ފާރުތަކުގައި 'އިންޑިއާ އައުޓް' ސްޕްރޭކޮށް މަގުމައްޗަށް ކަރުދާސް އެޅި މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ, ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (43އ)އެވެ.

ޢަބްދުލްޣައްފާރު އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން އެ މީހާ ހޯދުމަށް އިއުލާނުކޮށްފައިވަނީ ފާރުތަކުގައި އިންޑިއާ އައުޓް ސްޕްރޭކޮށް, އެ ޝިއާރު ރަމްޒުކޮށްދޭ ލިޔުންތައް މަގުމައްޗަށް އެޅި މައްސަލައިގައެވެ.

އިދިކޮޅު ޕީޕީއެމްއިން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ބޮޑު ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ކެމްޕޭނެކެވެ.

އެ ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމައި އެ ކެމްޕޭން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޤަރާރެއް ނެރުއްވާފައެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ އެ ޤަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށޫއަރާ ޤަރާރެއްކަމަށް ބުނެ އެ ޤަރާރަކީ ބާތިލު ޤަރާރެއްކަަމަށް ނިންމައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޕީޕީއެމްއިން ބުނަނީ ރައީސް ނެރޭ ޤަރާރަކުން އެ ކެމްޕޭން ދެން ނުހުއްޓުވޭނެކަމަށެވެ. އެ ޤަރާރާއެކު ވެސް އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.