ސަރުކާރުގެ ރަސްމީގަޑިއަށް ގެނައި ބަދަލާއިގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭނީ ދުވާލަކު ހަތް ގަޑިއިރު އަދި ހަފުތާއަކު 35 ގަޑިއިރު މަސައްކަތްކުރުމުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

ސީއެސްސީއިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ދަންފަޅިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ދަންފަޅިއަކަށް ކަނޑައަޅާފައިވާ ގަޑި ކަމަށާއި އެގޮތުން އެމީހުން މަސަކްތްކުރަން ޖެހޭނީ އިތުރުގަޑި ނުހިމަނައި ހަތް ގަޑިއިރު ކަމަށެވެ.

"ރަސްމީ މަސައްކަތުގެ ގަޑިއަށް މިގެނެވުނު ބަދަލާއި ގުޅިގެން ރަސްމީގަޑީގައި ކުރަން ހުންނަ މަސައްކަތްތައް އެ ވަގުތެއްގައި ނިންމުމަށާއި އިތުރުގަޑީގައި ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫންގޮތަކަށް މުވައްޒަފުން ލައްވައި މަސައްކަތް ނުކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުން އެދެން،" ސާކިއުލަގައި ވެއެވެ.

އެ ކޮމިޝަނުން ބުނީ ކޮންމެ މުވައްޒަފަކަށް ވެސް މެދުރުކެއުމަށް 30 މިނިޓުގެ ހުސްވަގުތު އަދި ނަމާދު ކުރުމަށް 15 މިނިޓްގެ ހުސްވަގުތުކޮޅަކާއި އެކު ޖުމްލަ 45 މިނިޓްގެ ބްރޭކެއް ލިބޭނެ ކަމަށެވެ.

"... ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައުމުން އާއްމުގޮތެއްގައި އޮފީސްތަކުގެ ރަސްމީ ގަޑީގައި ދެވޭ 45 މިނިޓްއިރުގެ ހުސްވަގުތު ދޭންވާނީ މެންދުރު 12:00 ން މެންދުރުފަހު 1:30 އާއި ދެމެދުގައި. މިނޫން ވަގުތުތަކުގައި ހުސް ވަގުތު ދޭންވާނީ އެ އޮފީހެއްގެ ޒިންމާ ދާރު ވެރިޔާގެ ހުއްދަ ލިބިގެން އެ މުވައްޒަފަކަށް ހުސްވަގުތުކޮޅުގައި ލިބޭ 45 މިނިޓް އުނިކުރާ ގޮތައް،" ސީއެސްސީގެ ސާކިއުލާގައި ވެއެވެ.

އަދި ބުނެފައިވަނީ މުވައްޒަފުންނަށް ދެވޭ ހުސް ވަގުތުގައި އޮފީހުގެ މަސައްކަތް މެދުނުކެނޑި ހިންގާނެ ގޮތެއްގެ މަތިން މަސައްކަތް ރާވައި ހިންގައި ހުސް ވަގ ުތުކޮޅުގައި ބޭރަށްދާ މުވައްޒަފުން ނުކުންނަ ގަޑިއާއި އެނބުރި އޮފީހަށް އަންނަ ގަޑި އެގޭނެ ގޮތަށް ރެކޯޑްސް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސަވައި، ހުސްވަގުތުގެ ގޮތުގައި 45 މިނިޓަށްވުރެ ގިނަވަގުތު ހޭދަކުރައްވާ މުއައްޒަފުންގެ މުސާރައިން ގަޑީލާރީ އުނިކުރުމަށް ވެސް ވަނީ އަންގާފަ އެވެ.