21 Mar 2012, 14:56
ސަރުކާރުގެ އޮފީސްތަކުގެ ރަސްމީގަޑި ބަދަލުވި ނަމަވެސް މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އެ މުވައްޒަފުންނަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަށް އައި ބަދަލާ ގުޅިގެން ރޭ ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖިހާދު ވިދާޅުވީ ބަޖެޓް ފާސް ކުރިއިރު ސަރުކާރުގެ މުވައްޒަފުންގެ އިތުރު ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ އެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެ ކަމަށެވެ.
"ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ކޮންމެ މުވައްޒަފަކަށް ވެސް އިތުރު ގަޑީގެ މަސައްކަތްކުރޭވެނެ. އަދި އިތުރުގަޑީގައި ކުރާ މަސައްކަތަށް ދެއްވަން ޖެހޭ އުޖޫރަވެސް ލިބޭނެ،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަސްމީ ގަޑީގެ ވަގުތު ހެދުނު 8:00 އިން މެންދުރުފަހު 3:00 ބަދަލުކުރުމާއި ގުޅިގެން ބަޖެޓަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށާއި އެގޮތުން ކުރިން އޮފީސްތަކުގައި ބޭނުން ކުރުމަށް އައި މިންވަރަށްވުރެ މަދުން ކަރަންޓައި ފެނާއި އެފަދަ ވަސީލަތްތަށް ބޭނުން ކުރުމުން ހަރަދުތަކެއް ކުޑަވެގެން ދާނެ ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ރަސްމީގަޑި ބަދަލު ކުރުމުގެ ވިސްނުމަކީ އެއްގޮތަކަށް ވެސް ބަޖެޓަށް ލުއިދިނުމުގެ ގޮތުން ސަރުކާރުން ކުރެއްވި ކަމެއްނޫން ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެދުނު 7:00 ން ފެށިގެން މެންދުރު 2:30 އެވެ. ސަރުކާރުގެ ރަސްމީގަޑި 8:00 ފެށިގެން ހަވީރު 4:00 އަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑިގެންނެވުމަށް ފަހުގަ އެވެ. މިހާރުގެ ރައީސް ޑރ ވަހީދު ވަނީ އަނެއްކާވެސް ސަރުކާރުގެ ރަސްމީގަޑި ހެދުނު 8:00ން ފެށިގެން ހަވީރު 3:00 ކަމަށް ކަނޑައަޅާފަ އެވެ.