21 Mar 2012, 20:32
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިމަހު އެއްވަނަ ދުވަހު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާއި މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ބައެއް މެންބަރުން މަޖިލީހުގެ މުދަލަށާއި ތަކެއްޗަށް ގެއްލުންދިން މައްސަލަ ބެލުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެ މައްސަލަ މަޖިލީހުގެ ސުލޫކު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު މިއަދު ވިދާޅުވީ އެ މައްސަލަ ސުލޫކު ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުވާފައިވަނީ އޭނާއާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ. މީގެ ކުރިންވެސް މެންބަރުންގެ އެފަދަ މައްސަލަތައް އެ ކޮމިޓީއަށް ފޮނުވާފައިވާނެ ކަމަށާއި އެ މައްސަލައާބެހޭގޮތުން ގޮތެއް ނިންމާނީ ކޮމިޓީން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި އެކަމުގައި ޖިނާއީ ތަހްގީގެއް ކުރަން ބޭނުންނަމަ ކަމާބެހޭ މުއައްސަސާތައް ބޭނުންކޮށްގެން އެކަން ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވާކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެ މައްސަލަ ކޮމިޓީއަށް ފެންނަ ގޮތަކަށް ނިންމާނީ. މިސާލަކަށް ޖިނާއީ ތަހްގީގެއް ކުރަން ބޭނުން ވިއަސް މުއައްސަސާތައް މެދުވެރިކޮށް އެކަން ކޮމިޓީއަށް ކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލަ ސުލޫކު ކޮމިޓީއަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، ނުވަތަ ޤާނޫނާއި ގަވައިދާ ޚިލާފަށް މެންބަރަކު ކަމެއް ކޮށްފި ކަމުގެ ތުހުމަތު ކުރެވިއްޖެ ހިނދެއްގައި އެކަމެއް ބަލައި ތަޙްޤީޤުކޮށް ގަވައިދާ ޚިލާފްވި މެންބަރަކު ނުވަތަ މެންބަރުންނާއި މެދު އަޅަންވީ އިޞްލާޙީ ފިޔަވަޅުތަކުގެ ލަފާ މަޖިލީހުގެ ރައީސަށް އެރުވުމަކީ ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނަށް ހުރަސްއަޅަން މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން ހިންގި ކަންތައްތަކުގެ ސަބަބުން ޗެމްބަރުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ގެއްލުންތައް ބަލާ ތަފްސީލްހޯދަމުން އަންނަ ކަމައްވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ މާލަމަކީ ވަރަށްގިނަ ނިޒާމްތަކެއް ގާއިމް ކުރެވިފައިވާތަނެއް. އޭގެ ތެރޭގައި އެ ހުރިހާ ކޭބަލް ތަކަކާއި ސައުންޑް ސިސްޓަމްގެ ކޭބަލްތަކާއި މަޖިލިސްގެ ޗެމްބާ އޮޓަމޭޓް ކުރަން ލާފަ އެހެރަ ސިސްޓަމާއި އަދި ވޯޓުނަގާ ސިސްޓަމާއި އެ ހުރިހާ ކޭބަލަކީވެސް މަޖިލީހުގެ ތަޅުމުގެ އަޑީން އެއްމޭޒު އަނެއްމޭޒުގެ ތެރެއިން އަމުނާލެވިފަ ހުންނަ އެއްޗެހިތަކެއް. އެހެންވީމަ ވާގޮތަކީ މޭޒުތައް ވައްޓާލައި އެހެން ހެދީމަ ކޭބަލްތައް ދެމިގެން ވަނީ އުފުރިފަ. އަތި އެ މޭޒުތަކުގައިހުރި ތަކެއްޗަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައި. އެއީ ވަރަށްބޮޑެތި ގެއްލުންތަކެއް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ޗެމްބަރަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ސިސްޓަމްތައް ފެއިލްވެފައިވާތީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެ ސިސްޓަމް ގާއިމްނުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށާއި ސިސްޓަމްތަށް ރަނގަޅުކުރަން އަވަސް މަސައްކަތްތަކެއް ކުރަންމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބައެއް ސާމާނަކީ ރާއްޖޭން ބޭރުން ގެންނަންޖެހޭ ކަމައްވެސް ވިދާޅުވި އެވެ. އަދި އެ މަސައްކަތްތައް އަންނަ ހޯމަ ދުވަހުގެކުރިން ނިންމައި އެދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެހުރިހާ އެއްޗެއްސަކީވެސް ހަމަ މިކަމަށް އޯޑަރު ކޮށްގެން މީގެ ހަތަރު ފަސްއަހަރު ކުރިން ހާއްސަ މަޖިލީސް ތައްޔާރު ކުރަންވެގެން ގެނައި އެއްޗިހި. އެހެންވީމަ އަޅުގަނޑުމެންގެ އަތުގައި ބައެއް ސްޕެއާވެސް ހުންނާނެ. އެކަމަކުވެސް ސްޕެއާއެއް ނެތިއްޖެއްޔާ މިކަމަކީ ވަރަށްބޮޑު މައްސަލައެއް ދިމާވެދާނެކަމެއް. އެހެންވެ އަލުން ސިސްޓަމް އޯޑަރުކުރަންބަލާއިރު މި މޮޑަލް ނުވެސް ލިބިދާނެ، އެހެންވީމަ އެ ހުރިހާކަމެއް ބަލަމުން މި ގެންދަނީ. އަދި ރާއްޖޭން ބޭރުން އެ ގެންނަންވެއްޖެއްޔާ ވަގުތުވެސް ނަގާނެ. ނަމަވެސް އެކަންތައްތައްނެތި މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ މަސައްކަތްތަކެއް ކުރިއަކަށްވެސް ނުގެންދެވޭނެ. އަޅުގަނޑުމެން މި ބަލަނީ އަންނަ ހޯމަ ދުވަހާ ހަމައަށް ހުރިހާކަމެއް ނިންމައިފަ އެދުވަހު ޖަލްސާތައް ފެށޭވަރުވޭތޯ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އަދި ވިދާޅުވީ މަޖިލީސް ޓެލެކާސްޓް ކުރުމަށް ހަރު ކުރެވިފައިވާ ކެމެރާތަކުން އެދުވަހު މެންބަރުން ހިންގި އަމަލުތަކުގެ ހުރިހާ މަންޒަރެއް ރެކޯޑުކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ތަހްގީގުތަކަށް ބޭނުންވާ ފަރާތްތަކަށް އެތަކެތި ހަވާލުކުރެވޭނެ ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެގޮތުން އެބޭފުޅުން ނެރުނީރު ހިންގި ކަންތައްތައްވެސް ވަނީ ނަގައިފަ. އެ ކަންތައްތަކަކީ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ ފަދަ ކަންތައްތަކެއް. އޭގަ ޖިސްމާނީގޮތުން ސިފައިންނަށް ހުރަސްއަޅައި ހިންގި އަމަލުތަކާއި އަދި މޭޒުތަކާއި އެއްޗެހި ފުރޮޅާލައި ވައްޓާލާ ތަނާއި މައިކްތަކާއެއްޗެހި އުފުރާލާތަނާއި ހުންނާނެ. ސީދާ މި ހުރިހާ އެއްޗެއްވެސް ހަވާލު ކުރަންބޭނުން ފަރާތަކަ ހަވަލު ކުރެވެގޮތަށް ހުންނާނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މަޖިލީހުގައި ހިނގާ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ނުރައްކާވަމުންދާ ކަމަށެވެ. އަދި އެކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މިހާރު މަޖިލިސް ތެރޭގައި ކޮށްފަ ނުކުރާނެކަމެއްނޭނގޭ ހާލަތަށް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެންބަރުން ހުރަސް ނުކުރަންޖެހޭ ރޮނގުތައް މި ދަނީ ހުރަސް ކުރަމުން. އެއީ ވަރަށް ކަންބޮޑުވާކަމެއް. މިހާރު ކޮއްފަ ނުކުރާނެކަމެއް ނޭނގޭހިސާބުގަ މިއުޅެނީ. ކޮންމެފަދަކަމެއް ކޮށްފާނެކަމަށް ގަބޫލުކުރަންޖެހޭ ހިސާބުގަ މިއުޅެނީ. ދެން މަޖިލީހުގެ ޗެމްބަރަކީ މެންބަރުން ވެދެވަޑައިގަންނަވާއިރުގައި ފާސްކުރެވިގެން ވަންނަގޮތަށް ހުންނަތަނެއްނޫން. މެންބަރެއް ވެއްޖެއްޔާ ބޭނުންއިރަކު ވަދެވޭގޮތަށް އޮންނަނީ. އެހެންވީމަ މަޖިލީހުގެ ތަޅުން މިހާބޮޑަށް ހޫނުވެގެންދާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި އެއީ ހަމަ ސަލާމަތީގޮތުން ބަލާއިރު ވަރަށް ކަންބވޮޑުވަ ހިސާބެއްގައި ކަންތައްތައް މިހުރީ،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެގޮތުން ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާ ބާއްވަން ފުރަތަމަ މަސައްކަތްކުރި މި މާޗް މަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހުވެސް މަޖިލީހުގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ. އެ ޖަލްސާގެ ބަދަލުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާއަށްވެސް އެމްޑީޕީ މެންބަރުން ހުރަސް އެޅި އެވެ. ހުރަސް އެޅި 10 މެންބަރަކު ނަން އިއްވާ މަޖިލީހުން ނެރުމުގެ ތެރޭގައި މަޖިލީހުގެ ބައެއް މޭޒުތަށް ވައްޓާ ގޮޑިތަކަށާއި މޭޒުތަށް މައްޗަށް ވަނީ ކޮޅަށް އަރާފަ އެވެ.