޮޅު ސަރަހައްދަށް ގޮސް މުޒާހަރާ ކުރިކަމަށާއި ސުލްހަވެރިކަމާއި އެކު ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ކުރާ މުޒާހަރާތައް ފުލުހުން ރޫޅާ ނުލާ ކަމަށެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލު ހިސާން ހަސަން ވެސް ވަނީ އިއްޔެ އެމްޑީޕީއިން އެ ސަރަހައްދަށް ގޮސް މުޒާހަރާ ކުރި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ އިއްޔެ އެމްޑީޕީން އެ ސަރަހައްދަށް ވަދެ މުޒާހަރާ ކުރަން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުން މުޒާހަރާ ރޫޅާލާފައި ވާކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އެތަނުން ގެންދިޔަ ތަކެތީގެ ލިސްޓެއް ފުލުހުންގެ އަތުގައި ނެތް ކަމަށެވެ. ރައްދުގައި އުޝާމް ވިދާޅުވީ ލޮނުޒިޔާރްކޮޅުގައި އެމްޑީޕީން ކުރި މުޒާހަރާ ފުލުހުން ރޫޅާލީ މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގާއުކަން ފެށުމުން ކަމަށެވެ.
"އެ މުޒާހަރާ ފުލުހުން ރޫޅާލީ މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގާއުކަން ފެށުމުން،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މުދަލެއް ދައުލަތަށް ނަގާފައި ނުވާނެ ކަމަށާއި ލޮނުޒިޔާރަތް ކޮޅު ސަރަހައްދުންގެ ޓެންޓުތައް ރޫޅާލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް މިހާރު ތައްޔާރުކޮށްފައި ކަމަށެވެ.
އަދި އެތަކެތީގެ ވެރިފަރާތް ދެނެ ގަތުމަށް މިހާރު އިއުލާން ކޮށްފައިވާކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އެ ލިސްޓް ވެސް ހުށަހަޅާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ސަރަހައްދު ފުލުހުން ބަލާ ފާސްކުރި އިރު އެ ސަރަހައްދުން ބަދުއަޚުލާގީ އަމަލު ހިންގުމަށް ބޭނުންކުރާ ބައެއްތަކެއްޗާއި ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށާއި އެއީ އިސްލާމީ ޝަރީއަތުގައި ބޭނުންކުރުން މަނާކޮށްފައިވާ ތަކެތި ކަމަށެވެ.
މީގެ އިތުރުން ވަޅިއާއި ކަޓަރު އަދި ތޫނުކޮށްފައިވާ ދަގަނޑު ވެސް އެ ސަރަހައްދުން ފެނިފައިވާކަމަށާއި އެއެއްޗިއްސަކީ ބިރުދެއްކުމާއި ނުރައްކާތެރި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގެންގުޅުން މަނާކޮށްފައިވާ ތަކެތި ކަމަށް ވެސް އޭނާ ވިދާޅު ވިއެވެ.
"ވަޅިއާއި ކަޓަރާއި، ތޫނުކޮށްފައިވާ ދަގަނޑު ވެސް އެ ސަރަހައްދުން ފުލުހުންނަށް ވަނީ ފެނިފައި. އެ ތަކެއްޗަކީ ބިރުދެއްކުމާއި ނުރައްކާތެރި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގެންގުޅުން މަނާއެއްޗިހި،" އުޝާމް ވިދާޅު ވިއެވެ.
އޭނާ ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ތިބެ ރާވައިގެން މާލެތެރެއަށް މީހުން ނެރެ ހަމަނުޖެހުން އުފެއްދުމަށް ފަހު އަނެއްކާ އަނބުރާ އެ ސަރަހައްދަށް މީހުން ފިލަން ދާކަމަށެވެ. އަދި އެސަރަހައްދުގައި ހިނގާ ހަމަނުޖެހުންތައް ތަހުގީގުކުރުމަށް ދާ ފުލުހުންނާއި ދިމާލަށް ގާއުކައި ފުލުހުންނަށް ހަމަލާދެމުން ގޮސްފައިވާކަމަށްވެސް އުޝާމް ވިދާޅު ވިއެވެ.
އޭނާ ވިދާޅުވީ އެމީހުން އެތަނަށް އެއްވެ ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކާ ކުށްކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަމުން ގެންދިޔަ ކަމަށާއި އެ ހިސާބުގައި ދިރިއުޅޭ ކުޑަކުދިންގެ ކިޔެވުމަށް އަސަރުކޮށް އެކުދިންގެ ހައްގުތަކެއް ގެއްލުމުގެ އިތުރުން މުޖުތަމައުގެ އާންމު މަސްލަހަތު ގެއްލެމުން ދިޔަކަމަށެވެ.
އުޝާމް ވިދާޅުވީ ލޮނުޒިޔާރަތް ކޮޅު ސަރަހައްދަކީ ޒަމާނުއްސުރެ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް މުނިފޫހި ފިލުވުމަށާއި އިޖުތިމާއީ އެކި އެކި ކަންކަން ކުރުމަށް އޮތް އެންމެ ބޮޑު ބިން ކަމަށާއި ވަކިބަޔަކަށް ފައިދާ ވާގޮތަށް ދިގުމުއްދަތަކަށް އެބިން ދީފައި އޮތް އޮތުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ކަން ގެއްލިގެންދާ ކަމަށެވެ. އަދި އެސަރަހައްދަކީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ސަރަހަދެއް ނޫންކަމަށާއި އެ ސަރަހައްދަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމަކަށް ވާތީ އެތަން ބޭނުން ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އެމްޑީޕީއަށް ނޯންނާނެ ކަމަށެވެ.
އެމްޑީޕީގެ ވަކީލު ހިސާން ވިދާޅުވީ ފުލުހުން އެ ދުވަހު އެތަނުގައި ހުރި ތަކެތި ގެންދިޔައީ އޭގެ ވެރިފަރާތަށް ނާންގާ ކަމަށާއި އެގޮތަށް ފުލުހުންނަކަށް އެތަކެތި ނުގެންދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން އެ ސަރަހައްދުގެ ބޭނުންކުރީ މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށާއި ސިޓީ ކައުންސިލުން އެތަން އެމްޑީޕީ އާއި ހަވާލުކުރީ ގާނޫނާއި އެއްގޮތަށް ކަމަށް ބުނާނަމަ އެއީ އެމްޑީޕީގެ މައްސަލައެއް ނޫންކަމަށެވެ.
އެހެންކަމުން އެކަމުގައި މައްސަލައެއް އުޅޭނަމަ ދައުލަތުން ސިޓީކައުންސިލާއި ވާހަކަ ދައްކައިގެން އެކަން ހައްލުކުރަން ޖެހޭނެ ކަމަށް ވެސް ހިސާނު ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުލަތުގެ ބަޔާނަށް ދޭ ޖަވާބު ލިޔުމުން ތައްޔާރު ކުރުމަށް ފަހު މާދާމާ ހެނދުނު ކޯޓަށް ހުށަހެޅުމަށް އެމްޑީޕީ އަށް ފުރުސަތު ދެއްވުމަށް ފަހު އެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.