ޓިކްޓޮކް ތަރި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) ދިރިއުޅުނު ކޮޓަރިން މަސްތުވާތަކެތި ޕެކްކުރުމަށް ބޭނުންކުރާ ސާމާނު ފެނުނު ނަމަވެސް ކޯޓު އަމުރުގައި ބޮޑު ގޯހެއް އޮތްކަން ހާމަވެއްޖެއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ރޫމީގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އޭނާ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ރޫމާއާއެކު އޭނާގެ ފިރިމީހާ މުޙައްމަދު ނަސީމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ވެސް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް އިތުރުކޮށްދީފައެވެ.

ދެމަފިރިން ދިރިއުޅެމުންދިޔަ ކޮޓަރި ބަލާ ފާސްކުރިއިރު އެތަނުން މަސްތުވާތަކެތު ބަންދުކުރާ ޕެކެޓްގެ އިތުރުން ކިރަން ބޭނުންކުރާ ކައްޓާއެއް ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ބަލާފާސްކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބެލެން ނެތުމުން އެކަންކަމަށް ކޯޓުން ރިއާޔަތްކޮށްފައެއް ނުވެއެވެ.

ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި ބުނެފައިވަނީ, ބަލާފާސްކުރުމުގެ އަމުރުގައި ބަލާފަސްކުރުމަށް ހުއްދަ ދީފައިވާ ގޭގެ އެޑްރެހާ ބަލާ ފާސްކުރި ގޭގެ އެޑްރެހާ ދިމާ ނުވާ ކަމަށެވެ. ދިފާއުން ވަނީ އެކަން ފާހަގަކޮށްފައެވެ.

ދިފާއުން ރޫމީގެ ފަަރާތުން ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ގެއަށް ބަދަލު ކުރުމުގައި ކިތަންމެ ބޮޑު ޝަރުތެއް ކުރިމަތިކުރިނަމަވެސް ފަރުވާލެއް ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބަލިހާލަތާ ގުޅޭ ގޮތުން އިތުރަށް ރޫމީ ބުނެފައިވަނީ އޭނާ އަކީ ޑިޕްރެޝަން ހުންނަ މީހެއް ކަމަށާއި ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން, ހައްޔަރުކުރި ފަހުން ހޭނެތިގެން ވެއްޓުނު ކަމަށެވެ.

ބޭސްފަރުވާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ ކަސްޓޯޑިއަލް ޖަލުން ބޭސްފަރުވާ ލިބެމުންދާނެ ކަމަށެވެ. އަދި ދާއިމީކޮށް ކާ ބޭސްތައް ރޫމީއަށް ލިބޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ދެމަފިރިންނަށް ތުހުމަތު ކުރާ މައްސަލައިގައި ފުލުހުން ބަލާފާސްކުރި ގެ ނޫން އެހެން ގެއެއްގެ ފުރާޅުމަތިން މަސްތުވާތަކެތި އަޅާފައިވާ ކޮތަޅެއް ފެނުނެ ކަމަށް މީގެ ކުރީން މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެ ކޮތަޅު އެއްލާލި މަންޒަރު އެއްވެސް ފުލުހަކަށް ނުފެނެއެވެ. ނަމަވެސް، ގެ ފާސް ކުރަން ދިޔަ ފުލުހުން ގާތުގައި ރޫމީ ވަނީ އެ ކޮތަޅު އެއްލާލީ އޭނާ ކަމަށާއި އެއީ ފިރިމީހާ ނަސީމްގެ ކޮތަޅެއް ކަމަށް ބުނެފައެވެ.

ރޫމީގެ ދިފާއީ ވަކީލު ވަނީ އޭނާ ފުލުހުން ގާތުގައި އެހެން ބުނި ނަމަވެސް އެވަގުތު ރޫމީ ހުރި ހާލަތަށް ބަލާއިރު އެއީ ރަނގަޅު މައުލޫމާތެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ. އަދި ވަކި ގޮތަކަށް ބަޔާން ދިނުމަށް ރޫމީއަށް ފުލުހުން ބާރުއެޅި ކަމުގެ ތުހުމަތު ވެސް ދިފާއީ ވަކީލު ކުރެއްވި ކަމަށް އަމުރުގައިވެއެވެ.

މީގެ އިތުރުން ފުލުހުން ބަލާ ފާސްކުރަން ކޯޓު އަމުރު ހޯދީ ރޫމީ އާއި އޭނާގެ ފިރިމީހާ ދިރިއުޅޭ ހ. ބްލޫބާޑަށް ކަމަށްވީ ނަމަވެސް ފުލުހުން ހޯދާފައި ވަނީ ނުވިލާމަންޒިލް ކިޔާ ގެޔެއް ކަމަށް ދިފާއުން ބުނެފައިވެއެވެ. އަދި ކޮތަޅުން ފެނުނު މަސްތުވާތަކެއްޗާ ރޫމީއާ ގުޅުވައިދޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ކަމަށް ވެސް ދިފާއުން ބުނެފައިވެއެވެ.

ޓިކްޓޮކްގައި ޕްރިޓީ ރޫމީގެ ނަމުން މަޝްހޫރުވެފައިވާ ރޫމީގެ ފޮލޯވަރުންގެ އަދަދު 25،000އަށް އަރައެވެ.