"އަހަރެމެންގެ އީމާންކަން ބަލިކަށިވުމުގެ މައިގަނޑު ސަބަބަކީ ގުރުއާނާއި ދުރުހެލިވުމެވެ. އަހަރެމެން ފޯނުގައި މި ހޭދަކުރާ ވަގުތުތައް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ އަސްހާބުން ހޭދަކުރެއްވީ ގުރުއާން އާއެކުގައެވެ. ގުރުއާން ކިޔަވާ ވިދާޅުވުމާއި، ދަސްކުރެއްވުމާއި އެހެން މީހުންނަށް އުގަންނަވާދެއްވުމުގައެވެ.

***

މަސްޖިދު ބައިތުލް އަހަދު ކައިރީގައި ކާރު ޕާކްކޮށްލައިގެން އިނދެ އަސްލަން ގަޑިއަށް ބަލައިލިއެވެ. ހާރިސް އާއްމުކޮށް ނަމާދަށް ދަނީ މި މިސްކިތަށް ކަމަށް ވަންޏާ ގަޑިއަށް މިތަނަށް އަންނާނެކަން އޭނައަށް ޔަގީންކުރެވުނެވެ. ނަމާދުކޮށް ނިމިގެން މީހުން ބައިބަޔަށް ނިކުންނާން ފެށިއެވެ. ހާރިސް ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުން ނިކުމެގެން އަންނަތަން ފެނި އަސްލަން ކޯޓުގެ ޖީބުގައި އަތް ޖައްސައިލިއެވެ.

އޭނަގެ ސުވާލަށް ޖަވާބު ނުދީފިއްޔާ އޭނަ މިހިރީ ބަޑީގެ ބިރު ދައްކައިގެންވެސް ހާރިސްގެ އެ ބޮޑާކަން ފިލުވައިލުމަށް އަޒުމް ކަނޑަ އަޅައިގެންނެވެ.

"ޓެރަރިސްޓް......" އަސްލަން ދަތްކުނޑިވިކައިގަތެވެ.

ހާރިސްއާއެކު އައި ޒުވާނާ އެހެން ދިމާލަކަށް ހިނގައިގަތުމުން ލިބުނު ދަނޑިވަޅުގައި އަސްލަން އަވަހަށް ކާރުން ފޭބިއެވެ. ދުރުދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް އޭނަ ހާރިސްގެ ކުރި ބެއްދިއެވެ.

"ކޮބާ ސިއާރާ؟"

"ވެލް......ސިއާރާ ހުރި ތަނެއް ބަލަން ތިއީ ކާކު؟ އެ ހައްގު އެއްވެސް މީހަކު ދިންކަމެއް ނޭގޭ....." ހާރިސް ބުމަ އަރުވައިލިއެވެ." ސިއާރާ ހުރިތަނެއް އެނގުނަސް ބުނާކަށް ބޭނުމެއްނޫން...."

"ވަޓްސް ރޯންގް ވިތް ޔޫ. އެއީ މަގޭ ފިއާންސޭކަމެއް ނޭގޭތަ؟ ސިއާރާގެ މަންމަ ދިޔައީ އަހަރެންގެ ބެލުމުގެ ދަށުގައި އޭނަ ބަހައްޓާފައި. ދެން އޭނަ ކިޑްނެޕްކޮށްގެން ޓެރަރިސްޓަކު އުޅެންޏާ މުއާމަލާތުކުރަންވީ އަނގައިން ނޫންކަން ނޭގޭ....." އަސްލަންގެ ލޭޭ ކެކުނަސް އޭނަގެ މޫނުމަތިން އެކަމެއް ނުދައްކާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ.

"އެއީ ތީނަގެ ފިއާންސޭކަން މިވަގުތަށް ހަނދާން ނައްތާލިއްޔާ ރަގަޅުވާނީ........................." ހާރިސް އަސްލަންއާއި ހަތަރުކަޅި ހަމަކުރިގޮތުން އަސްލަންގެ ހިތަށްވެސް ބިރުވެރިކަން ވަނެވެ. އެ ތޫނު ދެލޮލުގެ ފުން ކަމުގެ ތެރެއިން ފެނުނީ ޖެހިލުން ކުޑަކަމާއި ހިތްވަރުގަދަކަމެވެ.

އަސްލަންގެ އަތްތިލަ ޖެކެޓްގެ ޖީބަށް ޖަހާލައިގެން ހުރިއިރު އޭނަގެ ޚިޔާލުގައި ދެވަނަ އެހެން އެއްޗެއްނެތެވެ. އެންމެ ވަޒަނަކުން ހާރިސްގެ ހިލަހިތާއި އަމާޒުކޮށް ނުބައި އަނިޔާވެރިގޮތަކަށް އަބަދަށްޓަކާ ނިންދަވައިލުމެވެ. ނަމަވެސް މަގުމަތީގައި ދެކޮޅަށް ހިނގަމުން ދިޔަ މީހުންނާއި ހެދި އެކަން ކުރެވެން އަދި ނެތްކަންވެސް ވިސްނުނެވެ.

