17 May 2022, 17:02
ގަނާގެ ހާދިސާއާއެކު މިލަންދޫ ކައުންސިލުން، އެ ރަށުގެ ކުދިންގެ ހަރަކާތްތައް މޮނިޓާ ކުރަން ނިންމައިފިއެވެ.
ށ. މިލަންދޫގައި ކުޑަ ފިރިހެންކުދިންތަކެއް އެ އުމުރުގެ އެހެން ކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ މިިދިޔަ ހަފްތާގެ ތެރޭގައެވެ.
އެ މައްސަލައާ ގުޅިގެން، ގަނާގެ ޝިކާރައަކަށްވި ކުއްޖާއާއީ އޭނާގެ އާއިލާއަށް ނަފްސާނީ އެހީ ދިނުމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން ނިންމައި، މައްސަލައިގައި ހިމެނޭ ކުދިންނާއި އެކުދިންގެ އާއިލާތަކާ އެރަށު ސްކޫލުގެ ސީނިއާ މެނޭޖްމަންޓުން ވާހަކަ ދައްކައި، އެކަން ހައްލު ކުރެވޭތޯ ބަލަމުން ދާކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އެރަށު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިފަހަކަށް އައިސް ސްކޫލު ކުދިންގެ މެދުގައި ބުލީކުރުމުގެ އަމަލުތައް ގިނަވެ، ބޭނުމެއް ނެތި ރަށުތެރޭގައި އުޅޭ ވަގުތުގައް ގިނަވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ދަރިވަރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ބެލެވޭތީ، އެކަން ހުއްޓުވައި އަދި ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށްޓަކައި، ކުދިން އުޅޭ އުޅުން މޮނިޓާ ކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ހަމައެއާއެކު، ދަރިވަރުން ބައެއް ކަންކަން ކުރުން ކައުންސިލުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި، ސްކޫލު ދަރިވަރުންނަށް ދަނޑުތައް ބޭނުން ކުރެވޭ ގަޑިތައް ކަނޑައަޅައި، އެ ނޫން ގަޑިތަކުގައި ދަނޑަށް ދިއުމާއި ކުޅެއުޅުން މަނާކޮށް، ކުޅެން ދާއިރު ހަވިރީ ހެދުން ލާނަމަ އެކުދިން ގެއަށް ފޮނުވާލުން ހިމެނެއެވެ.
އޭގެ އިތުރުން، ދަރިވަރުންނަށް މޫދަށް އެރެވޭނީ ބެލެނިވެރިންގެ ހާޒިރުގައި ކަމަށް ކަނޑައަޅައި، ހުކުރު ދުވަހު ހެނދުނު ސްކޫލު ކުދިންނަށް މޫދަށް އެރެވޭނެ އެންމެ ލަސްގަޑި ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެއާ ޚިލާފު ވާނަމަ ފިޔަވަޅު އަޅާނެކަމަށް ކައުންސިލްގެ އިއުލާނުގައިވެއެވެ.
އޭގެ އިތުރުން ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކަކީ:
މިސްކިތާއި މިސްކިތު ގޯތިތެރޭގައި ވާހަކަ ދައްކާ ސަކަރާތް ޖަހާ ކުދިންނާމެދު ފިޔަވަޅު އެޅުން
- ރޭގަނޑު ޖޯލިފައްޗާއި ބޯޅަދަނޑު އަދި އަތިރިމަތިފަދަ ތަންތަނުގައި ބެލެނިވެރިންނާ ނުލައި ގްރޫޕް ހަދާފައި ތިބުން މަނާކުރުން
- ކަނޑައަޅާފައިވާ އުސޫލުތަކާއެކު އައުޓްޑޯ ޖިމް ބޭނުންކުރުމާއި ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް ބައިސްކަލު ދުއްވުން
މީގެ އިތުރުން، ދަރިވަރުން ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތް މޮނިޓާ ކުރުމަށް ކައުންސިލުން ވަނީ ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ.