16 May 2022, 11:22
ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާނެ 120 މީހަކު ހޯދުމަށް އެމްޓީސީސީން އިއުލާނުކޮށްފިއެވެ.
އިއްޔެ އެމްޓީސީސީން ކުރި އިއުލާނުގައި ބުނެފައިވަނީ ހޯދަމުންދަނީ ކުންފުނިން ކަނޑައަޅާ ސައިޓުތަކުގައި މަސައްކަތް ކުރާނެ ދިވެހީން ކަމަށެވެ.
ވަޒީފާއަށް ނަގާ މީހުންނަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެ މުއްދަތު ހަމަވުމުން މަސައްކަތް ރަނގަޅު ނަމަ، އައު ކޮންޓްރެކްޓެއް ލިބޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މުސާރައިގެ ގޮތުގައި 10،300 ރުފިޔާ އާއި، 13،700 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މި ވަޒީފާގައި ގިނަ އިނާޔަތްތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ސައިޓުގައި ހުރުމާއި ކެއުން، މެޑިކަލް އިންޝޫރެންސް އަދި ޕެންޝަން ސްކީމް ހިމެނެއެވެ.
އަސާސީ ތައުލީމް ހާސިލުކޮށް ފައިވުމާއެކު ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރ، މަސައްކަތުގައި ގިނަ ވަގުތު އުޅެވޭ އަދި ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭ ކޮންމެ މީހަކަށް މި ވަޒީފާއަށް ކުރިމަތިލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ ވަޒީފާއަށް ޝައުގުވެރިވާ މީހުން، މާދަމާ ހުޅުމާލޭ އެމްޓީސީސީ ޓާމިނަލްގައި މާދަމާ އޮންނަ އެ ކުންފުނީގެ އޯޕަން ޑޭ ހަރަކާތަށް ސީވީއާއި އައިޑީކާޑުގެ ކޮޕީއަކާއެކު ދިއުމަށް އެމްޓީސީސީން އެދެއެވެ.