16 May 2022, 12:15
ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ވަނީ މިއަދުގެ މޫސުން ލަފާކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާނެ ކަމަށް ބުނެފައެވެ. އުދައިގެ އަސަރު ކުރާނެ ވަކި ސަރަހައްދެއް މެޓުން ނުބުނެއެވެ.
މެޓުން ވަނީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު އެލާޓު ނެރެފައިވާއިރު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރު މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. އެހެންކަމުން ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އިލްތިމާސްކުރެއެވެ.