***

ޚައިރާ މާ ވިއްކާ ފިހާރައަށް ދިޔައީވެސް ހާރިސް ފެނުމުގެ އުއްމީދުގައެވެ. ހިތްވަރު ލިބުނީވެސް ހާރިސް މިކޮޅުގައި އުޅޭކަން ޔަގީންވުމުންނެވެ. އެކަމަކު ސިއާރާއަށް ނުގުޅޭތީވެސް ކަންބޮޑުވިއެވެ. ހާރިސްގެ ކައިވެނި ކެންސަލްވުމަށް އެދި އެތައް ފަހަރު ދުއާކޮށްލަކޮށްލާ ހުރެވުނީ ބޭރަށް ނުކުމެ ހޯދަ ހޯދައެވެ. ކޮންމެ މީހެއްގެ މޫނަށް ބެލުނީ ހާރިސް ފެނިދާނެކަމަށް ހީކުރެވިއެވެ.

***

އަސްލަން ސިއާރާ ހޯދަން ކުރާ މަސައްކަތް ފެނި ހަމްދަރުދީވެގެން އެރިކް ބޭނުންވީ ހަގީގަތް ހާމަކުރުމަށެވެ. ކޮފީއެއްގައި ތިބެފައި ސިއާރާގެ ކައިވެނި ކުރެވުނު ވާހަކަ ބުނުމުން ޝޮކެއް ގައި އިނދެފައި ކޮފީތަށި އަތުކޮޅަށް ހޫރާލައިފިއެވެ.

"ޔޫ އާ ކިޑިން ރައިޓް..." އަސްލަން އެރިކްގެ ކަރުގައި ހިފައިގަތްއިރު އެލޮލުން ފެނުނީ މޮޔަކަމެވެ. އަސްލަން ރަގަޅަށްވެސް މޮޔަވީހެއްޔެވެ. އަންހެނުންގެ ލޯބީގައި ފިރިހެނުން ދީވާނާ ވާކަމަށް ބުންޏަސް އެރިކް އެވާހަކަ ގަބޫލެއްނުކުރެއެވެ. ރަސްކަމުގެ ތާޖު ދޫކޮށް ފަހަތުން ދާވަރުގެ އަންހެނަކު ހުރެދާނެކަމަށް އޭނަ ހީކޮށްފައެއްނެތެވެ. އޭނައަށް އެއަށްވުރެ ވަޒީފާވެސް މުހިއްމެވެ.

"އަސްލަން....ހަމަޖެހިބަލަ.....ޕްލީޒް.." އެރިކް އަސްލަންގެ އަތް ނައްޓުވަން އުޅުނުއިރު އޭނަގެ ނޭވާ އުފުރިއަރަމުން ދިޔައެވެ.

އަސްލަން ކުއްލިއަކަށް ހަޅޭއްލަވައިގެންފާ ދެކަކޫމައްޗަށް ތިރިވިގޮތަށް ޒަޚަމްވެފައިވާ އިންސާނެއްފަދައިން ބާރުބާރަށް ރޯންފެށުމުން މުޅި ގޭތެރޭގައި އެ އަޑު ހިފައިލިއެވެ. އެރިކްގެ ހިތަށްވެސް ފުން އަސަރުކުރުވިއެވެ. އެންމެ ގާތް ލޯބިވާ އެކުވެރިޔާގެ ހިތުގެ ރިހުން އިހުސާސްކުރެވި ދުވަހަކު ހިތަށް ނުކުރާ އަސަރުކޮށްފިއެވެ. ލޯ ފެންކަޅިވިއެވެ. އަސްލަން ޖަޒުބާތުގެ އޮއިވަރުގައި ކޮންމެފަދަ ކަމެއް ކޮށްފާނެކަމުގެ ބިރު ހީވުމާއެކު އޭނަ އަސްލަންގެ ހިތް ހަމަޖައްސައިދޭން ދޮގު ވައުދެއްވިއެވެ. ސިއާރާ އަނބުރާ ގެއަށް ގެންނާނެކަމުގެ ޔަގީންކަން ދިނެވެ. އެވަރުން އަސްލަންގެ މޮޔަ ވަގުތުކޮޅުފިލާ ތެދުވެ ހަމަޖެހިލުމުން އެރިކްއަށް ވަގުތީ ހިތްހަމަޖެހުމެއް އިހުސާސްކުރެވުނެވެ.

