17 May 2022, 10:12
އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށްކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މޮބިލައިޒް ކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކަމަށް ވެސް ވިދާޅުވިއެވެ.
"ޕްރޮޖެކްޓް މޮބިލައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން ހުރޭ. އޭގެ ތެރޭގައި އީއައިއޭ ފައިނަލައިޒް ކުރަންޖެހޭ. އާންމުގޮތެއްގައި ކޮންޓްރެކްޓެއްގައި ސޮއި ކުރުމާއެކީގައި ހުއްދަ ހޯދަންޖެހޭ ކަންކަން ހުރޭ. އަދި ސޭންޑް ސަރޗެއް ވެސް ކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތްތައް ކުރުމަށްފަހު މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އައްޑު އަތޮޅުގެ އެތެރެވަރިން ވެލި ނެގެން ހުރި ތަންތަނާއި މިންވަރު ދެނެގަނެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންޓްރެކްޓްގައި ސޮއި ކުރުމާ ހަމައަށް ވަގުތުތަކެއް ނެގި ނަމަވެސް ސޮއި ކުރުމަށްފަހު މަސައްކަތްތައް ދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށެވެ.
އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢުއާ ހަވާލުވި ނެދަލޭންޑްސްގެ އޫޑް ޑްރެޖިން ކުންފުނިން ބުނެފައިވަނީ ބިން ހިއްކުމަށް ވެލި ނެގުމަށް ޓަކައި އެ ކުންފުނިން އޮޕަރޭޓު ކުރާ އެޗްއޭއެމް 318 ޑްރެޖަރު ރާއްޖެއަށް ގެންނާނެ ކަމަށެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫގައި 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއު ކުރިއަށްދާ އިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައިވެއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިމާއި މަރަދޫ، މަރަދޫފޭދޫން 76 ހެކްޓަރުގެ ބިމުގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްތަކެއް ހިއްކުމަށް ވެސް ވަނީ ނިންމައިފައެވެ.