މާލެ ސަރަހައްދަށް 2،409 މީހުން ހިމެނޭހެން ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއުލާންކޮށްފިއެވެ.

މި މަސައްކަތަށް އަތޮޅުތަކަށް 1،991 ބޭނުންވާއިރު އެ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން އިތުރުން 7-11 ދުވަހަަށް 10 ރުފިޔާގެ އިތުރު އެލަވަންސެއްވެސް ދޭނެއެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާފެ އެލަވަންސެއް ލިބޭނެއެވެ. ތަމްރީނު ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަކަށެވެ.

ހުރިހާ އެލަވަންސެއްވެސް ދޭނީ ބޯހިމެނުމުގެ މަސައްކަތް ނިމުމުންނެވެ. ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އިން 30އަށް ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީން ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ ފާއިތުވި 2021 ވަނަ އަހަރުގައެވެ.

މިކަމާ ގުޅިގެން ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ ބޯހިމެނުމަކީ ގައުމީ ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމަށް ބޭނުންވާ އަސާސީ މައުލޫމާތެއް ކަމަށެވެ. ބޯހިމެނުން 2022ގެ ޝިއާރަކީ "އަހަރެންގެ ބޯހިމެނުން" މިއެވެ.

މީގެ ކުރީގެ ބޯހިމެނުންތަކާ ޚިލާފަށް މިފަހަރުގެ ބޯހިމެނުމުގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ އިތުރުން އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުމަށްވެސް ވަނީ ނިންމާފައެވެ.

ބޯހިމެނުން 2022ގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ އަންނަ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އަދި އެ މަހުގެ 20ވަނަ ދުވަހު ދާއިމީ ނަތީޖާ އިއުލާން ކުރާނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއްއައެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ، އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.