15 May 2022, 20:24
ދައުވާ ނުކުރުމަށް ނިންމައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ދޫނިދޫގައި މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 526 ފުޅި ބަނގުރަލާއި 20 ޕެޓް ފުޅި، އާއި 1005 ބިޔަރު ދަޅުގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 10 އައިޓަމެވެ.
ފުލުހުން ނައްތާލާފައިވަނީ ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ.

ގއ. ވިލިނގިލީގައި ފުލުހުން މިއަދު ނައްތާލި ބަނގުރާ ފުޅިތައް -- ފޮޓޯ/ ޕޮލިސް
އެގޮތުން، މިއަދު ނައްތާލާފައިވަނީ ޖުމްލަ 42 މައްސަލައެއްގައި ހިމެނޭ އެވިޑެންސްއެވެ.
އިންސިޑެންޓްތަކުން ނައްތައިލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާއާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރަލެވެ.
ދޫނިދޫގެ އިތުރުންގެ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގައި ވެސް މިއަދު ވަނީ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 262 ފުޅި ބަނގުރައާއި 112 ދަޅު ބިޔަރެވެ.
ފުލުހުން ބުނީ މިތަކެއްޗަކީ ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފުން، ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.