16 May 2022, 12:19
މިދިޔަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 487 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނިން އިއްޔެ އާންމުކުރި 2021ވަނަ އަހަރުގެ މާލީ ހިސާބުތަކުގައި ވާގޮތުން ކުންފުނީގެ އާމްދަނީ 10.2 ބިލިއަނަށް އަރައެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު އެއީ 41 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ނުކަނޑާ ލިބުނު ފައިދާ 1.5 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ 15 އިންސައްތައިގެ ކުރިއެރުމެކެވެ.
މުޅި އެސްޓީއޯ ގުރޫޕުގެ ހިސާބުތަކަށް ބަލާއިރު، ޖުމްލަ އާމްދަނީ ވަނީ 11.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކުރީ އަހަރާ އަޅާ ބަލާއިރު އެއީ 37 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެ ގުރޫޕަށް 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އަދި ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބުނެވެ. ކުރީ އަހަރާ އަޅާ ބަލާއިރު، އެއީ 47 އިންސައްތައިގެ ކުރިއެރުމެކެވެ.
މިފްކޯ، އެމްއެސްއެސް އަދި އެފްއެސްއެމް ވެސް ހިމެނޭ އެސްޓީއޯ ގްރޫޕުގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ތެލުގެ އަގު މަތިވުމާއި، މިދިޔަ އަހަރު އެސްޓީއޯއިން ވިއްކި ތެލުގެ މިންވަރު 27 އިންސައްތަ އިތުރުވުމެވެ. މީގެ އިތުރުން، މަސްވެރިކަމާއި، ޝިޕިން، އަދި ގޭހުގެ ވިޔަފާރީގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.