15 May 2022, 17:20
ނިމިދިޔަ އެމްޑީޕީ ޗެއާޕާސަން އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް އެ އިންތިޚާބުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އިންތިޚާބާ ގުޅޭގޮތުން ބަހެއް ބުނެފިއެވެ.
ދާދިދެންމެ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޒް އިސްމާއީލަށް މަރުހަބާ ދަންނަވާފައެވެ.
އިންތި ވިދާޅުވީ އެ އިންތިޚާބުގައި އޭނާއަށް ކެމްޕެއިންކޮށް ވޯޓު ހޯދަން މަސައްކަތްކުރި އެންމެހައި މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމްޑީޕީން މިހާތަނަށް ނަގަހައްޓަމުން އައި ހަމަތަކާއި އަސާސްތަކާއެކު އެ ޕާޓީގައި ދެގޮތެއް ނުވެ އަބަދުވެސް ދެމި ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތި ކުރެއްވި ޓްވީޓަށް ރިޕްލައި ކުރައްވަމުން ފައްޔާޒް ވަނީ އޭނާއަށް ޝުކުރު ދަންނަވާފައެވެ.
ފައްޔާޒް ވިދާޅުވީ ވާދަވެރި އެ ސިޔާސީ ހަރަކާތުން އެނގޭ އެއްޗަކީ އެމްޑީޕީ ސިޔާސީގޮތުން ފައްކާވެފައި އޮތް މިންވަރު ކަމަށެވެ.
ވާދަވެރި ކެންޑިޑޭޓަކަށް ވިޔަސް ކުރިން ވެސް ދެންނެވި ފަދައިން އިންތިހާބަށްފަހު އެންމެން ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސަން"ގެ ހިސާބުތަކުން ދައްކާގޮތުން އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ފައްޔާޒް ހޯދީ ޖުމްލަ ވޯޓުގެ 58 އިންސައްތަ ކާމިޔާބުކޮށްގެންނެވެ. އޭނަޔާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށް ލިބުނީ ޖުމްލަ ވޯޓުގެ 42 އިންސައްތައެވެ.
އެމްޑީޕީގެ އާންމު މެންބަރުން ގިނަ ސަރަހައްދުތަަކަށް ބަލައިލާއިރު، މާލެ ސިޓީ އަދި ފުވައްމުލަކުން ކުރި ހޯދީ އިމްތިޔާޒެވެ. ނަމަވެސް، އައްޑޫ، ހުވަދޫ، އަދި ކުޅުދުއްފުށިން ވެސް ކުރީގައި އުޅެނީ ފައްޔާޒެވެ.
ބައެއް ސަރަހައްދުތަކުގެ ނަތީޖާ:
މާލެ
1. އިމްތިޔާޒް ފަހުމީ %53
2. ފައްޔާޒް އިސްމާއީލް %46
އައްޑޫ
1. އިމްތިޔާޒް ފަހުމީ %46
2. ފައްޔާޒް އިސްމާއީލް %53
ފުވައްމުލައް
1. އިމްތިޔާޒް ފަހުމީ %57
2. ފައްޔާޒް އިސްމާއީލް %42
ކުޅުދުއްފުށި
1. އިމްތިޔާޒް ފަހުމީ %33
2. ފައްޔާޒް އިސްމާއީލް %52