10:00


ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ތެރޭ ހިންގަމުންދިޔަ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި މީހުންގެ ބޯ ކޮށުމާއި ގުޅިގެން، ބައެއް ފަރާތްތަކުން ޝަކުވާ ކޮށްފައިވާތީ އެ ފަރާތްތަކުގެ ކިބައިން ފުލުހުން މަޢާފަށް އެދިއްޖެ އެވެ.


ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ތެރޭގައި ހިންގަމުން އަންނަ އޮޕަރޭޝަނާ ގުޅޭ ގޮތުން ކޯސްޓްގާޑުގެ ބިލްޑިންގްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕޮލިސް ޗީފް އިންސްޕެކްޓަރ އަހުމަދު މުހައްމަދު ވިދާޅުވީ ބޯ ކޮށި ސަބަބު އޭގެ އެންމެ ރަނގަޅު ގޮތުގައި ޖަވާބަކައިގެން އާދެވޭނީ މިހާރު އެކަން ބައްލަވާ ފަރާތްތަކުން ބެއްލެވުމަށްފަހު ކަމަށެވެ. އަދި އެކަމަކީ ޒާތީ ގޮތުން އެއްވެސް މީހެއްގެ ޒާތީ ހައްގަކަށް އަރައިގަތުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ހިތް ހަމަނުޖެހުން ފާޅުކޮށް ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އަދި އެހުރިހާ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.


އަހުމަދު މުހައްމަދު ވިދާޅުވީ އެކަން އެ އޮތީ އެގޮތަށް ކުރެވިފައި ކަމަށާއި އަދި އެއީ އެއްވެސް ފަރާތަކަށް އަނިޔާވެރިވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.


އެމްއެންޑީއެފްގެ މޭޖަރ އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ފުލުހުންނާ ސިފައިން ގުޅިގެން ހަފްތާއެއްހާ ދުވަހަށް ހިންގި އޮޕަރޭޝަންގައި މާލެ ތެރޭގެ އަމަންއަމާންކަން ރަނގަޅުވެފައިވީ ނަމަވެސް އެ އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.


ޕޮލިސް ޗީފް އިންސްޕެކްޓަރ އަހުމަދު މުހައްމަދު ވިދާޅުވީ ރަށުތެރޭގައި ހަމަނުޖެހުން ހިންގުމަށް މިހާރު ވެސް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމަށެވެ.


އަހުމަދު މުހައްމަދު ވިދާޅުވީ ސިފައިންނާއި ފުލުހުން ގުޅިގެން ހިންގަމުންދާ މި އޮޕަރޭޝަންގައި، މާލެ ތެރޭގައި އެއްވެސް ބޭނުންމެއްނެތި ތަންތަނުގައި ގުރޫޕު ހަދައިގެން ތިބޭ އެކިއެކި ފަރާތްތަކާއި، ކުށްތަކަށް އަރައިގަތުމުގެ އާދަ ހިފިފައި ތިބި މީހުންނަކީ ކޮބައިތޯބަލައި އެމީހުން ފުލުހުންނާ ސިފައިން ހައްޔަރުކޮށްގެން ގެނެސް ސުވާލުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ހައްޔަރު ކުރަމުން ގެންދާ އެންމެން ހައްޔަރު ކުރަނީ ސީދާ ކުށެއް ކުރަނިކޮށް ނޫން ކަމަށް ވެސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.