ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާ ގުޅިގެން އިސްރަށްވެހީންނަށް 30 ޕަސެންޓް ޑިސްކައުންޓް އަދި ވައިބާ ބޭނުންކޮށްލުމަށް ހިލޭ ޑޭޓާ ލިބޭ ޚާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފްކުރި "އިސްރަހަވެހިޕްލޭން" އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ. މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްލޭނެކެވެ.

މި ޚާއްސަ ޕެކޭޖް އިފްތިތާޙްކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއެވެ.

"އުރީދޫގެ ސީނިއަރ ސިޓިޒަން "ޕޯސްޓްޕެއިޑް" އޮފަރއާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިއަދު މި ތައާރަފްކުރެވުނު އިސްރަށްވެހިންގެ ޕެކޭޖަކީ އުމުރުން ދުވަސްވީ މީހުނަށް ހާއްސަ ޕެކޭޖެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރުކޮށް، އާ ފުރުސަތުތަކާ ގުޅުވާލަދިނުން. ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ "އިސްރަހަވެހިންގޭ ޕެކޭޖް" މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ޕެކޭޖަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ޚާއްސަ އޮފާތައްވެސް ލިބޭނެއެވެ.

އިސް ރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަލުވިކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރުވެސް ކުރިއަށް ގެންދާނެއެވެ. ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ތަޢާރަފްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއިން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުދި ބޮޑު އެންމެހައި ބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުމުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވައެވެ.