16 May 2022, 14:48
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން، ލޯނު ސްކީމަށް ހޮވުނު 393 ދަރިވަރުން ހޮޮވައި، ވަގުތީ ނަތީޖާ މިއަދު އާއްމު ކޮށްފިއެވެ.
މިކަމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔާ އެޑިކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ލޯނު ސްކީމަށް 1،000 ދަރިވަރުން ކުރިމަތިލާފައި ވާކަމަށެވެ.
މި އަހަރުގެ ލޯނު ސްކީމުގައިވެސް، ފްރީ ޑިގްރީ ސްކީމުގައި ބައިވެރިވެގެން ތައުލީމު ހާސިލު ކުރާ ދަރިވަރުންގެ ތެރެއިން، އެހެނިހެން ޚަރަދުތަކަށް ފައިސާ ބޭނުންވާ ދަރިވަރުންނަށް ލޯނު ސްކީމުން ޖާގަ ދީފައި ވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ހަމައެޔާއެކު، ރާއްޖެއަށް ބޭނުންވާ ޓްރެއިނިން ނީޑްސްގެ ދާއިރާތަކުގެ ތެރެއިން އެންމެ އިސްކަންދޭ ދާއިރާތަކަށް ސްލޮޓްތައް ރިޒާވްކޮށް، އެ ދާއިރާއަށް ކުރިމަތިލާ ފަރާތްތަކަށް ލޯނު ލިބޭނެ ކަމުގެ ޔަގީންކަން އިތުރުކޮށްދިނުމަށް މަސައްކަތް ކުރިން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މާލީގޮތުން ތަނަވަސްކަން ނެތް ފަރާތްތަކަށް ލޯނު ސްކީމުގައި އިސްކަން ދީފައިވާނެ ކަމަށެވެ.
ލޯނު ސްކީމުގައި ވަނީ ދެ ކެޓަގަރީއެކެވެ. އެއީ އަލަށް ކިޔަވަން ފައްޓަން ބޭނުންވާ ދަރިވަރުންނާއި، މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ލޯނެވެ.
އޭގެ ތެރެއިން، އަލަށް ކިޔަވަން ފައްޓަން ބޭނުންވާ ދަރިވަރުންނަށް އިސްކަން ދިން އިރު، އެންމެ ފުރަތަމަ އިސްކަން ދީފައިވަނީ މާލީގޮތުން ތަނަވަސްކަން ނެތް ފަރާތްތަކަށެވެ.
މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ތެރެއިން، ލޯނު ދިން އިރުގައި އެންމެ އިސްކަން ދީފައިވަނީ ކޯހުގެ މުއްދަތު އެންމެ ކުޑަ ފަރާތްތަކާއި، މާލީ ގޮތުން އެންމެ ތަނަވަސްކަން ކުޑަ ފަރާތްތަކަށެވެ.
ލޯނަށް ހޮވުނު ގޮތުގެ ތަފްސީލު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި، މާކުހާމެދު ހިތްހަމަ ނުޖެހޭ ނަމަ، އެ މައްސަލަ ހުށަހެޅުމުން، އެކަމަށް ހާއްސަ ކޮމިޓީއަކުން މައްސަލަ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވާއިރު، އަންނަ މަހުގެ ފަސްވަނަ ދުވަހު، ސްޓޫޑެންޓް ލޯނުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނެއެވެ.
އާއްމު އުސޫލެއްގެ ގޮތުން، ރާއްޖޭގައި ހެދޭ ކޯސްތައް، ރާއްޖެއިން ބޭރުން ހަދަން ލޯނު ސްކީމުގެ ދަށުން ފުރުސަތު ނުދޭ ކަމަށާއި، ނަމަވެސް އެމްބީބީއެސް އާއި ޕައިލެޓްކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދޭތީ، އެ ދެ ދާއިރާއިން ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލި ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އެގޮތުން އެމްބީބީއެސްގެ 25 ފުރުސަތަށް، 129 ދަރިވަރުން ކުރިމަތިލާފައި ވާ ކަމަށާއި ޕައިލެޓްކަމުގެ 10 ފުރުސަތަށް 252 ދަރިވަރުން ކުރިމަތިލާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕީއެޗްޑީ ކިޔެވުމަށް ފަސް ސްލޮޓަށް ކުރިމަތިލާފައި ވަނީ 31 ދަރިވަރުންނެވެ.