***

ޖަހާންގީރުއަށް ސިއާރާއަކީ އަންހެންދަރިފުޅުކަން އެނގުނީ އެރިކްގެ ފަރާތުންނެވެ. އަސްލަން ހެދި ޓެސްޓުން މާކްއަކީ ސިއާރާގެ ބައްޕަ ނޫންކަން އެނގުމުން ކުރެވުނު ޝައްކުގެ ސަބަބުން އެރިކް ބޭނުންވީ ސިއާރާގެ ބައްޕައަކީ ކާކުކަން ދެނެގަތުމަށެވެ. މަންމަގެ ވަފާތެރިކަން ސާބިތުކުރުމަށް އޭނަ ބޭނުންވިއެވެ. އެކަން އެނގުމަށްފަހު ސިއާރާއަށް ވަލީދޭން ޖަހާންގީރު ޔޫކޭއަށް އައިގޮތަށް ދަރިފުޅުގެ ކައިވެނީގެ އުފަލުގައި ބައިވެރިވިއެވެ. އަންހެންދަރިފުޅާއިމެދު ފަޚުރުވެރިވިއެވެ. އީސާއީ މަންމައެއްގެ ގާތުގައި ހުރެގެންވެސް ހިދާޔަތް ދެއްވީތީ ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ.

ޖަހާންގީރު ނިދަން ވަންތަނާހެން އެރިކް އެގެއަށް އައެވެ. އޭރު ހާރިސް އޮތީީ ސިޓިން ރޫމްގައި މިންޝާވީގެ ގުރުއާން އަޑުއަހަން ސޯފާގައި އޮށޯވެލައިގެންނެވެ.

"ތިގޮތަށް ކިޔެވީމަ އެހާ ރީތިތަ؟" އެރިކް އެހިއެވެ.

"މައި ފެވެރިޓް......މިގަޑީގައި އެރިކް ތިއައީ ކީއްކުރަން؟" ހާރިސް ގުރުއާން ޕޯސްކޮށްފައި އެރިކްއަށް ސަމާލުކަން ދިނެވެ.

"ކޮބާ ސިއާރާ.."

"ފިރިމީހާ ގާތު. މިތަނުން ފުރައިގެން ގޮސްފި..."

"ވަޓް؟ އަހަރެންވެސް މިއީ އޭނަގެ ބޭބެ. ކީއްވެ ސިއާރާ ނުވެސް ބުނެ......"

"އެނޫންގޮތަކަށް އަސްލަންގެ އުދަގޫތަކުން ސަލާމަތެއްނުވާނެ..." ހާރިސް ސިއްރުކުރާ އެހެން ވާހަކައެއް އޮތަސް އެވާހަކަ ބުނަން ބޭނުމެއްނުވިއެވެ.

"އަހަރެން ބުނިކަމެއް ކޮށްދީފާނަންތަ؟ ސިއާރާއާއި ކޮންޓެކްޓް ކުރެވޭނެގޮތް ހަދާ ދީބަލަ............." އެރިކްގެ ލޮލުގައި ވީ އާދޭހެވެ.

"ސޮރީ އެރިކް....އައި ކާންޓް.."

"ދުވަހަކު ކަމެއްކޮށްދެންޏާ......"

"އެހެން ކޮންމެ ކަމެއްވެސް ކޮށްދީފާނަން. އެކަމަކު ސިއާރާ ހުރިތަނެއް ބުނެވޭކަށް ނެތް. ސަލާމަތީ ސަބަބުތަކަށްޓަކާ. އެރިކްވެސް އަންޑަސްޓޭންޑްވާން މަސައްކަތްކޮށްބަލަ. ހަގީގަތުގައި އެރިކް ތިބޭނުންވަނީ އަދިވެސް އެ ކުއްފާރާއި ކޮއްކޮ ގުޅުވަންތަ؟ އެހެނެއްނުވާނެ ދޯ. އެމީހުންގެ ލޯބިވެސް ތަފާތުވާނެ. އެމީހުންނަށް މުހިއްމުވަނީ މެޓީރިއަލް ވޯލްޑް. އެރިކް ވިސްނާލަބަލަ. އަހަރެމެންގެ ދިރިއުޅުމަކީ ހަމަ ލޯބީގެ ވާހަކައެއް. އެކަމަކު އަހަރެމެންނާއި ހެއްދެވި ފަރާތާއިދެމެދު. އިތުރު އެހެން އެއްޗެއް ނޫން. ކޮންމެ މީހެއް،ކޮންމެ ތަޖުރިބާއެއް، ކޮންމެ ހަދިޔާއެއް، ކޮންމެ ގެއްލުމެއް، ކޮންމެ ތަދެއް އެމީހެއްގެ މަގަށް އަންނަނީ އެންމެ ސަބަބަކާއިހެދި. ހެއްދެވި ފަރާތަށް ތިމާ ގެންނަން.. ވީމަ އަހަރެމެން ލޯބިވާންވީ މާތްﷲއަށްޓަކާ. އަހަރެން ޔަގީނުންވެސް އަންހެނަކާއިހެދި މޮޔައެއްނުވާނަން. އަޅުވެރި އަންހެންކުއްޖެއް ބޭނުމީ. އާރިކް ވިސްނަބަލަ. އަހަރެމެން ދުނިޔެއަށް އައީ ކީއްކުރަން....."

