16 May 2022, 11:26
ބޮޑު ބަންދަކަށްފަހު މަޖިލިސް މިއަދު ހުޅުވުނުއިރު ކުރާނެ މަސައްކަތެއް ނެތި މިއަދުގެ މަޖިލިސް ހުއްޓާލައިފިއެވެ.
ޢީދު ޗުއްޓީއަށްފަހު މަޖިލިސް މިއަދު ފެށުނު އިރު މިއަދުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ އެއްމެ 35 މިނެޓަށެވެ.
މިއަދުގެ މަޖިލީހުގައި ކުރިއަށްގެންދެވުނު ހަމައެކަނި މަސައްކަތަކީ ޓޫރިސަމް މިނިސްޓަރު ޢަބްދުﷲ މައުސޫމްއާ ސުވާލު ކުރުމެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރުކޮށްލެއްވީކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ކަނޑައަޅައިފައިވާ 49.6 ޕަސެންޓު މަސައްކަތް ނިންމުމަށްފަހު ފިތުރު ޢީދާ ދިމާކޮށް މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލައިފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.