17 May 2022, 16:38
ބްރަސަލްސް (17 މޭ 2022) : ޔޫކްރެއިނާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގެ މަގްސަދު ހާސިލު ކުރުމުގެ ފުރުސަތު ރަޝިއާއަށް ނުދޭނެކަމަށާ ޔޫކްރެއިނުގައި ރަޝިޔާ ބަލިވާންޖެހޭ ކަމަށް ނޭޓޯ އިން ބުނެފިއެވެ.
ބްރަސަލްސްގައި ހުންނަ ނޭޓޯގެ ހެޑްކުއާޓާސްގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސުޓޯލްޓެންބާގް ވިދާޅުވީ ޔޫކްރެއިން ހަނގުރާމައިގާ ރަޝިއާ ކާމިޔާބު ހޯދައިފިނަމަ ނޭޓޯގެ ގައުމުތަކަށް ނުރައްކާވާނެ ކަމަށާ އެމަގްސަދު ހާސިލް ވިޔަނުދީ ޔޫކްރެއިނުގައި ރަޝިޔާ ބަލިކުރުމަށް ނޭޓޯ މަސައްކަތް ކުރާނެއެވެ. އެހެންނަމަވެސް ޔުކްރެއިން ހަނގުރާމައިގެ ތެރެއަށް ނޭޓޯގެ އެއްވެސް ގައުމެއް ނުވަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޓޯގެ އެންމެ ބޮޑު ގައުމުކަމަށްވާ އެމެރިކާއާއި ނޭޓޯގައި ހިމެނޭ އެމެރިކާގެ އެންމެ ބޮޑުބައިވެރިޔާ އިނގިރޭސިވިލާތުން އއިްޔެ ބުނެފައިވަނީ ޔުކްރޭން ހަނގުރާމައަށް ނެރުނު ރަޝިއާ ސިފައިންގެ ތިންބައިކުޅަ އެއްބައިމީހުން ޔުކްރޭންގެ ރައްދު ހަމަލާތަކުގައި މަރުވެ އަދި ޒަޚާމްވެފައިވާ ކަމަށާ ޔުކްރޭންގެ ރައްދު ހަމަލާތަކުގައި ނޭޓޯގެ ގައުމުތަކުގެ ހަތިޔާރު ބޮޑު ދައުރެއް އަދާކޮށް އެހަތިޔާރު ރަޝިއާގެ ހަތިޔާރުގެ މައްޗަށް ކާމިޔާބު ހޯދާފައިވާ ކަމުގައެވެ.
އަދި އެއްގަމުން ހަނގުރާމަކޮށްގެން ޔުކްރޭން ގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިއާ ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެމަސައްކަތް ނާކާމިޔާބުވުމުން ރަޝިއާގެ އަސްކަރީ ސްޓްރެޓެޖީ ބަދަލުކޮށް ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދާއި އަޒޯފް ކަނޑުގެ އައްސޭރިފަށުން ފެށިގެން ކްރައިމިޔާ އާ ހިސާބަށް އޮންނަ ކޯސްޓް ލައިން ސަރަހައްދު ހިފުމަށް ރަޝިއާ ކުރިމަސައްކަތުގައި ކާމިޔާބުތަކެއް ރަޝިއާ ހޯދިނަމަވެސް އެސަރަހައްދުތަކުގައިވެސް ރަޝިއާއަށް ޔުކްރޭންގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް އަމާޒުވެ ރަޝިއާގެ ކުރިއެރުން މަޑުޖެހިފައިވާ ކަމަށް އެމެރިކާއާއި އިނގިރޭސިވިލާތް ބުނެއެވެ.
ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ބޮޑު ސިޓީއެއްކަމަށްވާ ޚަރްކީވު ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮތްނަމަވެސް އެރަށް މިނިވަންކުރުމަށް ޔުކްރޭން ސިފައިންނާއި ވޮލަންޓިއަރުން ރަޝިއާ ސިފައިންނާ ދެކޮޅަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ރަޝިޔާ ސިފައިން ފަހަތަށް ޖެހެން މަޖްބޫރު ވަމުންދާކަމަށްވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ބުނެއެވެ.
ޔުކްރޭންގެ ކުރިއެރުމާބެހޭގޮތުންނާ އަދި ރަޝިއާ ސިފައިންނަށް ލިބޭ ގެއްލުންތަކާބެހޭގޮތުން އެމެރިކާއާއި އިނގިރޭސިވިލާތް ވާހަކަދައްކާއިރު ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭނަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ދެއްކުމަށް އެދެގައުމުވަނީ ފަސްޖެހިފައެވެ.
އަދި ނޭޓޯއިން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރުގެ ސަޕްލައި ޗެއިންނަށާއި ހަތިޔާރުގެ ޝިޕްމަންޓްރަކަށް ރަޝިއާ ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އެހަތިޔާރުތައް ހަލާކުވެ ރަޝިއާއިން ނޭޓޯގެ ގިނަ އަދަދެއްގެ ހަތިޔާރު ޣަނީމާގެ ގޮތުގައި އަތުލައިގެންފައިވާކަންވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ހާމައެއް ނުކުރެއެވެ.
ނަމަވެސް ރަޝިއާ ވަނީ ނޭޓޯއިން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރުގެ ފުނިވަރެއް ޣަނީމާގެ ގޮތުގައި އަތުލާފައިވާކަން ހާމަކޮށް އެތަކެތި ވީޑިޔޯ ތަކުން ދައްކާފައެވެ. އަދި ރަޝިއާގެ ވަރުގަދަ މިސައިލް ހަމަލާތަކުގައި ޔުކްރޭންގެ އެތަށް ސިޓީތަކަކާއި ޓައުން ތަކެއް ހަލާކޮށް ވީރާނާކޮށްލާފައިވާއިރު ޔުކްރޭންގެ ރޭލްވޭތަކުގެ ބޮޑުބައެއްވެސް ވަނީ ހަލާކުކޮށްލާފައެވެ. އަދި ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭން ސިފައިންގެ މަދުވެގެން 20 ހާސްމީހުން މަރުވެ 25 ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށްވެސް ރަޝިއާ ބުނެފައިވެއެވެ.
ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭންގެ މަދަނީ އަދި އަސްކަރީ އިންފްރާސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ޔުކްރޭންގެ ކަނޑުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައްވެސް ރަޝިއާގެ ހަމަލާތަކުގައި ހަލާކުވެފައިވާއިރު ރަޝިއާގެ އެތެރެއަށް ހަމަލާދިނުމުގައި ޔުކްރޭން ވަނީ ނާކާމިޔާބުވެފައެވެ.
ހުޅަނގުގެ މީޑިއާއަކީ ޕްރައިވެޓް މިޑިއާ ކަމަށް ދައުވާ ކުރިނަމަވެސް ޔުކްރޭން ހަނގުރާމައިގެ ޚަބަރުތަކާއި ފަލަސްތީނާ ގުޅޭ ޚަބަރުތައް ހުޅަނގުގެ މިޑީއާއިން ގެންނަނީ ހުޅަނގުގެ ސަރުކާރުތައް ބޭނުންވާ ގޮތަށެވެ. ސަރުކާރުގެ ރަސްމީ މީޑިއާއެކޭ އެއްވެސް ތަފާތެއް ނޯވެއެވެ. މިދެ ހާލަތުގައި ހުޅަނގުގެ މީޑިއާ އުތުރުކޮރެއާގެ މީޑިއާ އާ ތަފާތު ނޫންކަމަށް ރަޝިއާގެ އާރުޓީ ގެ މުހައްލިލަކުވަނީ ފާހަގަ ކުރައްވާފައެވެ.