"ހާރިސްގެ ލެކްޗާތައް އަޑުއަހަން..." އެރިކް ރުޅިއަންނަގޮތްވިއެވެ. ކޮއްކޮއަކީ އެންމެ ލޯބިވާ މީހާ ކަމުގައިވިޔަސް އެ ފިކުރުދެކެ އޭނަ ރުޅި އާދެއެވެ. ދުނިޔެއަށް އައީ ދުނިޔޭގައިވެސް އުޅެން ނޫންހެއްޔެވެ؟ އަންހެނުންދެކެ ލޯބިވެސް ވާން ނޫންހެއްޔެވެ؟ އެރިކް އަމިއްލައަށްވެސް އެހާވަރުން އަންހެނަކާއިހެދި އުޅެ އެބުނާ ލޯބީގެ ފޮނި އިހުސާސެއް ކުރެވިފައެއް ނެތެވެ. އެކި މީހުންގެ އިހުސާސްތަކާއި މިޒާޖުވެސް ތަފާތުވާނެއެވެ.

"لَا حَوْلَ وَلَا قُوَّۃَ اِلَّا بِاللّٰهِ الْعَلِیِّ الْعَظِیْمِ. އާރިކް ތި އެކުވެރިން ދޫކޮށް ސޯލިހުން ޚިޔާރުކުރޭ......."

"ހާރިސްއަށް ހީވަނީ ތި ގޮތަށް އުޅުމުން އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދޭކަމަށްތަ؟ އަހަރެމެން ޑޮކްޓަރުންގެ ގޮތުގައި ތިބުމުން އެންމެންގެ އިހުތިރާމާއި ލޯބި ފައިސާ އަދިވެސް ކިތަންމެ އުފަލާއި ހަމަޖެހުން ދުނިޔެއިން ލިބޭ......"

"ހުރިހާ އެއްޗެއް ލިބުނަސް ރޫހާނީ ހިތްހަމަޖެހުމެއް ނުލިބޭނެހެން ހީވޭ."

"ތިބުނަނީ ކޯންޗެއްކަމެއް ނޭގޭ. ހާރިސް. އަހަރެން ބުނާނީ އެންމެ އެއްޗެއް އަސްލަންގެ ލޯބި ވަރަށް ބާރުގަދަ. އޭނަ އެހެރީ ސިއާރާއަށްޓަކާ ފުރާނައާއި ހުރިހާ އެއްޗެއް ގުރުބާންކުރަން. ތިހާ ސްޓަބްން ނުވެ ސިއާރާއަށް ވިސްނައިދީ. ނުދަންނަ މީހަކާއެކު ދިރިއުޅުމެއް ފެށުމަށްވުރެ ސިއާރާއަށް ހުރިހާ ގޮތަކުން އެކަށީގެންވަނީ ހަމަ އަސްލަން......." އެރިކް ދެވަނަފަހަރަށްވެސް ހާރިސްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

އެރިކްގެ އާދޭސްތަކަށް ހާރިސްގެ ޖަވާބު ބަދަލެއްނުވިއެވެ. ހާރިސް ބުނީ އަސްލަންއަށް ސިއާރާ ހުރިތަނެއް އެނގުމުން ނުރައްކާވެދާނެކަމަށާއި އެންމެ ރަގަޅީ އެމީހުންގެ "ޕްރައިވެސީ" އެގޮތުގައި ބޭއްވުން ކަމުގައެވެ.

***

ކެތްރީންއާއި މާކް އެނބުރި އައުމަށްފަހު ސިއާރާ ގެއްލުނުކަން އެނގި ޝޮކެއްލިބުނެވެ. އެރިކްއާއި އަސްލަން ހަގީގަތް ސިއްރުކުރިއެވެ. މުސްލިމަކާއި ކައިވެނިކޮށްގެން ފިލައިގެން ދިޔައީކަމުގައި ބުނެފިއްޔާ އިތުރަށް ހިތް ހަލާކުވާނީ ނޫންހެއްޔެވެ؟ ފަހަރެއްގައި ގެއްލުންވެސް އެއަށްވުރެ އެމީހުންނަށް ރަގަޅުވެދާނެއެވެ. ވީ ހަމަ އެކައްޗެއް ނޫންހެއްޔެވެ؟ ސިއާރާ އެމީހުންގެ ހަޔާތުން ދުރަށް ގޮސްފިއެވެ.

ނުނިމޭ