ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އަލަށް އެކުލަވައިލެއްވި ކެބިނެޓްގެ ހަތަރު ވަޒީރަކު އިއްޔެ ހުވާކޮށްފިއެވެ.

ހަތަރު ވަޒީރަކު ހުވާކުރީ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާއްޖަޕަކްސަ އިސްތިއުފާ ދިނުމަށްފަހު އަލަށް އެ މަގާމަށް ހޮވިފައިވާ ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވި ތާ ދެދުވަސް ފަހުންނެވެ.

މަހިންދަ ރާއްޖަޕަކްސަ އިސްތިއުފާ ދިނުމުން ކުރީގެ ކެބިނެޓް އުވާލައި އައު ކެބިނެޓްއެއް އެކުލަވާލަން ވަނީ ނިންމާފައެވެ.

އިއްޔެ ހުވާ ކުރައްވާފައިވާ މިނިސްޓަރުންގެ ތެރޭގައި ޚާރިޖީ ވަޒީރާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ހޯމް އެފެއާޒް މިނިސްޓަރާއި، އުމްރާނީ ތަރައްގީއާއި، ބާރާއި ހަކަތައިގެ ވަޒީރު ހިމެނޭކަމަށް ސްރީލަންކާގެ ރައީސް އޮފީހުން ބުނެފައިވެއެވެ. މި ހަތަރު ވަޒީރުންނަކީވެސް ސަރުކާރު ޕާޓީ ކަމަށްވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާ ޕާޓީއަށް ނިސްބަތްވާ ހަތަރު ވަޒީރުންނެވެ.

މިދިޔަ މަހުގެ ކުރީކޮޅު ގޮތަބަޔާ ރާޖަޕަކްސަ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން މަސައްކަތް ކުރެއްވި ނަމަވެސް، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، ޔުނައިޓެޑް ޕީޕަލްސް ފޯސްއިން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާފައެވެ.

އެސްއެލްޕީޕީ ޕާޓީގެ ތަރުޖަމާނު ސަގަރާ ކަރިޔަވަސަމް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ޕާޓީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އިއްޔެ ރައީސާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އަދި އެ މެންބަރުން އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ސްރީލަންކާ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައި އޮތް އިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު ރެސްކިއު ޕެކޭޖްގެ މަޝްވަރާތައް ނިމެންދެން ބޭރުގެ ލޯނުތައް ދެއްކުން ވަނީ މަޑުޖައްސާލާފައެވެ.

ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީ ތަކެތި ލިބުން ދަތިވެފައި ވަނިކޮށް މިދިޔަ މާޗް މަހު ލަންކާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފަށާފައިވެއެވެ.

މިކަމުގެ ސަބަބުން، އެގައުމުގައި ކޮންމެ ދުވަހަކު ވެސް ގިނަ އިރު ކަރަންޓު ކަނޑަން ޖެހި، ދަތުރުފަތުރާއި އާންމު ވިޔަފާރި ތަކަށް ބުރޫ އަރާފައިވެއެވެ.