ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށް ސްޕްރޭ ކޮށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ރައީސް ޔާމީން ހައްޔަރު ކުރަން ގޮވާލައި ކަޅުކުލައިގެ ސްޕްރޭއިން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގެ ރަސްމީ ދޮރަށާއި ގަރާޖު ގޭޓަށް ސްޕްރޭކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ދަންވަރުއެވެ. އޭގެ އިތުރުން އެ ގޭކައިރި ހުންނަ ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް ވެސް ވަނީ އެ ލިޔުން ސްޕްރޭ ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ, އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިއްޔެ ހައްޔަރުކުރި އެ ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޔާމީންގެ ގެ ކޮޅަށް ސްޕްރޭކޮށްފައި މިވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އެ ޝިއާރު ގޭގޭ ފާރުތަކުގައި ލިޔުމަށް ޔާމީން އަންގަވައިފައިވަނިކޮށެވެ. އަދި "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާތަކެއް ވެސް ޔާމީންގެ ގެކޮޅު ހިމެނޭގޮތަށް ބައެއް ގެތަކުގައި ދެމިއެވެ. ފުލުހުން ވަނީ އެތަކެތި ނަގައިފައެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅު ހެދުމުގެ ގޮތުން މިފަހުން ބަޔަކު ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ އިހުތިޖާޖު ވެސް ކޮށްފައެވެ.