އިއްޔެ އާއި މިއަދު ފުލުހުންނަށް ހަމަލާދިން މައްސަލަ އާއި ގުޅިގެން 10 މީހަކު ހައްޔަރުކޮށް، އެމައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ ހަމަލަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ އެ އަމަލުތައް ހިންގާފަރާތްތަކާ މެދު ފިޔަވަޅުއަޅަން ފުލުހުން ފަސްނުޖެހޭނެ ކަމަށާއި އެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލަ ތަކާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް ތަހުގީގު ކުރާއިރު ރޭގައި ހިންގި ހާދިސާތަކުގައި ތިން ފުލުހަކަށް ދެ ފަހަރެއްގެ މަތިން ހަމަލަދިން ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. އަދި ރޭގެ ހަމަލާތަކުގައި އަންހެން ފުލުހެއްގެ ނާޒުކު ބައެއް ގުނަވަންތަކުގައި އަތްލާ އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ ގައުމުގެ ސަލާމަތީ ބާރުތަކަށް ހަމަލަދިނުމަކީ އެއްވެސް ޑިމޮކްރަސީއެއްގައި ބަލައިގަންނަ ކަންތައްތަކެއް ނޫންކަމަށާއި ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު މަގުމައްޗަށް ނުކުމެ އެއްވެސް ބެލުމެއްނެތި ފުލުހުންނާ ދިމާލަށް އެއްޗެހިކިޔާ ފުލުހުންގެ ޖިސްމަށް އަނިޔާ ދިނުމަކީ ގަބޫލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

އެ ކަންކަމުގައި ޝާމިލުވާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނޭ ކަމަށާއި އެމައްސަލަތައް ބަލައި އެކަން ކުރި މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ ތެރޭ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާކަން ފާހަގަ ކުރައްވާ އަހުމަދު މުހައްމަދު ވިދާޅުވީ ބައެއްގެ އަމިއްލަ މަސްލަހަތު ކުރިއަށްނެރެ ކުރާ ކަންތައްތަކުގެ ނިވާފަތްގަނޑަކަށް ޒުވާނުން ވެގެން ތިބެ ޖަރީމާތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ޒުވާނުން ޒުވާނުންގެ ގޮތުގައި ގައުމަށް ފައިދާވާ ގޮތެއްގައި އެމީހުންގެ ޚިދުމަތް ގައުމަށް އެބަލިބެންޖެހެއޭ. ބައެއްގެ އަމިއްލަ އެޖެންޑާއެއް ބައެއްގެ ވިސްނުމެއްގައި ވަކި މަގުސަދުތަކެއް ހާސިލު ކުރަން ޒުވާނުން އެމީހުން އެ ބޭނުންވާ ކަންތައްތަކެއް ހާސިލު ކުރުމަށްޓަކައި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރިޔަ ނުދިނުމަށް ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރަން،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

މިފަހަކަށް އައިސް ޕޮލިސް ސްޓޭޝަން ތަކަށާއި ފުލުހުންގެ އާއިލާތަކަށާއި އަދި ފުލުހުންގެ ޒާތީ މުދަލަށް ހަމަލާ ދިނުމުގެ މައްސަލަތަށް ވަނީ އިތުރުވާން ފަށާފަ އެވެ.