21 Mar 2012, 16:47
ޕެޕްސީ އާއި ކޮކާކޯލާގެ ބުއިންތަކުގައި ކެންސަރު ޖައްސާ މާއްދާތައް (ކާސިނަޖަންސް) ހިމެނޭކަމަށް އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ސަރުކާރުން ބުނެފި އެވެ.
ކެލިފޯނިޔާ ސަރުކާރުންބުނީ ޕެޕްސީއާއި ކޮކާކޯލާގެ ބުއިންތަކުގައި ކެންސަރު ޖައްސާ މާއްދާތައް (ކާސިނަޖަންސް) ހުރިކަން ޓެސްޓްތަކުން ކަށަވަރުވެފައިވާތީ އެބުއިންތަކުގައި މިމާއްދާތައް ހުރިކަމުގެ އިންޒާރުދޭ ލިޔުން، އެބުއިންތައް ބަންދުކޮށްފައިވާ ފުޅިއާއި ދަޅުގައި ލިޔުމަށް މަޖްބޫރުކުރާ އަމުރެއް ނެރެފައިވާ ކަމުގަ އެވެ. މިއަމުރު ނެރުނީ ކެލިފޯނިޔާގެ ލޯކަލް ޤާނޫނެއްގެ ދަށުންކަމަށްވެސް އެސްޓޭޓުން ބުނެ އެވެ.
މިއަމުރާ ގުޅިގެން ޕެޕްސީ ކުންފުންޏާއި ކޮކާކޯލާ ކުންފުނިން ބުނީ އެދެ ކުންފުނީގެ ބުއިންތަކުގައި ކުލަޖެއްސުމަށް ބޭނުންކުރާ ކެރަމަލްގެ ކޮންޕޮނެންޓް ބަދަލުކުރުމުން ކެލިފޯނިޔާ ސަރުކާރުން އަމުރުކުރި އިންޒާރުގެ ލިޔުން ޖަހަންނުޖެހޭނެ ކަމުގަ އެވެ. އެދެކުންފުނިންބުނީ ކެލިފޯނިޔާ ސްޓޭޓްގެ އިތުރުން އެމެރިކާގެ އެހެންހުރިހާ ސްޓޭޓްތަކެއްގައި ވިއްކާ ޕެޕްސީއާއި ކޮކާކޯލާގެ ބުއިންތަކުގައި ކުލަޖެއްސުމަށް ބޭނުންކުރާ ކެރަމަލްގެ ކޮންޕޮނެންޓްވެސް ބަދަލުކުރާނެ ކަމަށާ ނަމަވެސް އެހެންޤައުމުތަކުގައި ވިއްކާ ބުއިންތަކަށް މިބަދަލުނުގެންނާނެ ކަމުގަ އެވެ.
ކޮކާކޯލާއާއި ޕެޕްސީގެ ބުއިންތަކުގައި ކުލަޖެއްސުމަށް ބޭނުންކުރާ ކެރަމަލްގެ ކޮންޕޮނެންޓްގައި ހިމެނޭ "4 އެމް.އައި.އައި." މާއްދާއަކީ ކެންސަރު ޖައްސާ މާއްދާއެއްކަމަށް ދާދިފަހުން ކެލިފޯނިޔާއިން ފާސްކުރި ލޯކަލް ޤާނޫނު ބުނެއެވެ. ނަމަވެސް ކޮކާކޯލާއާއި ޕެޕްސީގެ ބުއިންތަކުގައި އެކުލެވޭ "4 އެމް.އައި.އައި." މާއްދާއަކީ ކެންސަރު ޖައްސާ ކާސިނަޖަންއެއް ނޫންކަމަށް އެދެކުންފުނިން ތަކުރާރުކޮށް ބުނަމުންގެންދެ އެވެ.
އެމެރިކަން ބެވަރެޖް އެސޯސިއޭޝަނުންވެސްވަނީ "4 އެމް.އައި.އައި." މާއްދާއަކީ އިންސާނުންނަށް ކެންސަރު ޖައްސާ ކާސިނަޖަންއެއް ނޫންކަމަށް ބުނެފައެވެ. މިމާއްދާއިން ކެންސަރު ޖެހޭކަމަށް ދިރާސާތަކުން ދައްކަނީ ހަމައެކަނި މީދަލަށް ކަމަށް އެމެރިކަން ބެވަރެޖް އެސޯސިއޭޝަނުން ބުނެ އެވެ.
އެމެރިކާގެ އިތުރުން ކެނެޑާއާއި ޔޫރަޕްގެ ޤައުމުތަކުގެ ފުޑްސެކިއުރިޓީ އެޖެންސީތަކުންވެސް މިމާއްދާއަކީ ކާސިނަޖަންއެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށް ޕެޕްސީ ކުންފުންޏާއި ކޮކާކޯލާ ކުންފުނިން ބުނަމުން ގެންދެ އެވެ.
ޕެޕްސީއާއި ކޮކާކޯލާފަދަ ފިޒީ ބުއިންތަކަކީ ކެއުމުގެ ސުފުރާތަކަށްއަރާ ސިއްޙަތަށް އެންމެ ނުރައްކާތެރި ބުއިންތައްކަމަށް ސިއްޙަތާބެހޭ ތަޖްރިބާކާރުން އެއްބަސްވެ ވަޑައިގަންނަވަ އެވެ. (ނޫސްއެޖެންސީތައް)