ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ރީނދޫ އެލާޓް މިއަދު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދުގެ މޫސުން ލަފާކޮށް ހެނދުނު 10 އަކުން ފެށިގެން ހަވީރު 3 އަކާއި ހަމައަށް ހއ. އަތޮޅާއި މ. އަތޮޅާއި ދެމެދަށް ރީނދޫ އެލާޓް ނެރެފައެވެ. އަދި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެެވެ.

މީގެ އިތުރުން ހއ. އަތޮޅާއި މ. އަތޮޅުގެ ރަށްތަކުގެ ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

އިއްޔެވެސް މެޓް އޮފީހުންވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ކަނޑުގަދަވެ، ރާޅުގެ އުސްމިނުގައި 5-8 ފޫޓު ހުންނާނެކަމަށް ލަފާކޮށްފައިވާއިރު ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އިލްތިމާސްކުރެއެވެ.