ވޮޝިންޓަން (17 މޭ 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ ފަސޭހައިން އަދި އަވަހަށް ހައްލުކުރެވޭ ވަރަށްވުރެ މާބޮޑު މައްސަލަތަކެއް ކަމަށް އެގައުމުގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚިތާބެއްގައި ރަނިލް ވިދާޅުވީ ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ ހައްލުކުރަން ފަސޭހަ މައްސަލަތަކެއް ނޫންކަމަށާ އޭނާގެ ބޮޑުވަޒީރުކަމުގައި އެކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމުގައެވެ. ނަމަވެސް މައްސަލައަށް އަވަސް ހައްލެއް އަތުވެދާނެކަމަށް ނުބެލުމަށާ ކެތްތެރިވުމަށް ސްރީލަންކާގެ ރައްޔިތުންގެ ކިބައިން ރަނިލް އެދިވަޑައިގެންނެވިއެވެ.

ރަނިލް ވިދާޅުވިގޮތުގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ ގައުމު މިހާރު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް ރައީސް ގޮތަބަޔަގެ އެދިވަޑައިގަތުމަކަށެވެ. މަގާމު ބޭނުންވެގެން ނޫންކަމުގައެވެ. ސްރީލަންކާއަށް އިގްތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެކަން ހައްލުކުރުމުގެ މަސައޫލިއްޔަތު ކޮނޑުގައި އެޅުމަކީ ބޮޑު ގޮންޖެހުމެއްކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވިގޮތުގައި ސްރީލަންކާއަށް މިހާލަތު ކުރިމަތިވީ ގޯސްތަކެއް ހެދިގެންނެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2019 އަހަރުގެ ނޮވެންބަރުމަހު ސްރީލަންކާގެ މަރުކަޒީ ބޭންކްގައި ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި 7.5 ބިލިޔަން އެމެރިކާ ޑޮލަރު ހުރިކަމަށާ ނަމަވެސް ކޮވިޑް އާ ގުޅިގެން ސަރަހައްދީ ރޮނގު ދިގުމުއްދަތަކަށް ބަންދުކުރުމުގެ ސަބަބުން ބޭރުފައިސާ ލިބުން ހުއްޓުމަކަށް އައިސް ރިޒާވްގައި ހުރި ފައިސާކޮޅުން ގައުމަށް ބޭނުންވާ ޚަރަދުތައް ކުރަންޖެހުމުން މިހާރު ރިޒާވް މުޅިން ހުސްވެފައިވާ ކަމުގައެވެ.

ގައުމަށް ކޮންމެހެން ބޭނުންވާ ތެލާއި ގޭސް ގަތުމަށް ބޭނުންވާ ފަސް މިލިޔަން ޑޮލަރުވެސް ރިޒާވްގައި މިހާރު ނެތްކަން ހިތާމައާއެކު އޭނާ ފާހަގަ ކުރެއްވިއެވެ. ރަނިލް ވިދާޅުވިގޮތުގައި ތެޔޮ ހިފައިގެން ސްރީލަންކާގެ ބަނދަރުގައި މިހާރު ވެސް ތިން ބޯޓު އެބައޮތްކަމަށާއި އެތިން ބޯޓުގައިވާ ތެލަށް ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި 75 މިލިޔަން އެމެރިކާ ޑޮލަރު ދައްކަންޖެހޭ ކަމުގައެވެ. އެފައިސާވެސް ގައުމުގެ ޚާޒާނާގައި ނެތްއިރު އެފައިސާ ހޯދުމަށް ރަހްމަތްތެރި ގައުމުތަކުގެ އެހީއަށް އެދެންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަ ހައްލުކުރުމަށް ރަނިލް އެކުލަވާލައްވާ ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ އެގައުމުގެ ބައެއް ކުންފުނިތައް ވިއްކާލުމާއި ދެން އެތައް ބިލިޔަން ޑޮލަރެއްގެ ފައިސާ ޖެހުމެވެ.

މީގެ އިތުރުން އައިއެމްއެފްއިން ބޮޑު ލޯނެއް ނެގުމެވެ. ރަނިލް ވިދާޅުވި ގޮތުގައި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ސްރީލަންކާގެ ގައުމީ އެއާލައިން ކަމަށްވާ ސްރީލަންކަންއަށް 128 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާތީ އެ އެއާލައިން ވިއްކާލުން ނޫންގޮތެއް މިހާރުނެތެވެ.

އަނެއްކޮޅުން ތަކެތީގެ އަގު ކިތަންމެ ވަރަކަށް މައްޗަށް ދިޔަނަމަވެސް އެތައް ބިލިއަން ރުޕީސްގެ ފައިސާ ޗާޕުކުރުން ނޫންގޮތެއް ނެތްކަމަށްވެސް ރަނިލްވިދާޅުވިއެވެ.