ޒަކާތުގެ ފަންޑުން މިއަހަރު ފަގީރުންނާއި މިސްކީނުންނަށް އެކި ގޮތް ގޮތުން 79 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓާ ޝެއިހް ޝަހީމް އަލީ ސައީދު ވިދާޅުވީ މި އަހަރުގެ ޒަކާތުގެ ފަންޑުގައި 79،642،999.16ރ. އެބަހުރި ކަމަށެވެ. އެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި މީހުންނަށް ބަހާއިރު މަތީ ތައުލީމަށް 11 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޔަތީމް ކުދިންނާއި މައިންބަފައިންނާއި ހަރަދުކުރާނެ މީހަކު ނެތް ތައުލީމް އުނގެނުމަށް ބޭނުންވާ ކުދިންނާއި އަދި ހާއްސަކޮށް އަޅުގަނޑު މި ދަންނަވަނީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިތިބި ކުދިންނަށްވެސް އަލުން ހަޔާތް އަލުން އާބާދުކުރުމަށް ބޭނުންވާ ކުދިނަށް އަޅުގަނޑުމެން އިސްކަން ދޭނަން." ޝަހީމް ވިދާޅުވި އެވެ.

އަދި ބާކީހުރި ފައިސާއިން ސްކޫލްތަކުގައި ނަމާދުކުރާނެ ތަންތަން ބިނާ ކުރުމާއި ހާއްސަ ހާލަތްތަކުގައި ފަގީރުންނަށް އެހީވުމަށް ފައިސާ ހަރަދުކުރާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އަދި ކުއްލި ހާލާތްތައް ދިމާވެގެން އުޅޭ ހާލަތްކުގައި ، މިސާލަކަށް ހާލުގައި ޖެހިގެން ރަށްރަށުން މީހުން ގެންނަން ޖެހުންފަދަ ކަންކަމަށް ، މީގެ ކުރިންވެސް ހެލްކޮޕްޓަރު ބޭނުންކޮށްގެންވެސް މާބަނޑު އަންހެނުން މާލެ ގެނެސްފައި އެބަހުރި. އެފަދަ ކުއްލި ހާދިސާ ތަކަށް ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީތެރިން ފޯރުކޮށްދެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އަދި ރާއްޖޭގައި އުޅެނިކޮށް ހާލުގައިޖެހޭ މުސްލިމް ބިދޭސީނަށްވެސް ޒަކާތުގެ ފަންޑުން ފައިސާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝަހީމް ވިދާޅުވީ ޒަކާތުގެ ފައިސާ ވަރަށް އަވަހަށް ބަހާނޭ ކަމަށާއި އެ ފައިސާ ނުބެހި ލަސްވަނީ ފަގީންރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް މުޅިން ނުނިމޭތީ ކަމަށެވެ.

"އެ މަސައްކަތް ބާރު ސްޕީޓެއްގައި އެބަދޭ. އަދި ހަތް އަތޮޅެއްގެ 16 ރަށަކުން ފަގީރުންގެ ލިސްޓެއް ނުލިބޭތީ އެ މަސައްކަތް ނުނިމި ހުރީ،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ލިސްޓުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެ ލިސްޓުގައި 48503 މީހުން އެބަތިއްބެވެ. މިނިސްޓަރު ވިދާޅުވީ ލިސްޓް ނިމޭއިރު ފަގީރުންގެ އަދަދުން 50،000 އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ޒަކާތާއި ބެހޭ ގާނޫނެއްގެ ޓްރާފްޓް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ހިނގަނީ އެ ޑްރާފުޓަށް ފަންނީ ބޭފުޅުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ނިމި ގާނޫނު މަޖިލީހަށް ފޮނުވޭވަރުވާނެ ކަމަށެވެ.

"އަދި ޒަކާތުގެ ގާނޫނުގެ ޑްރާފްޓް މިހާރުވަނީ ނިމިފައި. އަޅުގަނޑުމެން އެތެރޭގެ މަޝްވަރާތައް ކުރިއަށް އެބަ ގެންދަމު އެ ގާނޫނޫ މި ކޮޅުން ޝަރީޣާ އުސޫލުގެ މަތިން ހަރުދަނާކުރެވި އަވަސް ގޮތެއްގައި އެ ގާނޫނޫ ބަންޑާރަ އޮފީހަށް ފޮނުވާލެވޭތޯ." ޝަހީމް ވިދާޅުވި އެވެ.