17 May 2022, 23:26
ސަރުކާރުން މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ބަޖެޓު ނުހިފެހެއްޓިނަމަ މިއަދު އޮންނާނީ އަމީނީ މަގުގައި ތާރު އެޅިފައިކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެއްއަހަރު ވުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢުތަކަށް ދޭންވާ އެއްބާރުލުން ނުދޭކަމަށެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެން މިދިޔަ އަހަރު ކުރިއަށް ގެންދަން ފެށި މާލޭގެ މަގުހެދުމުގެ މަޝްރޫޢު ނުހުއްޓުވި ނަމަ މާލޭގެ ރައްޔިތުންނަށް އެކަމުގެ ދަތިތަކެއް ނުވާނެކަމަށެވެ.
"އެނގިވަޑައިގެންނަވާނެ މިއަދު ވެސް މީ ވަރަށް ވިއްސާރަ ދުވަހެއް. އަޅުގަނޑުމެންނަށް މި ފެނުނީ މިސާލަކަށް އަމީނީ މަގަށް ބަލާނަމަ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެ އޮތީ. އެހެންނަމަވެސް މިދިޔަ ނޮވެންބަރު މަހުން ފެށިގެން ސަރުކާރުން ބަޖެޓު ނުހިފަހައްޓާ ބަޖެޓު ދޫކޮށްދެއްވި ނަމަ މިއަދު އޮންނާނީ އެ އަމީނީ މަގުގައި ތާރު އެޅިފައި،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ އެ ޓީމު ވެސް މަޤާމަށް އައިސްފައި ތިބީ ރައްޔިތުންގެ ވޯޓާއެކު ރައްޔިތުންނަށް ޚިދުމަތްކުރަންކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަން ކުރެވޭނީ ސަރުކާރުގެ އެކިއެކި މުއްސަސާތައް ނުވަތަ ވުޒާރާތަކުން އެއްބާރުލުން ދީގެންކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އަމީނީ މަގު: މަގު ހަލާކުވެފައި ވުމުން ވެހިކަލް ދުއްވުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާ ދަނީ އާންމުން ކުރަމުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ޑރ. މުއިއްޒު ވިދާޅުވީ ބޮޑެތި ބައެއް މަސައްކަތް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުކުރެވި މަޑުޖައްސާލަން ޖެހިފައިވާކަމަށެވެ.
އެ ފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނުދީ ހިފެހެއްޓުމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ ފަސޭހަ ނުލިބިވާކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ލޭންޑް ޔޫސް ޕްލޭން ހަދައި ހުއްދަ ހޯދުމަށް ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅުމުން އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކުރިކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ މިނިސްޓްރީގެ އެންގުމާއެއްގޮތަށް ބަދަލު ގެނައުމަށް ފަހު އެ ޕްލޭން އަލުން ހުށަހެޅި ނަމަވެސް އަދި ވެސް އެއްވެސް ޖަވާބެއް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.
ސީދާ ރައްޔިތުންނާ ގުޅިފައި ހުންނަ އެފަދަ ކަންކަމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތް އިސްކޮށް ސިޓީ ކައުންސިލަށް އެއްބާރުލުން ދޭން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ޤާނޫނީ ގޮތުން ރައްޔިތުން ބާރުވެރިކުރުމަށް ހެދިފައިވާ ނިޒާމެއްކަމަށެވެ. އަދި އެ ނިޒާމު ހަޤީގަތަކަށްވީ އެ ނިޒާމުގެ ފުރިހަމަކަން ހުރިހާ މުއައްސަސާތަކުން ގަބޫލުކޮށް ދެއްވި އެއްބާރުލުމުގެ ސަަބަބުން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ކައުންސިލަށް ގިނަ ބައެއްގެ އެއްބާރުލުން ލިބުނުކަމަށާއި، އެއްބާރުލުން ނުދޭތަންތަން ވެސް މަދުން ނަމަވެސް އެބަހުރި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެކި ސަބަބުތަކާހެދި ޚާއްސަ ގޮތެއްގައި އެންމެ މުހިންމު ސަޕޯޓް ލިބެންޖެހޭ ބައެއް ދިމަ ދިމާލުން ސަޕޯޓް ނުލިބުންކަން ވެސް ފާހަގަކުރަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ
މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން އެދެނީ އެ ސަބަބުތަކާހުރެ އެ ކައުންސިލަށް އެއްބާރުލުން ނުދެވުނު ތަންތަނުންވެސް ކުރިއަށް އޮތްތަނުގައި އެކަން ރަނގަޅުކޮށް ކައުންސިލަށް އެއްބާރުލުން ދިނުމަށްކަމަށެވެ.
ބައެއް ހާލަތްތަކުގައި ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން ނުދިންނަމަވެސް ޖުމްލަ ގޮތެއްގައި އެ އިދާރާތަކުން ބަހައްއްޓަވާ ގާތްކަމަށްޓަކައި މޭޔަރު ޝުކުރު ދެންނެވިއެވެ.